މުގާބިލާ - 31

(4 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ޗާންސެލަރު ހެޔޮަލަފާ މީހެއްގެ ފަހަތުން އަޅައިގަނެގެން ހިނގާތާ ވަރަށް ގިނައިރު ވެއްޖެއެވެ. ކުއްލިއަކަށް އޭނާގެ މޭމަތީގައި ހަރުކޮށްފައި ހުންނަ ކަޅުކުލައިގެ ބޮކި ނިވިއްޖެއެވެ. އޭނާ ހުއްޓިއްޖެއެވެ. އެއީ ކޮންމެވެސް ޝައިޠާނަކު އޭނާޔާ ބައްދަލުކުރުން ލާޒިމުވީމާ އަންނަ އިޝާރާތެކެވެ.

އޭނާއަށް އެ ގޮވަނީ ބާތިލްކަން އެނގިއްޖެއެވެ. އޭނާ ވިލާތައް ފޫއަޅުވަމުން އުދުހިގެންފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ހުރީ ބާތިލްގެ ކޮޓަރިތެރޭގައެވެ. "ކިހިނެއްވީ؟ ކޮން ކަމެއް ލައިގަތީ؟" އޭނާ ހަރުކަށި އަޑަކުން ސުވާލު ކުރިއެވެ.

ބާތިލް ބިރުން ހުރެމެ އޭނާޔާ ދިމާވީ ކަންތައްތައް ތަފުސީލުކޮށް ކިޔައިދީފިއެވެ. ޗާންސެލަރު ހިނިތުންވާތަން ފެނުނީމާ އޭނާ ހައިރާންވިއެވެ.

"ދެން ކަލޭ ތުން ދަމައި އޫކޮށްގެން ތިޔަ ހުންނަނީ ކީއްވެގެން؟" ޗާންސެލަރު އަހައިލިއެވެ.

"މާތް މަނިކުފާނު. މިއީ އަޅުގަނޑުގެ ފުރަތަމަ އަމަލީ މަސައްކަތް... އެހެންވީމާ..."

"ތިޔަ ކަމަކުން ކަލޭގެ ގާބިލު ކަމަކަށްވެސް މަގާމަކަށްވެސް އެއްވެސް އަސަރެއް ނުކުރާނެ. އެއީ ކަލެއަށް ހިފަހައްޓައިލެވޭ ވަރުގެ އާދަމުގެ ދަރިއެއް ނޫން. އަހަރެން ކަލެޔާ އޭނާ ހަވާލު ކުރީ އަހަރެން ނޫން އެހެން އެއްވެސް މީހަކަށް ނުކުރެވޭ ވަރުގެ ކަންތައްތައް ހުންނަކަން ދައްކައިލާން ވެގެން."

"މާތް މަނިކުފާނު. އެކަމަކުވެސް އަޅުގަނޑު ވަރަށް ބޮޑަށް ލަދުގެންފި."

"އަޅާނުލާ. އަހަރެން އަމިއްލައަށް އޭނާ ހަމަޔަކަށް އަޅުވައިލަފާނަން. ކަލެއަށް މާދަމާ އައު މަސައްކަތެއް ހަވާލު ކުރާނަން."

"ޝުކުރިއްޔާ ޢިއްޒަތްތެރި ޗާންސެލަރު."

"ދެން އަރާމު ކޮށްލާ."

* * *

ސުލައިމާން އޮތީ އަރާމުގައި ނިދައިފައެވެ. އޭނާއަށް ހޭލެވުނީ ކޮޓަރި ތެރޭގައި މީހަކު އުޅޭކަމުގެ އިހުސާސް ކުރެވިގެންނެވެ. ލޯ ހުޅުވައިލުމާއެކު ފެނުނީ އާދަޔާ ޚިލާފު ބިރުވެރި ސިފަޔަަށް ހުރި މަޚުލޫގެކެވެ. ކަށި ފަޅައިފައި ހުރި ތާޖެއް ބޮލުގައި އޮތެވެ. އެ ތާޖުގެ ތެރެއިން ދެ ދަޅު މައްޗަށް ނުކުމެފައި ހުއްޓެވެ. ބޮޑު ދެ ފޭރާދަތް ފެންނާން ހުއްޓެވެ. މޫނުގެ ކުލައަކީ ކަޅު ކުލައެވެ. ނިދާ ބޮކީގެ އަލީގައި އެ މަލްޢޫނުގެ ސިފަ ދެނެގަތުން ފަސޭހައެއް ނޫނެވެ.

