މާލޭ ސިޓީކައުންސިލަށް ބޭނުންވަނީ ހީވާގި ލީޑަރޝިޕެއް: ޑރ. މުޢިއްޒު

މާލެ ސިޓީ ކައުންސިލަށް ހީވާގި އަދި ކެރޭ ލީޑަރޝިޕެއް ބޭނުންވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތި ލައްވާފައިވާ ކުރީގެ ހައުސިލް މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މުޢިއްޒު އެހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭން "މަގޭ ރާއްޖެ" އިފްތިތާހު ކުރުމަށް މާލޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވުނުނަމަ މިދިޔަ އަހަރު ޖުލައި ގައި ކިންގް ސަލްމާން މިސްކިތް ހުންނާނީ ހުޅުވިފައި ކަމަށެވެ. އަދި ރިންގުރޯޑުގައި ތާރު އެޅި މާލޭ ސަރަހައްދުން ހިއްކަންޖެހޭ ބައެއް ސަރަހައްދުތައް ހުންނާނީ ހިއްކިފައި ކަމަށް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުން ބޭނުންވަނީ އަވަސް ތަރައްގީއެއް ކަމަށެވެ. އެކަން ކުރެވޭނީ ހިތްވަރާއެކު ނުގުޑާ އަޒުމެއްގައި ތިބި ލީޑަރ ޝިޕެއް މާލެ ސިޓީ ކައުންސިލަށް ހޮވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ ޙާލަތު މިހާރުވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށާއި ރައްޔިތުން ބޭނުންވަނީ އަވަސް ސްޕީޑުގެ ތަރައްގީ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. މާލޭގެ ޙާލަތުގެ އިތުރުން ގައުމުގެ ހާލަތުވެސް މިހާރުވަނީ ވަރަށްބޮޑަށް އޮޔާ ގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އިތުރަށް ގައުމު އޮޔާ ދިޔަ ނުދިނުމަށް ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމަށް ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މުޢިއްޒު ވިދާޅުވީ މާލެއަށް ދިމާވެފައުވާ ބޯހިޔާވަހިކަން ހައްލު ކުރެއްވުމަށްޓަކައި އެތައް ހާސް ރައްޔިތުންނަށް ފުލެޓު ލިބޭނެ ކަމުގެ ލިޔުން ރައީސް ޔާމީންގެ ސަރުކާރުގައި ހަވާލު ކުރެވިފައިވާނެ ކަމަށެވެ.  އެހެންނަމަވެސް މިހާރު އެކަން އޮތީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާއަށް މާލޭ ސިޓީ ކައުންސިލުން ފުރުސަތު ދީފިނަމަ، މާލެ ސާފުކޮށް، ތިމާވެއްޓާ ރައްޓެހި އެތައް ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ޕާކިން ޒޯން ހަދައި، ތަހުޒީބު ތަނަކަށް މާލެ ހަދަންޖެހޭ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.