މުގާބިލާ - 32

(5 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ސުލައިމާންް ވަރަށް ގިނަ އިރު ވާންދެން ހޭލައި އޮތެވެ. އިބިލީހަށް ހުށަހަޅާނޭ އެދުންތަކަކާ މެދު ވިސްނައި ފިކުރު ކުރަނީއެވެ. މުއާހަދާ ލިޔުނު އިރު އޭނާގެ ސިކުނޑީގައި އޮތީ އެންމެ ޚިޔާާލެކެވެ. އެއީ އިބިލީސް ބަލިކުރުމުގެ ޚިޔާލެވެ. އޭނާގެ ފުރަތަމަ މަގުސަދު ހާސިލު ވެއްޖެއެވެ. ފުރަތަމަ އެދުން ފުދުނީމާ މުޅި އުމުރު ދުވަހު ފަގީރުންނަށް ކާންދީދީ ހުރެވިދާނެއެވެ. ރަށު އެންމެން ކާން އަޔަސް ފިކުރު ކުރާނޭ ކަމެއް ނެތެވެ.

ދެވަނަ އެދުމުގެ ޗާޓެއް މިހާރުވެސް އޭނާގެ ސިކުނޑީގައި އެބައޮތެވެ. މާދަމާ ކަރުދާހުގައި ލިޔެ އެކަށައަޅާނީއެވެ. ތިން ވަނަ އެދުމާ މެދު ވިސްނާން އަދި ވަގުތު އެބައޮތެވެ.

ތިންވަނަ އެދުން ވާން ޖެހޭނީ ޝައިޠާނާ ގަބޫލު ނުކުރާ ވަރުގެ އެދުމަކަށެވެ. އެ އެދުމެއް ފުއްދައިދޭން ދެކޮޅު ހަދާ ވަރުގެ އެދުމަކަށެވެ. އެފަދަ އެދުމެއް ހުށަހެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޝައިޠާނާގެ އެދުމުގެ މަތީން އެއްބަސްވުމުގައި ހިމެނި މާއްދާއަކީ ވަރަށް ބާރު ގަދަ މާއްދާއެކެވެ. އެއީ ހެޔޮ ކަމަކަށް މަޖުބޫރު ނުކުރުމާއި ނުބައި ކަމަކަށް ހުރަސް ނޭޅުމުގެ މާއްދާއެވެ. އިބިލީސް އެ މާއްދާ ހިމެނުވީ ވަރަށް ބޮޑަށް ވިސްނާފައިކަން ޔަގީނެވެ. އެކަމަކުވެސް ޝައިޠާނާ ބަލި ކުރެވޭނޭ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާގެ ހިތުގައި އެބައޮތެވެ. ބޮޑު ފާފަވެރިއެއްގެ އަތުން ބަލިވުމަށްވުރެ ބޮޑު ކަމެއް އިބިލީހަކަށް ނޯންނާނެއެވެ. އެއީ އޭނާ ޖަހަންނަމައަށް އެއްލައިލެވޭންދެން ހަނދާން ނެތޭނޭ ކަމެއް ނޫނެވެ.

މި ވިސްނުމުގެ ތެރޭގައި އޮވެ އޭނާ ނިދައިފިއެވެ.

އަނެއް ދުވަހު އޭނާ ކުރި މަސައްކަތަކީ ރަށުގައި ހުރި ހުސް ބިންތައް ބެލުމެވެ. ހިތްހަމަ ޖެހޭ ކަހަލަ ތަނެއް ފެނުނީމާ ދެން ދިޔައީ ކުރަހާ މީހެއްގެ ގާތަށެވެ.

* * *

ރޭގަނޑު ބަރާާބަރު ބާރަ ޖެހިތަނާ އިބިލީސް ސުލައިމާންގެ ކޮޓަރިއަށް ވަދެއްޖެއެވެ. "އަން... މި އޮތީ ކަލޭގެ ފުރަތަމަ އެދުން ފުއްދާފައި." އޭނާ ސުލައިމާނަށް ދިއްކޮށްލީ ބޭންކަށް ފައިސާ ޖަމާކުރި ރަސީދެވެ. ސުލައިމާން އެ ރަސީދު ފައިލަކަށް ލައިފިއެވެ.