ސުލައިމާން އަވަސްއަވަހަށް ތެދުވެ އިށީނދެއްޖެއެވެ. "އަހަރެންގެ ހުއްދައެއް ނެތި މިތަނަށް ވަދެގަތީ ކީއްވެގެން؟"

ޝައިޠާނާ ހީކޮށްގެން ހުރީ ސުލައިމާން ބިރު ގަންނާނޭ ކަމަށެވެ. އޭނާގެ ކަންތައް ހުރި ގޮތުން މުޅީން މާޔޫސް ވެއްޖެއެވެ. އަދި ހައިރާންވެސް ވެއްޖެއެވެ. "އަހަރެން މި އައީ ކަލޭގެ އެދުމަކަށް."

"އެހެން ވެއްޖެއްޔާ އަންނާން ވަނީ ޗަރުކޭހުގައި އުޅޭ ކަހަލަ ޖޯކަރެއްގެ ސިފަ ޖައްސައިގެންތަ؟ މިތާނގައި ފެންސީ ޑްރެސް ޕާޓީއެއް އޮތީތަ؟"

ތައުހީނުގެ އިހުސާސް ކުރެވުނީމާ އިބިލީހުގެ މޫނު ކުރިއަށްވުރެ ކަޅު ވެއްޖެއެވެ. "އަހަރެން މި އައީ ކަލެޔާ ވިޔަފާރީގެ ވާހަކައެއް ދައްކާން ވެގެން. އެހެންވީމާ ތައުހީނު ނުކޮށް ވާހަކަ ދައްކާ."

"ކުރާނަން. ފުރަތަމަ ކަމަކަށް ކަލޭ މި ތަނަށް ތިޔަ ވަދެގަތީ އަހަރެންގެ ހުއްދަޔަކާ ނުލައި. ދެވަނަ ކަމަކަށް އަހަރެންގެ ނިދި ހަލާކު ކޮށްލައިފި. ތިންވަނަ ކަމަކަށް ތިޔަ އައީ މުޑުދާރު ސިފައެއްގައި ހުރެގެން. ކަލޭ ދުވަހަކުވެސް ލޯގަނޑެއްގެ ކުރިމައްޗަށް ހުއްޓުނިންތަ؟" ސުލައިމާން މަލާމާތް ކޮށްލިއެވެ. "ދެން ތިޔަ ދައްކަނީ ވިޔަފާރީގެ ވާހަކަ. އެއީ އަހަރެން ބޭނުން ވެގެން އުޅުނު ކަމެއް ނޫން. އެކަންވެސް ބޭނުން ވެގެން އުޅެނީ ކަލޭ. ބޭނުމިއްޔާ ވާހަކަ ދައްކާ. އެހެން ނޫނީ ރައްކާވޭ."

އިބިލީސް ގަސްތުކުރީ އެވާހަކަޔާވެސް އަޅައިނުލައި މަގުސަދާއިގެން ކުރިއަށް ދާށެވެ. އެ ހުރިހައި ތައުހީނެއްގެ ބަދަލު ފަހުން ހިފާނީއެވެ. "ކަލޭ އަހަރެން ދެކެ ބިރެއް ނުގަނޭތަ؟" އޭނާ މަޑުމައިތިރިކަމާއެކު އަހައިލިއެވެ.

