ކޮވިޑް- 19: ތުރްކްމެނިސްތާނުގައި 'ކޮރޯނާ ވައިރަސް' މި ލަފުޒު ބޭނުންކުރުން މަނާކޮށްފި

އާއްމު ތަންތަނުގައި މާސްކު އަޅައިގެން އުޅުމަކީވެސް މަނާ ކަމެއް

ތުރްކްމެނިސްތާނުގެ ރައީސު ގުރްބާންގޯލީ ބެރްދީމުހައްމަދޭވް

ކުރީގެ ސޯވިއެޓް ޔުނިއަން ރޫޅިގެން ދިޔައިރު މިނިވަންވި، މެދުތެރޭ އޭޝިޔާގެ ގައުމެއް ކަމުގައިވާ ތުރްކްމެނިސްތާނުގައި 'ކޮރޯނާ ވައިރަސް' މި ލަފުޒު ބޭނުންކުރުން މަނާކޮށްފިއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ބުނި ގޮތުގައި އެ ބައްޔާމެދު ހޭލުންތެރިކުރުމަށް އެ ގައުމުގެ ސްކޫލްތަކާއި، އޮފީސްތަކާއި، މަސައްކަތްކުރާ ތަންތަނާއި، ހޮސްޕިޓަލްތަކުގައި ބަހާ ލުއި ފޮތްތަކުންވެސް މި ލަފުޒު ވަނީ އުނިކޮށްފައެވެ.

އެގައުމުގެ ދެކުނުގައި އޮތް އީރާނުގައި 44 ހާހަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް (ކޮވިޑް- 19) ޖެހިފައިވާއިރު، ތުރްކްމެނިސްތާނަކީ މިހާތަނަށް އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވް ނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެެކެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނެފައިވާ ގޮތުގައި އާއްމު ތަންތަނުގައި މާސްކުގައި އުޅޭނަމަ، ނުވަތަ ކޮރޯނާ ވައިރަސްގެ ވާހަކަދައްކާނަމަ، އާދައިގެ ހެދުމުގައި އުޅޭ ފުލުހުން އައިސް ހައްުޔަރު ކުރެއެވެ. ތުރްކްމެނިސްތާނަކީ އެންމެ ކުޑަކޮށް ދުނިޔެއަށް ހުޅުވާލެވިފަައިވާ އެއް ގައުމެވެ.

ވެރިކަމުގެ ހުރިހާ ބާރެއް އޮންނަނީ 2006 ވަނަ އަހަރުއްސުރެ އެ ގައުމުގެ ރައީސަކަށް ހުންނެވި ގުރްބާންގޯލީ ބެރްދީމުހައްމަދޭވްގެ  އަތްޕުޅުގައެވެ. އޭނާއަށް އެ ގައުމުގައި ދީފައިވާ ލަގަބީ 'އަރްކަދަކް' އެވެ. މާނައަކީ ރައްކާތެރިކޮށްދޭ ފަރާތެވެ.

ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ތުރްކްމެނިސްތާނަކީ ދުނިޔޭގައި 4 ވަނައަށް އެންމެ ބޮޑު ގުދްރަތީ ގޭހުގެ ރިޒާވް ހުރި ގައުމެވެ. 5.8 މިލިއަން މީހުންގެ އާބާދިއެއް އޮންނަ ތުރްކްމެނިސްތާނުގެ %93.7 މީހުންނަކީ މުސްލިމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.