މިއީ ޤައުމީ ފެންވަރުގައި ކޮވިޑް ރިކަވަރީ ފަންޑެއް އުފައްދަންޖެހޭ ވަގުތު-  މެމްބަރ ސަލީމް

މިއީ ޤައުމީ ފެންވަރުގައި ކޮވިޑް ރިކަވަރީ ފަންޑެއް އުފައްދަންޖެހޭ ވަގުތު ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ކޮވިޓް 19 އާ ގުޅިގެން ސަރުކާރުން އިޢްލާންކުރެއްވި ޕަކޭޖާ މެދު މަޖިލީހުން ދެކޭ ގޮތެއް ކަނޑައެޅުމަށް ކުރިއަށް ގެންދަވާ ބަހުސްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމް ވިދާޅުވީ ދުނިޔެ އިކޮނިމިކް ރިސެޝަނަކަށް ގޮސްފިނަ ނަމަ އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެފަދަ ކުދި ޤައުމުތައް ކަމަށެވެ. އެކަމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކޮވީޑްގެ ސަބަބުން ދިމާވާނެ ސޯޝަލް އިކޮނިމިކް އިމްޕެކްޓް އެސެސްމެންޓެއް އަވަހަށް ހަދަންޖެހޭކަމަށް މެމްބަރ ސަލީމް ވިދާޅުވިއެވެ. އެސެސްމެންޓްގެ އަލީގައި ރިކަވަރީ ޕްލޭނެއް އެކުލަވާލައި ޤައުމީ ފެންވަރުގައި ކޮވިޑް ރިކަވަރީ ފަންޑެއް އުފައްދަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން މިފަންޑަށްފައިސާ ހޯދުމަށް މަސަސްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ދަރަނި މާފްކޮށްދޭތޯ ޗައިނާގައި އެބަ އެދެންޖެހޭކަމަށް މެމްބަރ ސަލީމް ވިދާޅުވިއެވެ. ޤައުމުގެ އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގެ އިތުރުން އެއްޤައުމު އަނެއްޤައުމަށްވެސް އެހީވާންވީ ވަގުތަކީ މިއީކަމަށް އޭނާ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ސަރުކާރު މުޅިން ބަންދުވެފައި އޮތުމަކީ މުޅިން ރަނގަޅު ގޮތެއް ނޫންކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"ވަޒިރުން ގެކޮޅުތަކުގައި ތިއްބަވައިގެން ރަސްމީ މަސައްކަތްތައް ކުރެއްވޭނެ. މިއީ ރައްޔިތުންގެ އުދާސްތަކަށް، ސުވާލުތަކަށް، ފޮނުވާ  މެއިލްތަކާއި ސިޓީތަކަށް އަވަހަށް ޖަވާބު ދޭންވީ ވަގުތު" މެމްބަރ ސަލީމް ވިދާޅުވިއެވެ.

މިއީ ޤައުމާ މެދު ފުންކޮށް ވިސްނަންވީ ވަގުތުކަމަށާއި ޚާއްޞަކޮށް ޤައުމީ ތަރައްޤީގެ ދުރު ރާސްތާ މިސްރާބާއި އިޤްތިޞާދީ ތަރައްޤީގެ މިސްރާބާ މެދު ފުންކޮށް ވިސަންން ޖެހިފައިވާ ވަގުތުކަމަށް ވެސް މެމްބަރ ސަލީމް ފާހަގަކުރެއްވިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ޙަޤީޤި މިނިވަންކަމަށް އިތުރު ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ޚަރަދުކުޑަ އެފިޝެންޓް ނިޒާމަކަށް ވިސްނަންވީ ވަގުތަކީ މިއީ ކަމަށް ވިދާޅުވިއެވެ. ފުދުންތެރި، ފަހަށްރައްކާކުރާ، ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް ބައްޓަންކުރަންވީ ވަގުތަކީ ވެސް މިއީ ކަމަށް ވިދާޅުވިއެއެވެ.

"މިއީ އަޅުގަނޑުމެން (ދިވެހިން) ވަޒިފާތަކަށް ކެރިގެން ކުރިމތިލާންވީ ވަގުތު. ބިދޭސީނަށް ބަރޯސާވުން ކުޑަކޮށް އެމީހުންގެ ފުށުން ބޭރުވާ ފައިސާ ރާއްޖޭގައި ހިފަހަށްޓަން ހިތްވަރު ކުރަންވީ ވަގުތު. ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ފޮނުވާލަންޖެހޭ ވަގުތު" ކަމަށް މެމްބަރ ސަލީމް ވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމަށް މިހާރަށްވުރެ ފުންކޮށް ވިސަނަން ޖެހޭކަމަށް ވެސް މެމްބަރ ސަލީމް ވިދާޅުވިއެވެ. ދަނޑުވެރިކަމަށް ރަށްތައް ފާހަގަކޮށް ބިންތައް ދޫކޮށް ތަމްރީނުދީ މާލީ އެހީތެރިކަން ދޭންވީ ވަގުތަކީ މިއީކަމަށް ވެސް ވިދާޅުވިއެވެ. މިކަމުގައި ވަގުތު ނަގާނުލައި އަވަހަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ޓްރާންޝިޕްމަންޓް ބަނދަރެއް މިއަދު ރާއްޖޭގައި އޮތްނަމަ އިޤްތިޞާދުގެ 33 އިންސައްތަ އުނިވިއަސް އެހާ ބޮޑު އަސަރެއް ނުކުރީސްކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޓްރާސްޝިޕްމަންޓް ބަނދަރު އެޅުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް، ސަރުކާރަށް ގޮވާލެއްވިއެވެ. ޝިޕިން ލައިން އާލާކުރަންވީ ވަގުތަކީ މިއީ ކަމަށާއި ޤައުމީ އެއަރލައިން ކުރިއަރުވަންވީ ވަގުތަކީ ވެސް މިއީ ކަމަށް ވިދާޅުވިއެވެ. ހަކަތައިގެ ދާއިރާ މިނިވަންކޮށް އިއާދަކުރަނިވި ހަކަތައާ ދިމާއަށް ދާންވީ ވަގުތަކީ ވެސް މިއީ ކަމަށް މެމްބަރ ސަލީމް ވިދާޅުވިއެވެ.

"މިއީ ކަށިވިދުރިއާއި ކޮލެރާއާއި ސިގެއްލާ އާއ ޓައިފޮއިޑްގެ ޒަމާން، އެގޭ ފަހުން ސުނާމީން އަރައިގަތް ހިތްވަރުގަދަ ދިވެހިންގެ ދިވެހި ރާއްޖެ. މިދައުލަތުގެ އިމިޔުން ސިސްޓަމް (ދިފާއީނިޒާމް) އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އިންތިހާއަށް ވަރުގަދަވާނެ. އެކަން ކާބަފައިން އޮތީ ސާބިތުކޮށްދީފައި. ކޮވިޑް 19އިން އަރައިގަނެ، މާ އުފާވެރި، މާ ފުދުންތެރި، ދުވަސްތަކެއް އިރާސަކުރެއްވިއްޔާ އަޅުގަނޑުމެން ދެކޭނެ. އަޅުގަނޑުމެންގެ ކިބައިގައި އެހިތްވަރު ހުންނާނެ." ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.