"ބިރޭ؟" ސުލައިމާން ފަޚުރުވެރި ރާގަކަށް ބުނެލިއެވެ. "އާދަމުގެ ދަރިން ކަލޭ ދެކެ ބިރު ގަންނަ ކަމަށް ހީކުރަނީތަ؟ އަހަރެމެންގެ ކުޑަ ކުއްޖަކަށް ކަލޭ ފެނިއްޖެއްޔާ ގާ އުކާނެ. ފަހަތުން ހަޅޭއްލަވަމުން ދުވާނެ. އެ މީހުންނަށް ކަލޭ ވާނީ ޖޯކަރަކަށް... ހުނ... ބިރު ގަނޭހޭ..؟"

"އެންމެ ރަނގަޅު. ތިޔަ ވާހަކަ ބާއްވާފައި ވިޔަފާރީގެ ވާހަކަ ދައްކަމާ ބަހީ."

"ވިޔަފާރީގެ ވާހަކަ ކީއްކުރަން... މިހާރު ކަލޭ ތިޔަހަރަ ސިފައިގައި ހުއްޓާ އިށީންނާށޭވެސް އަހަރެން ނުބުނާނަން."

"ކަލޭ ބޭނުން ވަނީ ކޮން ކަމެއް؟" ޝައިޠާނާ ކަންބޮޑު ވެފައި ހުރެގެން އަހައިލިއެވެ.

"ކަލޭގެ އަސްލު ސިފައިގައި އަހަރެންގެ ކުރިމައްޗަށް އާދޭ. ސިފަ ބަދަލުކޮށްގެން އަންނަ ބެހެރޫޕިޔާއިންނާ އަހަރެން ވާހަކަ ދައްކައެއް ނޫޅެން. އެއީ މަކަރުވެރިން."

"އަނ... މިހިރީ..." އިބިލީސް ހިނިތުންވެލިއެވެ.

ދެވަނަ ހިނދުކޮޅުގައި އިބިލީސް އެ މަރުދޫދުގެ އަސްލު ސިފައަށް ބަދަލު ވެގެންފިއެވެ.

ސުލައިމާން އެ ކަލޭގެޔާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލާން ފަށައިފިއެވެ. ކޮންމެވެސް ދުވަސްވަރެއްގައި ރީތި ސިފައެއް ދެއްވި ގޮލައެއްހެން ހީވެއެވެ. އެކަމަކު އެތައް ހާސް ގަރުނެއްގެ ލަޢުނަތުގެ ސަބަބުން ސިފައަށް ވަނީ ނަޖިސް ބަދަލުތަކެއް އައިސްފައެވެ. ބަލަހައްޓައިގެން ހުންނާން އުނދަގޫ ކަހަލަ ހަޑި މުޑުދާރު ސިފައެކެވެ.

"ހާދަހާއި ވަރަކަށޭ ތިޔަ ބަލަނީ؟" އިބިލީސް ހީނގަތެވެ. "އަހަރެން ރީތި ކަމުން ހައިރާން ވަނީތަ؟"

"ތިޔަ މަލްޢޫނު ސިފަ ފުރަތަމަ ފަހަރަށް ފެނުނީމާ ޢިބުރަތް ލިބިގަންނަނީ. ކަލޭގެ ސިފައާއި އުޅުމުގެ ވިޔާނުދާ ކަމަކީ އަހަރެން ދުވަހަކުވެސް ޝައްކު ކުރި ކަމެއް ނޫން."

"އަހަންނަށް ލަޢުނަތް ލައްވައިފައިވާ ވަރުން ތިޔަ ކަހަލަ މަލާމާތަކުން އަހަންނަކަށް އަސަރެއް ނުކުރޭ. އެކަމަކު އަހަރެންގެ ޕާޓީގެ މީހެއްގެ ފަރާތުން މަލާމާތެއް ރައްދުވީމާ އަސަރު ކުރޭ."

"އެހެން ދޯ..؟ އިށީނދޭ." ސުލައިމާން ހަރުކަށިކަމާއެކު ބުނެލިއެވެ.

