ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންގެންދާ މަސައްކަތަށް އެއްވެސް ލުޔެއް އަދިވެސް ނުލިބޭ ކަމަށް އައިޖީއެމްޗުގެ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސް ބްރީފިންގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން މިހާރު 8 މީހުން ބަލިން ފަސޭހަވިޔަސް އަދިވެސް އެއީ ލުއެއް ކަމަށް ދެކިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އަދިވެސް މިތިބީ ކުރިންވެސް ތިބި ސްޓޭންޑުގައި. އަޅުގަނޑުމެންގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރަމުން މިދަނީ،" ޑރ. ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން އިތުރު ކޭހެއް އަދި ފެނިފައި ނެތަސް ރާއްޖެއިން ބޭރުގައި ކޮވިޑް-19 ފެތުރެމުންދާތީ އަދިވެސް ރާއްޖެއަށްއޮތް ނުރައްކާ ކުޑައެއް ނޫންކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެސް އިއްޔެ ވިދާޅުވީ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވެސް ބަލި ކޮންޓްރޯލް ނުވާހާ ހިނދަކު ރާއްޖެއަށް އޮތް ނުރައްކާ ކުޑައެއް ނުވާނެ ކަމަށެވެ.
"އިތުރު ޕޮޒިޓިވް ކޭސްއެއް ނުފެނި ﷲގެ ރަހުމަތުން މިހިސާބަށް އާދެވިފައިވުމީ ވަރަށް ބޮޑު ހިތްހަމެ ޖެހުމެއް. އެހެންނަމަވެސް އަޅުގަޑުނެންގެ ހާލަތު ބަދަލުނުވާނެ ކަމަށް ނީންމީއެއްނޫން. އަޅުގަނޑުމެން އަދިވެސް މިތިބީ ކުރީގައި ވެސްތިބި ސްޓޭންޑުގައި. މިހާރުވެސްއަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދީގެން މިކަންދުނިޔޭގައި ބަދަލުވަމުންދާގޮތް ބަލަހައްޓައިގެން ތިބެން މިޖެހެނޭ،" ޑޮކްޓަރ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލި ރަނގަޅުވެގެން މޮނިޓަރ ކުރަމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގައި ތިބި އިޓަލީގެ ދެމަފިރިން ކަމަށެވެ. އެހެން މީހުންވަނީ މިނިޓަރިން އިން ދޫކޮށްލައިފައެވެ. އެހެންނަމަވެސް އެމީހުންވެސް ކަރަންޓީންގެ މުއްދަތު ހަމަކުރަން ޖެހޭނެއެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުން ގެންދަނީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ދެ މީހަކާއި، އަނަންތަރާ ދިގުން ޕޮޒިޓިވްވި ދެ މީހަކާއި އައިލެންޑް ސަފާރީން ޕޮޒިޓިވްވި މީހާއެވެ.