"ދެވަނަ އެދުމަކީ ކޮބާ؟"

ސުލައިމާން އޭނާގެ ފައިލުން ކުރެހުމެއް ނަގައި އިބިލީހަށް ފޯރުކޮށްލިއެވެ. "މި ކުރެހުމުގައި މިވަނީ ހަތަރު ހާސް އަކަ ގަޒުގެ ބިމެއް. މި ބިމުގައި ކުރެހުމުގައި އެވާ އިމާރާތް ސައުވީސް ދުވަހުގެ ތެރޭގައި އަޅައި ނިންމާ. ބިމާއި އިމާރާތް ހުންނާން ވާނީ އަހަރެންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި. އަހަރެންގެ ދެވަނަ އެދުމަކީ މިއީ."

"އެންމެ ރަނގަޅު. ތިޔަކަން ގަޑިއަށް ކޮށް ނިންމައިލާނަން. ތިންވަނަ އެދުމަކީ ކޮބާ؟"

"ތިންވަނަ އެދުމުގެ ވާހަކަ ބުނާނީ ބިމާއި އިމާރާތުގެ ލިޔުންތައް އަހަންނާ ހަވާލު ކުރީމާ."

އިބިލީސް ހިނގައްޖެއެވެ.

ވިދިގެން އައި ހަަތަރު ހަފުތާ ވެގެން ދިޔައީ ސުލައިމާނަށް ވަރަށް ބުރަ ހަތަރު ހަފުތާ ކަމުގައެވެ. އެންމެ ފުރަތަމަ އޭނާ ދިޔައީ ބޭންކަށެވެ. ފައިސާ ޖަމާ ވެއްޖެކަން ޔަގީން ވީމާ ދެން ދިޔައީ ވަކީލެއްގެ ގާތަށެވެ. ކާންދޭ ޖަމިއްޔާ ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ވަކީލާ ހަވާލު ކުރީމާ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އޭނާ ޖަމިއްޔާ ރަޖިސްޓަރީކޮށް ނިންމައިފިއެވެ. ޖަމިއްޔާގެ ނަމަކަށް ސުލައިމާން ހަމަޖެއްސީ  "ދަރުމަވެރި ކާގެ" އެވެ.

އެ ދުވަސްކޮޅުގެ ތެރޭގައި އޭނާ ގެންދިޔައީ އިމާރާތުގެ މަސައްކަތް ކުރިއަށް ދާ ގޮތްވެސް ބަލަމުންނެވެ. ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރަމުންދާތަން ފެނުނެވެ. ބުނެފައި އޮތް މުއްދަތަށްވުރެ މާ އަވަހަށް ނިމޭނޭކަން އޭނާއަށް ޔަގީނެވެ.