އިބިލީސް އިށީނދެއްޖެއެވެ. "އަހަރެންގެ ހުށަހެޅުން ކަލެޔާ ހަމައަށް އަތުވެއްޖެއެއްނު؟ ކަލޭ އެ ހުށަހެޅުމާ ދެކޮޅު ހަދަނީތަ؟"

"ނޫނޭ. ދެކޮޅު ހަދަނީއެއް ނޫން. އަހަރެން ބޭނުންވީ ސީދާ ކަލެޔާ ވާހަކަ ދައްކައިގެން ނިންމާން. ތިންވަނަ ދަރަޖައިގެ ޝައިޠާނުންނާ ވާހަކަ ދެއްކުމަކީ އަހަރެންގެ އަގު ވެއްޓޭ ކަމެއް."

"ކަލޭ ހީކުރަނީ ކަލެއަކީ މާާ މޮޅު މާ ބޮޑު މީހެއް ކަމަށްތަ؟"

"ބަލަން ހުރޭ. ކަލެއަށްވެސް އެކަން އެނގިދާނެ." ސުލައިމާން ހިނިތުންވެލިއެވެ. "އަހަރެން މިއީ މީހަކު ދައްކާހައި ވާހަކައަކަށް އިތުބާރު ކުރާ މީހަކީމެއް ނޫން. އަހަރެން އިތުބާރު ކުރަނީ ލިޔުމަށް."

"ތިޔަ ކަހަލަ ވާހަކައެއް މީގެ ކުރީން މީހަކު ނުދައްކާ." ޝައިޠާނާ ބުންޏެވެ.

"އަހަރެން މިއީ ޤާނޫނީ ވަކީލުކަން ކިޔަވައިގެން ހުރި މީހެއް. އެލްއެލްބީ ފާސް އެބައޮތް." ސުލައިމާން ފަޚުރުވެރިކަމާއެކު ބުނެލިއެވެ. "އަހަރެން ކޯޓުގައި ވަކާލާތެއް ނުކުރަން. އެކަމަކު މިއަދު ވަކީލުކަންވެސް ކޮށްލާނަމޭ ހިތަށް އެރީ... އެ ވާހަކަ ދެއްކުމުގެ ކުރީން އަހަރެން ކޮށްލާން ބޭނުންވާ ސުވާލެއް އެބައޮތް. އެއީ ހަމައެކަނި އަހަރެންގެ މައުލޫމާތަށްޓަކައި."

"ސުވާލު ކުރޭ."

"ސުވާލަކީ އަހަންނާ ބެހޭ ގޮތުން ކަލެއަށް އެނގެނީ ކޮން ކަންކަމެއްހޭ؟"

"ކަލެއަކީ އަހަރެންގެ ޕާޓީގެ މީހެއްކަން އެނގޭ. ކަލޭގެ ހޮބީއަކީ ބާޖީމެރުން... ހަރާދު ކިޔުން. އެއީ އަހަރެން ވަރަށް ގަޔާވާ ކަމެއް. ލޯބިކުރާ ކަމެއް."

"އަހަރެން މިއީ ކަލޭގެ ޕާޓީގެ މީހެއް ކަމަށް ވަންޏާ އަހަރެންގެ ފުރާނަ ގަންނަނީ ކީއްކުރަން؟ ކޮންމެވެސް ހެޔޮލަފާ މީހެއްގެ ފަހަތުން ދުވަންވީނު؟"

"އެ ހުންނަނީއަކީ ކަލެއަށް އެނގޭ ކަހަލަ ކަންކަމެއް ނޫން."

"އެންމެ ރަނގަޅު. އަހަރެން މުއާހަދާއެއް ލިޔެލާނަން."

"ލިޔޭ."

