އިސްލާމީ ތާރީޚުގެ ތެރެއިން..... ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުން (4)

1941މ. (1360ހ.) ގަައި މައްކާގެ ޙަރަމްފުޅުގައި ފެންބޮޑުވެފައި

ބޮޑެތި ޤުދުރަތީ ކާރިސާތައް:

މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން، މައްކާގެ މަސްޖިދުލް ޙަރާމް ވެސް ހިމެނޭހެން، މެދުކަނޑާލަން މަޖުބޫރުކުރުވި ޤުދުރަތީ ކާރިސާތަކެއް ވެސް އައިސްފައި ވެއެވެ. އަލްއަޒްރަޤީ (މ. 250ހ.) އޭނާގެ ފޮތް 'އަޚްބާރު މައްކާ' ގައި ލިއުއްވާފައި ވެއެވެ. 'ބާބު ބަނީ ޝައިބާ އަލްކަަބީރު' މި ނަން ކިޔާ ދޮރުކޮޅަށް ކުރިން ކިޔަމުން އައިސްފައި ވަނީ 'ބާބުއްސައިލް' އެވެ." (ސައިލަކީ އޮހިގެން އަންނަ ފެންގަނޑެވެ. ނުވަތަ ފެން ބޮޑުވެ ދެމިގެން އަންނަ ފެންގަނޑެވެ.) އޭނާ އިތުރަށް ވިދާޅުވެފައި ވެއެެވެ. "މި ސައިލުގެ ސަބަބުން މަޤާމު (އިބްރާހީމުގެފާނުގެ މަޤާމު) އެ ހުރިތަނުން ކަހާލައިގެން ގޮސް ގެފުޅުގެ ދޮރުކޮޅާ ވީ ފަރާތަށް އައިސްފައި ވުމީ އެކަށީގެންވާ ކަމެކެވެ."

އަލްޢައްލާމާ މުޙައްމަދު އަލްމުންތަޞިރުބިﷲ އަލްކިއްތާނީ (މ. 1419ހ.) އޭނާގެ ތަފްސީރު ގައި (ޙައްޖު ސޫރަތުގެ 27 ވަނަ އާޔަތުގެ ތަފްސީރުގައި) ވިދާޅުވެފައި ވެއެވެ. "މީގެ އަހަރުތަކެއް ކުރިން މައްކާގެ ޙަރަމްފުޅުގައި ފެންބޮޑުވެ ގެފުޅުގެ ދޮރުކޮޅާ ހަމައަށް (ގެފުޅުގެ ދޮރުކޮޅު ހުންނަނީ ބިމުން ފެށިގެން 7 ފޫޓު 3 އިންޗި މަތީގައެވެ.) ފެންގަނޑު އެރި ހަނދާން އަހުރެން އެބަހުއްޓެވެ. އެކަމުގެ ސަަބަބުން ޙަރަމްފުޅުގައި ނަމާދުކުރުން ދެ ދުވަހަށް މެދުކަނޑާލެވުނެވެ. އަދި ގެފުޅުގެ ވަށައިގެން ޠަވާފުކުރާ ބަޔަކު ނެތްތަން ފެނުމުން ބައެއް މީހުންނަށް ކެތްކުރެވޭ ވަރުގެ ކަމަކަށް އެކަން ނުވިއެވެ. ދެން އޭގެ ތެރެއިން ބަޔަކު ފެންގަނޑު ތެރެއަށް ފައިބައި ފަތާފައި ޠަވާފުކުރަން ފެށިއެވެ. ރަނގަޅަށް ފަތަން ދަންނަ މީހުން ޠަވާފުކުރާ ތަން ފެނުމުން ފަތަން ނުދަންނަ ބަޔަކުވެސް ފެންގަނޑުގެ ތެރެއަށް ފައިބައި ޠަވާފުކުރަން ފެށުމުން، ބަޔަކު ގެނބިގެން މަރުވިއެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކަށް މަޖުބޫރުވީ ޠަވާފުކުރުން މަނާކުރާށެވެ. އެކަަން ކުރުމުން (ފެންގަނޑުގެ ތެރޭގައި ޠަވާފުކުރުމުން) މީހުން މަރުވާތީއެވެ."

އައްޝައިޚް މުޙައްމަދު އައްޞަައްބާޣު އަލްމާލިކީ އަލްމައްކީ (މ. 1321ހ.) އޭނާގެ ފޮތް 'ތަޙްޞީލުލް މަރާމް ފީ އަޚްބާރިލް ބައިތިލް ޙަރާމް' ގައި ޙަރަމްފުޅުގައި ފެންބޮޑުވެގެން ނަމާދުކުރުން މެދުކަނޑާލަން ޖެހުނު، އަދި ބައެއް ހާލަތްތަކުގައި  ގެފުޅުން ބައެއް ވެއްޓުނު، އެތައް ހާދިސާއެއްގެ ވާހަކަ ވާހަކަ ލިއުއްވާފައި ވެއެވެ. އެހެންނަމަވެސް، ފެންބޮޑުވުމުގެ މިފަދަ ހާދިސާތައް ދިގުދެމިގެން ގޮސްފައި ނުވާކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ. އޭނާ ލިއުއްވާފައި ވެއެވެ. "ހިޖުރައިން 983 ވަނަ އަހަރު ބޮޑު ފެންބޮޑުވުމެއް އައެވެ. އަދި ޠަވާފުކުރާ ތަނުގެ ތެރެއަށް ފެންގަނޑު ވަދެ ގެފުޅުގެ ތަޅުކޮޅާ ހަމައަށް ފެންގަނޑު އެރިއެވެ. އެ ފެންގަނޑު ރެއަކާއި ދުވާލަކަށް އޮތެވެ. އަދި ޖަމާއަތުގައި ނަމާދު ނުކުރެވި ހަތް ފަހަރު (ހަތް ނަމާދު) ދިޔައެވެ."

