ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު 1:00 އަށް ފުލުހަށް ހާޒިރުވެވަޑައިގެންނެވުމަށް ފުލުހުން އަންގަވާފައިވާ ކަމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީގެ ޤާނޫނީ ޓީމުގައި އިސްކޮށް އުޅުއްވާ ޑރ. ޖަމީލް ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރައްވާތީ ނުރުހުން ފާޅު ކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިފައިވާ ކަން ރޭ ވަނީ ޔަގީން ކުރެވިފައި ކަމަށެވެ. އެހެންނަމަވެސް ރައީސް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަށްވުރެ މުހިންމު ކަމެއް ފުލުހުންނަށް ނެތީތޯ ވެސް ކުރީގެ ނާއިބު ރައީސް ވަނީ ސުވާލު އުފައްދަވައިފައެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމުން މިއީ އެކަކު އަނެކަކަށް ހަމްދަރުދީވާން ވީ ވަގުތު ކަމަށެވެ. އެކަމަކު ފުލުހުން މިއަދުވެސް އަވަސް ވެގަތީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަން ކަމަށް ވިދާޅުވިއެވެ.

"މުޅި ރާއްޖެއަށް ރޭގައި ލިބުނީ ބޮޑު ސިހުމެއް. ނުރައްކާތެރި ރޯގާ ރާއްޖެއިން ފެނުނު ޚަބަރު. އެކަކު އަނެކަކަށް ހަމްދަރުދީވާންވީ ވަގުތު މިއީ. އެކަމަކު ޕޮލިސް އިން އަވަސްވެގަތީ މިއަދު 1:00 އަށް ރައީސް ޔާމީން އަނެއްކާ ވެސް ތަހުގީގަށް ހާޒިރުކުރަން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރާތީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވެސް ވަނީ ފާޑުވިދާޅުވެފައެވެ. ރާއްޖެއިން ކޮރޯނާ ވައިރަސް ފެނި އެކަމުގެ ހިތާމައިގައި އެންމެން ތިއްބައި ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އިސްވެ ވަޑައިގެންނެވީ ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާ އިސްކޮށް ފުލުހަށް ހާޒިރު ކުރަން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.