ސުލައިމާން މުއާހަދާގެ ދެ ކޮޕީ ލިޔެފައި އެއް ކޮޕީ އިބިލީހަށް ފޯރުކޮށްލިއެވެ. އިބިލީސް ކިޔާން ފަށައިފިއެވެ. "ތިން އެދުން ފުރިހަމަކޮށް ނުދެވިއްޖެ ހާލަތެއްގައި މުއާހަދާ އުވޭނެއެވެ. އެކަމަކު މުއާހަދާގައިވާ ގޮތުގެ މަތީން ދީފައި ހުރި އެއްވެސް އެއްޗެއް އަނބުރައި ގެންގޮސްގެން ނުވާނެއެވެ. މިއީ އެންމެ ރަނގަޅު ވާހަކައެއް." އިބިލީސް ބޯ ޖަހައިލިއެވެ. "އެކަމަކު ބުނަންތަ؟ އެއީ ވާނޭ ގޮތެއް ނޫން. އަހަރެން ކަލޭގެ ތިން އެދުން ފުރިހަމަކޮށް ދޭނަން. އަހަރެންގެ ޝަރުތެއްވެސް ހިމަނައިލާ. ކަލޭ އެއްވެސް ނުބައި ކަމަކުން އަހަރެން ދުރު ކުރުވާން އުޅެގެން ނުވާނެ. އަދި ހެއު ކަމަކަށް މަޖުބޫރުކޮށްގެން ނުވާނެ."

ސުލައިމާން އިބިލީސް ބުނި ޝަރުތު ހިމަނައިލިއެވެ.

އިބިލީހުގެ ހިތްހަމަޖެހިއްޖެއެވެ. "މިހާރު ރަނގަޅު. ސޮއިކޮށްލާ."

"މީގައި ކުރާނީ ސޮޔެއް ނޫން." ސުލައިމާން ބުނެލިއެވެ. "ދެމީހުންވެސް ޖަހާނީ އިނގިލީގެ ނިޝާން. ނިޝާން ޖަހާނީ އަމިއްލަ ލެއިން. މިއީ ތާރީޚީ މުއާހަދާއެއް. އިބިލީހާއި އިންސާޔާ ދެމެދު ކުރެވޭ ފުރަތަމަ ޤާނޫނީ މުއާހަދާ."

"އެންމެ ރަނގަޅު. ތިޔަ ގޮތާވެސް އަހަރެން ރުހެން."

އިބިލީސް އެ ސޮރުގެ ކަނާތު އިނގިލިން ލޭ ދުއްވައިލައިގެން ވާތު ބޮޑުވާ އިނގިލީގައި ހޭކުމަށް ފަހު ސޮއި ކުރާން އޮތް ތާނގައި އިނގިލީގެ ނިޝާން ޖަހައިލިއެވެ. ސުލައިމާންވެސް ހަމަ އެ ގޮތަށް އޭނާގެ އިނގިލީގެ ނިޝާން ޖަހައިފިއެވެ. އަދި އެއް ކޮޕީ އިބިލީހަށް ދީފިއެވެ.

"ދެން ކަލޭގެ އެދުމުގެ ވާހަކަ ދައްކާ. ބޭނުމީ ކޮން ކަމެއް." އިބިލީސް އަހައިލިއެވެ. "ކަލެއަށް ތިރީސް ދުވަސް އެބައޮތް. ފަހުން ބުންޏަސް އެންމެ ރަނގަޅު."

"ތިޔަކަން އަހަންނަށް އެނގޭ. އެކަމަކު އެއް އެދުން މިހާރު އަހަރެން ހުށަހަޅާނަން. މި އޮތީ އަހަރެންގެ ބޭންކު އެކައުންޓު ނަންބަރު." ސުލައިމާން ކުޑަ ކަރުދާސްކޮޅެއް އިބިލީހަށް ފޯރުކޮށްލިއެވެ. މި އެކައުންޓަށް މާދަމާ ވިހި އަރަބު ރުފިޔާ ޖަމާކޮށްފައި އަހަންނަށް ރަސީދު ގެނެސްދީ."

"އެހައި ގިނަ ފައިސާއިން ކަލޭ ކުރާނީ ކީއް؟"

"އެއީ ކަލެޔަކާ ބެހޭ ކަމެއް ނޫން."

"އެންމެ ރަނގަޅު. މާދަމާރޭ ބާރަ ޖަހާއިރު އަހަރެން ރަސީދު ގެނެސްދޭނަން." އިބިލީސް މިހެން ބުނެފައި ހިނގައްޖެއެވެ.

(ނުނިމޭ)

7 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.