މައްކާ ފިޔަަވައި އެހެން ސަރަހައްދުތަކުގައި ވެސް ފެންބޮޑުވެފައި ވެއެވެ. އަލްޙާފިޡު އިބްނުކަޘީރު އައްދިމަޝްޤީ (މ. 774ހ.) ލިއުއްވާފައި ވެއެެވެ. "ހިޖުރައިން 647 ވަނަ އަހަރު ބަޣުދާދުގައި ފެންބުވެ، މަޝްހޫރު ގިނަ ފިހާރަަތަކަކާއި ގެތަކެއް ހަލާކުވެ ދިޔަައެވެ. އެކަމުގެ ސަބަބުން ތިން މިސްކިތެއް ފިޔަވައި، އެހެން މިސްކިތްތަކުގައި ހުކުރު ނަމާދު ނުކުރެވި ދިޔައެވެ." އަދި އިބްނުލްފޫޠީ (މ. 723) އޭނާގެ ފޮތް "އަލްޙަވާދިޘުލް ޖާމިޢާ' ގައި ހިޖުރައިން 653 ވަނަ އަހަރު ބަޣުދާދުގައި ފެންބޮޑުވި ވާހަކަ ބަޔާންކުރައްވަމުން ލިޔުއްވާފައި ވެއެވެ.  "އަދި ހުކުރުކުރާ މިސްކިތްތަކާއި އެހެން މިސްކިތްތައް ފުނޑުފުނޑުވިއެވެ. އޭގެތެރޭގައި ބަޣުދާދުގައި އެންމެ ފުރަތަމަ ބިނާކުރި މިސްކިތް، ޖާމިޢުލް މަންޞޫރު ވެސް ހިމެނެއެވެ. އޭގެ އިތުރަށް ރުޞާފާގައި ހުރި ޖާމިޢުލް މަހްދީ އާއި ޖާމިޢުއް ސުލްޠާނާއި، ޖާމިޢުލް ޤަސްރި ފުނޑުފުނޑުވެ، ރަށުގެ ހުޅަނގުގައި ހުރި މަސްުޖިދު ޤަމަރިއްޔާގެ ބައެއް ހަލާކުވިއެވެ. މީގެ އިތުރަށް ވެސް އެތައް މިސްކިތެއް ހަލާކުވިއެވެ." ޝައްކެއްނެތް ގޮތުގައި މިހާހިސާބަށް ކަންތައް ދިއުުމުގެ ނަތީޖާއަކީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކެނޑިގެން ދިއުމެެވެ.

އަލްޙަސަން ބިން މުޙައްމަދު އަލްޢައްބާސީ އައްޞަފްދީ (މ. 717ހ. ގެ ފަހުން) 'ނުޒްހަތުލް މާލިކް ވަލްމަމްލޫކް' ގައި ބަޔާންކުރައްވާފައިވާ ގޮތުގައި ހިޖުރައިން 717 ވަނަ އަހަރު ލުބްނާނު (ލެބެނަން) ގެ ބަޢުލަބައްކު (ބާލްބެކް) ގައި ވަރަށް ބޮޑަށް ފެންބޮޑުވިއެވެ. އެ ފެންބޮޑުުވުމުގެ ސަބަބުން މިސްކިތައް ހަލާކުވެ، މިސްކިތްތަކުގައި ނަމާދުނުކުރެވި ދިޔައެެވެ. އެ ފެންބޮޑުުވުން ސިފަކުރައްވަމުން އޭނާ ލިއުއްވާފައި ވެއެވެ. "އެ ސައިލާ ދިިމާވި ކޮންމެ އެއްޗެއް ދިޔައީ ހަލާކުކުރަމުންނެެވެ. ........ މިގޮތުން ގެދޮރު ސުންނާފަތިކޮށްލިއެވެ. މުދާތައް ނައްތާލިއެެވެ. ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ޣަރަގުކޮށްލިއެވެ. އަދި އެންމެ ފަހުން (އެ ސައިލު) އެންމެ ބޮޑު މިސްކިތް ފުނޑުފުނޑުކޮށްލިއެވެ..... އަދި އެހެން މިސްކިތްތައް ފުނޑުފުނޑުވެ ނަމާދުކުރުން ހުއްޓުމަކަށް އައެވެ." (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.