އެކަމަކު ތިން ވަނަ އެދުމުގެ މަތީން ހަނދާންވީމާ އޭނާ ކުޑަކޮށް ކަންބޮޑުވާ ގޮތް ވެއްޖެއެވެ. ރެޔާއި ދުވާލު ވިސްނަމުން ގެންދަނީ އެކަމާ މެދުގައެވެ. އޭނާ ޢަދްނާނާވެސް ވާހަކަ ދެއްކިއެވެ. އެކަމަކު ރަނގަޅު ބުއްދިއެއް ކުރެވޭ ގޮތެއް ނުވިއެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް ހާސްކަން ދިޔައީ ބޮޑު ވަމުންނެވެ. ކަނޑައެޅިފައިވާ މުހުލަތުގެ ތެރޭގައި އިބިލީހަށް ގަބޫލު ނުކުރެވޭ ފަދަ އެދުމެއް ހުށަނޭޅުނިއްޔާ އޭނާގެ ފުރާނަ އިބިލީހާ ހަވާާލު ކުރެވުނީކަން އޭނާއަށް އެނގެއެވެ. އެއީ އޭނާއަށް ޚިޔާލަށް ގެންނާންވެސް އުނދަގޫ ކަމެކެވެ. ތިމާއަކީ ކިހައި ވަރުގެ ބޮޑު ފާފަވެރިއެއްކަން އޭނާއަށް އެނގެއެވެ. އެކަމަކު އިބިލީހުގެ ކުރިމަތީގައި ބަލިކަށިވެ އިސްދަށަށް ޖެހުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވެއެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. އޭނާގެ ފިކުރު ބޮޑު ވަމުން ދިޔައެވެ. ކާގޭގެ މަސައްކަތް ކުރިއަށް ދާ މިންވަރު ފެނުނީމާ ވަގުތު ކުޑަތަންވާ މިންވަރުވެސް އޭނާއަށް އިހުސާސް ވަމުން ދިޔައެވެ. އޭނާގެ ޢަޒުމަށް ލޮޅުން އަރަމުންދާ ކަމުގެ އިހުސާސްވެސް ކުރެވޭން ފަށައިފިއެވެ. އިބިލީސް ވަގުތުން އިންކާރު ކުރާ ކަހަލަ އެދުމެއް ޢަދްނާނަކަށްވެސް ވިސްނައެއް ނުގަނެވުނެވެ.

އެންމެ ފަހުން އެ ދުވަސް އައިސް އަރައި ހަމަކޮށްފިއެވެ. ޢިމާރާތް ނިންމައި ހަވާލު ކުރާން ބުނެފައި އޮތް ދުވަހަށް އިރު އަރައިފިއެވެ. މިރެއަކީ އޭނާގެ ތިން ވަނަ އެދުން ހުށަހަޅާން ޖެހޭ ރެއެވެ.

އެ ދުވަހު އޭނާ ބަލައިލީ އިރު އިމާރާތް ހުރީ މުޅިން ނިމިފައެވެ. ކުލަ ލައިވެސް ނިންމައިފައެވެ. އޭނާ ގެއަށް ދިޔައީ މާޔޫސް ވެފައި ހުރެގެންނެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކުން އޭނާއަށް ވެދެވޭނޭ އެހީއެއް ނެތްކަން އޭނާއަށް ޔަގީނެވެ. އެކަމަކު ﷲ އަކާއި އޭނާޔަކާ އެއްވެސް ގުޅުމެއް ނޯވެއެވެ. އޭނާއަކީ ފާފަވެރި އިންސާނެކެވެ. އޭނާ އަޖައިބެއް ފަދަ ކަންބޮޑުވުމެއްގެ ތެރޭގައި ހުރެ ވުޟޫ ކޮށްލިއެވެ. އަދި ދެ ރަކްޢަތް ނަމާދެއް ކުރުމަށް ފަހު ސަޖިދައަށް ތިރިވެއްޖެއެވެ. "ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނކޮ. މިއަޅާއަކީ އިބަ ﷲ ގެ ޙަޟްރަތަށް ކުއްތަންވާ ވަރަށްވުރެ މާ ވިޔާނުދާ ފާފަވެރިއަކީމެވެ." އޭނާ ގިސްލަމުން ދުޢާ ކުރަމުން ދިޔައެވެ. "އިބަ ﷲ އަކީ ހިތްތަކުގެ ހާލަތު މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ. މި އަޅާ މި ދަނީ އިބިލީހާ ހަނގުރާމަ ކުރަމުންނެވެ. އޭ ރަޙީމްވަންތަ، ފާފަ ފުއްސަވާ ﷲއެވެ. ޢާލަމްތަކުގެ ވެރި ﷲއެވެ. މިއަޅާއަށް އަލި މަގެއް ދައްކަވައިފާނދޭވެ. އިބިލީހުގެ ކުރިމަތީގައި މި އަޅާ ބަލިކަށި ނުކުރައްވާނދޭވެ."

