އިސްލާމީ ތާރީޚުގެ ތެރެއިން..... ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުން (5)

ބަޣުދާދުގެ ބުރާޘާ މިސްކިތް

(27 މާރިޗު 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މުޖުތަމައުގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތައް:

ތާރީޚާށް ބަލާއިރު، ތަފާތު ދީންތަކާއި، މަޒުހަބުތަކާއި ޖަމާއަތްތަކުގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން ޖަމާއަތުގައި ނަމާދުކުރުމާއި، ހުކުރު ނަމާދުކުރުން އެތައް ފަހަރެއްގެ މަތިން މެދުކަނޑާލަން ޖެހިފައި އެބަހުއްޓެވެ. ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހުނު އެންމެ ހުތުރު ސަބަބުކަމުގައި މިފަދަ ފިތުނަތައް ވާނެއެވެ. އެއީ އެކަމުގެ ސަބަބުން ދީނަށް ރައްކާތެރިވުމުގެ ނަމުގައި ދީން ނަގާލެވޭތީއެވެ. މިފަދަ ވާހަކަތަކުގެ ތެރޭގައި އިބްނުކަޘީރު އޭނާގެ ފޮތް 'އަލްބިދާޔާ ވައްނިހާޔާ' ގައި ހިޖުރައިން 403 ވަނަ އަހަރުގެ ހާދިސާތައް ބަޔާންކުރައްވަމުން ލިޔުއްވާފައިވާ ވާހަކަ ހިމެނެއެވެ.

އޭނާ ލިޔުއްވާފައި ވެއެވެ. "އަދި ޝައްވާލު މަހު (ބަޣުދާދުގައި) ނަސާރާއިންގެ އިސް މީހެއްގެ އަނބިމީހާ މަރުވިއެވެ. ދެން ހިތާމަފާޅުކުރާ އަންހެނުން ޞަލީބު ހިފައިގެން  އޭނާގެ ޖަނާޒާގެ ފަހަތުން ނުކުތެވެ. ހާޝިމީ ދަރިކޮޅުގެ މީހަކު މިކަމާ ނުރުހުންވެ ދެކޮޅުހެދުމުން، އެ ނަސާރާއިންގެ އިސް މީހާ ގެންގުޅޭ ބައެއް ކުދިން އޭނާގެ ބޮލުގައި މުގުރަކުން ޖަހައި، އޭނާގެ ބޯ ފަޅާލައިފިއެވެ. އެހާހިސާބުން މުސްލިމުން ނަޞާރާއިންނާ ދެކޮޅަށް ނުކުތެވެ. އަދި ނަޞާރީއިން ބަލިވެ އެމީހުންގެ ފައްޅިއެއްގައި ހިމާޔަތް ހޯދިއެވެ. ދެން އާއްމުންގެ މީހުން އެ ފައްޅިއަށް ވަދެ، އެތަނުގައި ހުރި ތަކެތި ލޫޓުވައިގެން ގެންގޮސްފިއެވެ. އަދި ބަޣުދާދުގައި ދިރިއުޅޭ ހުރިހާ ނަޞާރާއިން ހޯދައި ހަމަލާދޭން ފެށިއެވެ. މިއާއެކު ބަޣުދާދުގައި ބޮޑު ހަމަނުޖެހުމެއް އާއްމުވިއެވެ. މިކަމުގެ ސަބަބުން ބައެއް ދުވަހު ހުކުރު ނަމާދު ނުކުރެވި ދިޔައެވެ." ހަމަނުޖެހުންތައް ފެށިފައި ހުންނަނީ، މިފަދައިން ކުޑަކުޑަ ކުރިމަތިލުމަކުންނެވެ. ދެން ނިމިގެން ދަނީ ފުޅާދާއިރާއެއްގައި ކުރެވޭ ހަނގުރާމައަކަށް ބަދަލުވެ، ތަންތަން ލޫޓުވައި، މީސްތަކުންގެ ހައްގުތަކަށް އަރައިގަންނަ ހިސާބަށް ދިއުމަށް ފަހުގައެވެ. އެންމެ ފަހުން ދީނާއި ދުނިޔޭގެ ކަންތައް ހުއްޓުމަކަށް އަންނަނީއެވެ.

