ކޮވިޑް- 19: ލަންޑަނުގައި އެއް ހަފުތާ ތެރޭގައި 4000 އެނދުގެ ހޮސްޕިޓަލެއް ހަދައިފި

އެކްސެލް ލަންޑަންގައި ތައްޔާރުކުރި 4000 އެނދުގެ ހޮސްޕިޓަލުގެ އެތެރެ

ލަންޑަންގެ ޑޮކްޔާޑުގައި ހުންނަ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރ (އެކްސެލް ލަންޑަން) 4000 އެނދުގެ ހޮސްޕިޓަލަށް ބަދަލުކޮށް ހުޅުވަން ތައްޔާރު ވެއްޖެއެވެ.

ގާތްގަނޑަކަށް 45 ހާސް އަކަ މީޓަރުގެ ތަނބު ނެތް ދެ ހޯލު ހޮސްޕިޓަލަކަށް ބަދަލު ކުރމުގައި ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އެހީތެރިވެ ދީފައި ވަނީ އަސްކަރީ އިންޖިނިއަރުންނާއި ދަރުމަވެރިންނެވެ. ވަގުތީ ގޮތުން ގާއިމުކުރި މި ހޮސްޕިޓަލަށް ކިޔާފައި ވަނީ 'އެންއެޗްއެސް ނައިޓިންގޭލް ހޮސްޕިޓަލް' އެވެ.

ކޮވިޑް- 19 ޖެހޭ މީހުންގެ ތެރެއިން ސީރިޔަސް ހާލަތަށް ނުދާ ބަލިމީހުންނަށް ފަރުވާދިނުމަށް ތައްޔާރުކުރި މި ހޮސްޕިޓަލް ވެގެން ދާނީ އިނގިރޭސިވިލާތުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލަށެވެ.

އެކްސެލް ލަންޑަންގެ ކޮންމެ ހޯލެއްގެ ދިގު މިނުގައި 1 ކިލޯމީޓަރު ހުންނަ އިރު ކޮންމެ ހޯލެއްގައި 2000 އެނދު ވަނީ ބޭނުންވާ ހުރިހާ ވަސީލަތާއެކު ތައްޔާރުކޮށްފައެވެ.

އިނގިރޭސިވިލާތުގައި ވެސް ހަލުވިކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުން ދާއިރު، އެންއެޗްއެސްއިން ދަނީ މިފަދަ ވަގުތީ ހޮސްޕިޓަލްތައް އެގައުމުގެ އެހެން ރަށްރަށުގައިވެސް ގާއިމުކުރަމުންނެވެ.

ޔޫރަޕުގައި އެންމެ ހަލުވިކަމާއެކު މި ވައިރަސް ފެތުރޭ ފަސްވަނަ ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުގައި މިހާރު 22 ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، 1400 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.