ކުޑަ ކުއްޖެއްހެން އޭނާ ރޮމުން ދަނީއެވެ. ގިސްލަމުން ދަނީއެވެ. ބައެއް ފަހަރަށް ނޭވާ ހުއްޓެނީއޭ ހީވާ ފަހަރުވެސް އެބަ އާދެއެވެ. ހިތުގެ ހިނގުން ބަންދު ވެއްޖެއޭ ހީވާ ފަހަރު އެބަ އާދެއެވެ. ސައިޖަދައިގައި އޮވެވުނީ ކިހައި އިރަކު ކަމެއް ނޭނގެއެވެ. އޭނާ ހޭނެތިއްޖެއެވެ.

ހޭ އެރީ ކިހައި އިރަކުން ކަމެއްވެސް ނޭނގެއެވެ. އެކަމަކު ހޭ އެރި އިރު އޭނާގެ ބިރުވެރިކަން ފިލައިފިއެވެ. ހިތް ގަރާރު ވެއްޖެއެވެ. އޭނާ ތެދުވެގެން ގޮސް އަނެއްކާވެސް ވުޟޫ ކޮށްފިއެވެ. އަދި ކީރިތި ޤުރްއާން ހިފައިގެން އިށީނދެ ކިޔަވާން ފަށައިފިއެވެ. ކިޔަވަމުން ދިޔަ ވަރަކަށް އޭނާގެ ސިކުނޑި ހުޅުވެމުން އަލިވަމުންދާ ކަމުގައި އޭނާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. އެ ވަގުތު އޭނާގެ ސިކުނޑިއަށް އެ ވަން ޚިޔާލުގެ ސަބަބުން އުފަލުން ނަށައިނުގަނެވުނީ ކިރިޔާއެވެ. އިބިލީސް ބަލިވާނޭ ގޮތް ﷲ އިރާދަ ކުރައްވައިފިއެވެ. އޭނާގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބާން ފަށައިފިއެވެ. އުފާވެރިކަމުގެ ކަރުނައެވެ.

އޭނާ ކީރިތި ޤުރްއާން އެއް ފަރާތުގައި ބާއްވައިފައި ޝުކުރުގެ ސަޖިދައަަށް ތިރިވެއްޖެއެވެ. "ޔާ ﷲ. އިބަ ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ. ކުރިމަތީގައި ސާފުކޮށް ފެންނާން ހުންނަ ކުދިކުދި ކަންތައްތައްވެސް ﷲ ގެ ތައުފީގާ ނުލައި އިންސާނާއަކަށް ނުފެނެއެވެ. އެކަމަކުވެސް ނިކަމެތި އިންސާނާ ހެދިގެން އުޅެނީ ތިމާ ވަރުގެ ބުއްދިވެރި ކުޅަދާނަ މަޚްލޫގަކު ނެތް ކަމުގައެވެ. އިބަ ﷲ އަށް ހާސްފަށުން ޝުކުރާއި ޙަމްދު ހުއްޓެވެ."

މިހާރު އޭނާ އިންތިޒާރު ކުރަމުން އެ ގެންދަނީ ޝައިޠާނާ އަންނާނޭ ވަގުތަކަށެވެ.

"ކަލޯ އަންނާށެވެ. ކަލެއަކީ ހަމަ ހަގީގަތުގައިވެސް ބަލިކަށި ސޮހޮލެއްކަން ދައްކައިލާނަމެވެ."

* * *

ރޭގަނޑު ބާރަ ޖެހުމާއެކު އިބިލީސް އަތުވެއްޖެއެވެ. ސުލައިމާނާ ތަޅުދަނޑިއެއް ހަވާލުކުރުމަށް ފަހު ބުންޏެވެ. "ކަލޭގެ ދެވަނަ އެދުން މި އޮތީ ފުއްދައިފައެވެ."

ސުލައިމާން ތަޅުދަނޑީގައި ހިފައިފިއެވެ. "އަހަރެން އަމިއްލައަށް ބަލައިލާން ބޭނުން."

"ތިޔަކަން އަހަންނަށް އެނގޭ. ހިނގާ... އަހަރެންގެ އަތުގައި ހިފާ." އިބިލީސް ބުންޏެވެ.