ހަމަ މިފަދައިން މުސްލިމުންނާ ޔަހޫދީންނާ ދެމެދު ހިނގި ހަމަނުޖެމެއްވެސް ބަޣުދާދުގެ ބައެެއް ހިސާުބުތަކަށް ފެތުރިގެން ގޮސްފައި ވެއެވެ. އިބްނުކަޘީރު ލިއުއްވާފައިވާ ގޮތުގައި ހިޖުރައިން 573 ވަނައަަހަރު، "ޔަހޫދީންނާ އާއްމު ރައްޔިތުންނާ ދެމެދު ބަޣުދާދުގައި ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ...... ދެން ހުުކުރު ދުވަސް އައުމުން އާއްމުންގެ ބައެއް މީހުން ބައެއް މިސްކިތްތަކުގައި ހުކުރުކުރުން ހުއްޓުވިއެވެ. އަދި އެމީހުން ނުކުމެ ޔަހޫދިން ތިބި ބާޒާރެއް ކަމުގައިވާ އަތަރު ވިއްކާ މީހުުންގެ ބާޒާރު ލޫޓުވިއެވެ. ދެން ޔަހޫދީންެގެ ފައްޅިއަށް ވަދެ އެތަން ލޫޓުވިއެވެ. އެ (ލޫޓުވި) ތަކުތީގެ ތެރެއިން އެންމެ ދިރުހަމެއްވެސް ފުލުހުންނަށް ނުހޯދުނެވެ."

ޔަހޫދީން އަދި ނަޞާރާއިންނާ މުސްލިމުންނާ ދެމެދު ހަމަނުޖެހުން ހިނގައި ހުކުރު ނަމާދު ނުކުރެވި ދިޔަ ފަދައިން، އިސްލާމީ ތާރީޚުގައި މުސްލިމުންގެ ތެރެއިން ސުންނީންނާއި، ޝީޢާއިންނާ ދެމެދުވެސް ވަރަށް ގިނަ ހަމަނުޖެހުންތައެް ހިނގާފައި ވެއެވެ. އަލްޙާފިޡު އިބްނުލްޖައުޒީ އޭނާގެ ފޮތް 'އަލްމުންތަޡިމު'ގައި ހިޖުރައިން 349 ވަނަ އަހަރުގެ ހާދިސާތައް ބަޔާންކުރައްވަމުން ލިޔުއްވާފައި ވެއެވެ. "ބަޣުދާދުގެ އާފަލަމުގެ ސަރަހައްދުގައި ސުންނީންނާއި ޝީޢާއިންނާ ދެމެދު ހަމަނުޖެހުމެއް ހިނގިއެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު ބުރާޘާ މިސްކިތް ފިޔަވައި ދެ ފަރާތުގެ އެއްވެސް މިސްކިތެއްގައި ހުކުރު ނަމާދު ނުކުރެއެވެ. އެއީ، ޝީޢާއިންގެ މިސްކިތެކެވެ. އެ މިސްކިތުގައި ހުކުރު ނަމާދު ކުރިއެވެ."

އެއް ބައެއްގެ ތަފާތު މަޒުހަބުތަކުގެ މެދުގައި ހަމަނުޖެހުން ހިނގައިގެެން ވެސް ޖަމާއަތުގައި ނަމާދުކުރުން މެދުކެނޑިފައި އެބަހުއްޓެވެ. ހިޖުރައިން 447 ވަނަ އަހަރުގެ ޙާދިޘާތައް ބަޔާންކުރައްވަމުން އިބްނުކަޘީރު ލިޔުއްވާފައި ވެއެވެ. (ބަޣުދާދުގައި) އަޝްޢަރީންނާއި ޙަންބަލީންގެ މެދުގައި ހަމަނުޖެހުމެއް ހިނގިއެވެ. މި ހަމަނުޖެހުމުގައި ޙަންބަލީންގެ ކޮޅު މާ ބޮޑަށްވެސް ގަދަވިއެވެ. އެހެންވެ، އަޝްޢަރީންގެ އެއްވެސް މީހަކަށް ޖަމާޢަތުގެ ނަމާދަށް ވެސް ހަދި ހުކުރު ނަމާދަށްވެސް ނުކުންނަން ނުކުރުނެވެ." (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Bodethi kankamaa laigen kuree zamaanuga ves miskithuga jamaa'athuge namaadhu dhookollaafai huri kamuge saabithu heki haththaaves..ekamaku mulhi insaaniyyathah kurimathivefavaa vabaa akaahure mi fiyavalhu elheemaves mikan inthihaa ah goas vegen
    ulhey bayakuves thibikan dhera

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.