ޖިނާއީ މައްސަލަތަކުގެ މަޢުލޫމާތު އެކަމާ ގުޅުންހުރި ފަރާތްތަކަށް ދޭން ފަށައިފި

ފުލުހުންނަށް ހުށަހަޅާ ޖިނާއީ މައްސަލަތަކުގެ ތަހުގީގާ ބެހޭ މައޫލޫމާތު އެސްއެމްއެސް މެދުވެރިކޮށް އެކަމާ ގުޅުންހުރި ފަރާތްތަކަށް ދޭން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅުމުން އެމައްސަލަ ހުށަހެޅިފައިވާ ކަމާއި، އެ މައްސަލަ ކޭސްކުރާ ހިސާބުން، ކޭސް ނަމްބަރާއެކު މައްސަލަ ތަހުގީގު ކުރުމަށް ކަނޑައެޅޭ އިންވެސްޓީގޭޝަން އޮފިސަރުގެ މައުލޫމާތު ޙިއްސާ ކުރަމުން ގެންދާ ކަމަށެވެ. އަދި ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓް ކުރަން ފޮނުވުމުން ނުވަތަ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ފައިލްކުރުމުންވެސް އެ މައްސަލަ ހުށަހަޅާފަރާތަށް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިފަހަރު މި ގެނެވުނު ބަދަލާއެކު، ކުރިން ހިއްސާކުރަމުން ގެންދިޔަ މައުލޫމާތުގެ އިތުރުން، މައްސަލައިގެ ތަހުގީގުގައި އިންވެސްޓިގޭޝަން އޮފިސަރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކުރަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ބަދަލުގެ ސަބަބުން، ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު، މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ކުރިއަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިއީ ފުލުހުންގެ 2019 އިން 2024 އަށް ކަނޑައަޅާފައިވާ އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޓްރާންސްފޮމޭޝަން ލަނޑުދަނޑީގެ ދަށުން ހާސިލްކުރަން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް ގެނައި ބަދަލެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.