ސުލައިމާން އޭނާގެ އަތުގައި ހިފައިފިއެވެ. ދެވަނަ ސިކުންތުގެ ތެރޭގައި އޭނާ ހުރީ ކާގޭގެ އިމާރާތުގެ ކައިރީގައެވެ. ދޮރާށި ހުޅުވައިލާފައި އޭނާ އެތެރެއަށް ވަދެއްޖެއެވެ. އިމާރާތް ހުރި ބައިގެ އިތުރަށް ގޯތީގައިވެސް ބޮޑު ބައެއް ހުހަށް އޮތެވެ. އިމާރާތުގެ ތެރެއަށް ވަދެގެން އޭނާ ބަލަމުން ދިޔައެވެ. މީހުން ކާން ތިބޭ މާލަން ހަދައިފައި ހުރީ ވަރަށް ބޮޑު ކޮށެވެ. މުޅި ތަން ހަަދައިފައި ހުރީ އޭނާ ދިން ކުރެހުމާ އެއް ގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. "މިތަން ހަދަން ބޭނުންކުރި ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެތި ދޯ؟"

"އަހަރެން މިއީ އަަހަރެންގެ ޕާޓީގެ މީހުންނަށް މަކަރު ހަދާ މީހެއް ނޫން." އިބިލީސް ކުޑަކޮށް ނުރުހިފައި ބުންޏެވެ. "ކަލޭމެން ކަަހަލަ އިންސާނުންގެ ބަޔަކާ ހަވާލު ކުރި ނަމަ ކޮންމެވެސް މަކަރެއް ހަދާނެ."

"އެންމެ ރަނގަޅު. އެނބުރި ގެއަށް ހިނގާ."

އެތަނަށް ދިޔަ ގޮތަށް އެ ހަލުވި މިނުގައި ގެއަށް އަތުވެއްޖެއެވެ. އިބިލީސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. "ދެން ތިންވަނަ އެދުން ހުށަހަޅާ."

"އެންމެ ފުރަތަމަ ބިމާއި އިމާރާތުގެ މިލްކުވެރިކަމުގެ ލިޔުން ދީ."

އިބިލީސް ލިޔުންތައް ސުލައިމާނާ ހަވާލު ކޮށްފިއެވެ. އޭނާ ލިޔުންތައް ބަަލައިލުމަށް ފަހު ފައިލަށް ލައިފިއެވެ. އަދި އެއްކަލަ މުއާހަދާ ފައިލުން ނަަގައިފިއެވެ. މުއާހަދާގައި ކުރިން ލިޔުނު މާއްދާތައް ލިޔުމަށް ފަހު އެދުންތައް ލިޔަން ހުރިތަން ހުރީ ހުހަށް ދޫކޮށްލައިފައެވެ. އޭނާ ފުރަތަމަ އެދުން ލިޔާން އޮތް ތާނގައި ލިޔެލިއެވެ. "ވިހި އަރަބު ރުފިޔާ." ދެން އެ އަދަދާ ދިމާގައި "ފުރިހަމަ ކޮށްފި" މިހެން ލިޔެލިއެވެ. ދެވަނަ އެދުމުގެ ތަފުސީލު ލިޔެފައި އެތާނގައިވެސް ފުރިހަމަ ކޮށްފި ކަމަށް ލިޔެފިއެވެ.

"ކަލޭގެ އަތުގައި އޮތް މުއާހަދާ ގެނޭ."

"ކީއްކުރަން؟" އިބިލީސް ޝައްކުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ.

"ތިން އެދުމުގެ ތަފުސީލު ލިޔަން. މުއާހަދާ ފުރިހަމަ ވާނީ އޭރުން."

އިބިލީސް ޖެހިލުންވެފައި ހުރެމެ މުއާހަދާ ސުލައިމާނާ ހަވާލު ކޮށްފިއެވެ.

އޭނާ ދެންމެ އެދުންތަކުގެ ތަފުސީލު ލިޔުނު ނަކަލު އިބިލީހަށް ދިއްކޮށްލިއެވެ. "އަދި އެއް ފަހަރު މި ރަނގަޅަށް ކިޔައިލާ."

