ކޮވިޑް 19: ހައްޖު ދަތުރުގެ ތައްޔާރީތައް މަޑުޖައްސާލަން ސައޫދީން އިލްތިމާސްކޮށްފި

ސައޫދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. މުޙައްމަދު ޞާލިޙު ބިން ޠާހިރު ބަންތަން އަލްއިޚްބާރިއްޔާ ޓީވީގެ ނޫސްވެރިޔަކާއެކު

ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) ހާލަތަށް އަންނަ ބަދަލަށް އިންތިޒާރުކުރުމަށް ފަހު މެނުވީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ތައްޔާރީތައް ނުފެށުމަށް މުސްލިމް ގައުމުތަކަށް އިސްލިތާސްކޮށްފައިވާ ކަމުގައި ސައޫދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

"ހައްޖު ގްރޫޕްތަކުން އަވަސް އަރައިގަނެގެން ކަންކަން ނުނިންމުމަށް އަހަރުމެން ވާނީ އެދިފައި. އެއީ މި ބަލިމަޑުކަމުގެ މިސްރާބު ސާފުވަންދެން. މިކަމަށް ވިސްނާއިރު އެންމެ އިސްކަންދީފައި ވަނީ ހައްޖުވެރިންގެ ސަލާމަތާއި އާއްމު ސިއްހަތަށް." އަލްއިޚްބާރިއްޔާ ޓީވީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. މުޙައްމަދު ޞާލިޙު ބިން ޠާހިރު ބަންތަން ވިދާޅުވިއެވެ.

"އަހަރުމެން ވާނީ މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން މިހާރު (އުމްރާއަށް ކުރިން އައިސް ނުފުރި ތިބި) އުމްރާވެރިން އެކަހެރިކޮށްފައިވާ ހޮޓެލްތަކަށް ގޮސް، އެމީހުންނަށް ދެވޭ ޚިދުމަތްތަކާއި، އެމީހުންންގެ ކަންތައް ބަލަހައްޓާ ގޮތް ބަލާފައި." މިނިސްޓަރު ބަންތަން ވިދާޅުވިއެވެ. އުމްރާގެ އަޅުކަން އަދާކުރަން މައްކާގައި ތިއްބާ ސައޫދީ އަރަބިއްޔާއިން ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ހުއްޓާލުމުން ގައުމަށް އެނބުރި ނުދެވި 1200 އެއްހާ އުމްރަވެރިން އެބަތިއްބެވެ. ސައޫދީ ސަރުކާރުން ދަނީ އެމީހުންގެ ކަންކަން ބަލަހައްޓަމުންނެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ދިމާވަނީ ޖުލައި މަހުގެ ފަހުކޮޅާއެވެ. އެހެންނަމަވެސް، ކޮރޯނާ ވައިރަސް މިހާރު ފެތުރެމުންދާ ގޮތާއި، ސައޫދީން އެ ވައިރަސް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކަށް ބަލާއިރު މިއަހަރު ހައްޖަށް މީހުންނަށް ނުދެވުމަކީ އެކަށީގެންވާ ކަމެކެވެ.

އެވްރެޖްކޮށް އަހަރަކު 2.5 މިލިއަން މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރެއެވެ. އިސްލާމްދީނުގެ ރުކުނަކަށް ވުމުގެ އިތުރަށް ޙައްުޖުގެ އަޅުކަމަކީ ސައޫދީ އިގްތިސާދަށް ގިނަ އަދަދެއްގެ ފައިސާވެސް ވައްދާ އަޅުކަމެކެެވެ.

"ސައޫދީ އަރަބިއްޔާ އޮތީ ހައްުޖުވެރިންނާއި އުމްރާވެރިންނަށް ޚިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރަށް. އެހެންނަމަވެސް، މިހާރު ހާލަތު އޮތްގޮތުން -އަހަރުމެން މިތިބީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި- އަަަހަރުމެންނަށް މުހިއްމީ މުސްލިމުންނަާއި، މި ގައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަން." މިނިސްޓަރ ބަންތަން ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަމާއި ކުރިމަތިވި ވަބާތަކުގެ ތާރީޚަށް ބަލާއިރު، މީލާދިން 632 ވަނަ އަހަރު ޙައްޖުވެރިންގެ މެދުގައި މެލޭރިޔާ ފެތުރި ގިނަ ބަޔަކު މަރުވެފައި ވެއެވެ. މީލާދީން 1821 ވަނަ އަހަރު ކޮލެރާ ފެތުރި 20 ހާސް ޙައްޖުވެރިން މަރުވެފައި ވެއެވެ. އަދި 1865 ވަނަ އަހަރު މުޅި ުދުނިޔޭގައި ފެތުރުނު ކޮލެރާ ވަބާ ހައްޖުވެރިންގެ މެދުގައި ވެސް ފެތުރި 15 ހާސް ޙައްޖުވެރިން މަރުވެފައި ވެއެވެ.  

ސައޫދީ އަރަބިއްޔާއިން މިހާރުވެސް ވަނީ ދެ ހަރަމްފުޅު ބަންދުކޮށް، އުމްރާ ދަތުރުތައް މެދުކަނޑާލައި، ބައިނަލްއަގްވާމީ ވައިގެ ދަތުރުތައްވެސް ހުއްޓާލާފައެވެ.

ކޮވިޑް- 19 ސައޫދީ އަރަބިއްޔާގައިވެސް ފެތުރެމުން ދާއިރު، އެ ގައުމުގައި އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1560 އަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި އެ ބަލީގައި 10 މީހަކު ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.