"ކީއްކުރަން؟"

"މީގައި ލިޔުނު އެއްޗެއް ހަނދާނަށް ގެންނާން. އަހަރެންގެ ތިން ވަނަ އެދުން ކަލެއަށް ފުރިހަމަ ނުކުރެވިއްޖެއްޔާ ނުކުރެވުނު ކަމަށާއި މުއާހަދާ އުވުނީ ކަމަށް ލިޔެފައިވާ އިއުތިރާފުގެ ލިޔުމެއްގައި ކަލޭ އިނގިލީގެ ނިޝާން ޖަހަން ވާނެ." ސުލައިމާން ފައިލުން އެހެން ލިޔުމެއް ނަގައި އިބިލީހަށް ފޯރުކޮށްލިއެވެ.

އިބިލީސް އެޔަކު ނުހިފިއެވެ. "އެކުވެރިޔާ... ތިޔަހެންނެއް ނުވާނެ. ތިންވަނަ އެދުންވެސް އަހަރެން ފުރިހަމަ ކުރާނަން. އެޔަކު އެއްވެސް ޝައްކެއް ނެތް."

"ކަލެއަށް ޔަގީންކަން އޮތިއްޔާ އެންމެ ރަނގަޅު. އެކަމަކުވެސް މި ލިޔުން ކިޔައިލާ. އަދި މުއާހަދާގެ ކޮޕީ ގެނޭ. އަހަރެން ތިންވަނަ އެދުން ލިޔެލާނަން."

އިބިލީސް މުއާހަދާ ދީފައި ސުލައިމާން ދިން އިއުތިރާފުގެ ލިޔުން ކިޔާން ފަށައިފިއެވެ.

ސުލައިމާން މުއާހަދާގައި އޭނާގެ ތިންވަނަ އެދުން ލިޔެލިއެވެ. އަދި އެއް ފަރާތުގައި "ފުރިހަމަ ކުރާން ދެކޮޅުހެދީ." މިހެން ލިޔެލިއެވެ. ދެ ކޮޕީގައިވެސް މިހެން ލިޔުމަށް ފަހު އެއް ކޮޕީ އިބިލީހަށް ދީފިއެވެ. "މިއޮތީ އަހަރެންގެ ތިންވަނަ އެދުން. ފުރިހަމަކޮށް ދީ."

އިބިލީސް މުއާހަދާ އަތުލައިގެން ކިޔައިލިއެވެ.

އެ ވަގުތު ދުނިޔޭގެ ހިނގުން ހުއްޓުނު ކަހަލައެވެ. އިބިލީހުގެ ނޯށުން ދުން އަރާން ފަށައިފިއެވެ. ކަރު ތެރެއިން ނުބައި އަޑެއް ނުކުތެވެ.

ސުލައިމާން ހުރީ އިބިލީހާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެންނެވެ.

"މިއީ ކޮން ސަކަރާތެއް؟" އިބިލީސް ރުޅިވެރިކަމާއެކު އަހައިލިއެވެ.

"ތިޔައީ އަހަރެންގެ ތިންވަނަ އެދުން." ސުލައިމާން ސާދާކަމާއެކު ބުންޏެވެ.

"މިކަހަލަ އެދުމެއް ހުށަހަޅާން ކަލެއަށް ކެރުނީ ކިހިނެއް؟" އިބިލީސް ތުރުތުރު އަޅާން ފަށައިފިއެވެ.

(ނުނިމޭ)

8 ޚިޔާލު

  1. އިބިލީހުގެ ނޭވާ އުފުރޭނީ ސުލައިމާނު އޭތީގެ ކަރަށް ވަރުގަދަ މަޅިގަނޑެއް މަހައިލީތީ.ކުރިއަށް އޮތް ބަޔަށް ވަރަށް އިންތިޒާރުކުރަން

  2. ނަޢީމް ބޭބޭ.ތިދިނީ އަނިޔާއެއް އިނގޭ.ވަރުގަދަ ހިސާބަކުން މިއަދަށްވާ ބައި މިނިމުނީ.އިންތިޒާރު ކުރުން ނޫން ގޮތެއް ނެތް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.