ދިވެހި ތާރީޚަށް މިއަދު ދަނީ ތާޒާކަމާއި އާރޯކަން ލިބެމުން: މިނިސްޓަރ ޔުމްނާ

ފޮޓޯ: ރައީސް އޮފީސް

ދިވެހި ތާރީޚަށް މިހާރު ދަނީ ތާޒާ ކަމާއި އާރޯކަން ލިބެމުން ކަމަށް ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ތާރީޚު ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

ރާއްޖެގާއި މިއަދު ފާހަގަކުރާ ތާރީޚު ދުވަސް ނިސްބަތް ކުރެވެނީ ރަސްމީ ގޮތުން ތާރީޚު ލިޔުއްވަން ފެއްޓެވި އަލްޤާޟީ ޙަސަން ތާޖުއްދީނު އަވަހާރަވީ ދުވަހަށެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ތާރީޚާއި ތަރިކައަށް ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ދުވަސްތަކެއް ދިޔަ ކަމަށެވެ. އެހެންނަމަވެސް މިހާރު މިދަނީ އަލުން އެއަށް ދިރުން ލިބެމުން ކަމަށެވެ. އެކަހެރިކުރެވިފައި އޮތް ދިވެހި ގައުމިއްޔަތު އަލުން ނަގަހައްޓަވައި ތާރީޚުގެ މައްޗަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދެއްވާ އެއްކަންތައް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "މިގޮތުން ދިވެހި ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ތަރިކައާއި ތާރީޚާ ގުޅޭ ވުޒާރާއެއް ސަރުކާރުން އުފައްދަވާފައިވާ ކަމީ މިކަމުގެ އަލިގަދަ ހެއްކެކެވެ. މީގެ ކުރިން ކަންކުރަމުން ދިޔަ އުސޫލާ ޚިލާފަށް މިއަދު ރާއްޖޭގެ ފަޅުރަށްރަށް ރިސޯޓްފަދަ ތަންތަން ތަރައްގީކުރުމަށް ދޫކުރުމުގެ ކުރިން އެރަށެއްގައި އެއްވެސް އާސާރީ ތަރިކައެއް ހުރި ނެތްތޯ ބަލައި އެފަދަ އެއްޗެއް ހުރި ނަމަ އެ ރަށެއް ދޫކުރެވެނީ އެތަންތަން ހިމާޔަތްކުރުމާ އެކު އެވެ. އަދި އަޅާލުން ނުލިބި ހުރި އާސާރީ ތަންތަން އާބާތުރަފިލުވައި ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި، އިހުގެ ފަތްފުށްތައް މި ޒަމާނުގެ ވަސީލަތްތަކުގެ އެހީގައި ގިނަ ދުވަހަށް ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެ ގޮތްތައް ހެދުމާއި ތާރީޚަށް އާންމުންގެ ހޭލުންތެރިކަމާ ޝައުގުވެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ތާރީޚަށް މިއަދު ދަނީ ތާޒާކަމާ އާރޯކަން ލިބެމުންނެވެ." މިނިސްޓަރ ގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

އެކަމަނާގެ ޚިތާބުގައި ވިދާޅުވެފައިވަނީ ދިވެހީންނަކީ ދެހާސް ފަސްސަތޭކައަށްވުރެ ގިނަ އަހަރުވީ ދިގު މާޒީއެއް ލިބި އޮތް އަމިއްލަވަންތަ ޙަޟާރަތެއްގެ ވެރިބައެއް ކަމަށެވެ. ޤައުމުގައި މީހުން މަދުވެފައި ކުޑަޔަސް ދިވެހީންނަކީފަޚުރުވެރި ދިގު ތާރީޚެއް ލިބިފައިވާ ބައެއްކަމަށް ވެސް އެކަމަނާ ވިދާޚުވެފައިވެއެވެ. "ބާރު ގަދަ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކުގެ މައްޗަށް ވެރިވެ އުޅުނު ޒަމާންތަކުން ފެށިގެން މިއަދާއި ހަމަޔަށް އަމިއްލަވަންތަ ބައެއްގެ ގޮތުގައި ދިވެހީންނަށް އަމިއްލަ ގައުމެއް ލިބި އޮތް އޮތުމަކީ މި ދެންނެވި ބަހުގެ އެންމެ އަލިގަދަ ދަލީލެވެ. މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް ބުނެދިނީ ތާރީޚެވެ. އެ ތާރީޚު ލިޔެފައިވާ މުސްކުޅި ފަތްކޮޅުތަކާއި ރާދަވަޅިތަކާއި ލޯމާފާނުތަކާއި އަދި ލިޔެވި ކިތާބުކުރެވެމުން އައި އެހެނިހެން ޒަރީއާއިންނެވެ. މިއަދުގެ ތަސައްވަރަކީ ލިޔެވިފައިވާ މި ލިޔުންތައް އިތުރަށް ދިރާސާކުރުމުގެ ރޫޙު ކުރިއަރުވާ އަންނާން އޮތް ޖީލުތަކަށް އަމާނަތްތެރިކަމާއެކު ފޯރުކޮށްދިނުމެވެ. އަދި މިއަދުގެ ހާދިސާތައްވެސް ތަޢައްސުބުތަކުން އެއްކިބާވެ ހުރެ ލިޔުމަށް ބާރުއެޅުމެވެ.،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ތާރީޚު ލިޔުމަށް ސަރުކާރުން އެންމެ ފުރަތަމަ ފެއްޓެވީ މީލާދުން 1700 ގެ އަހަރުތަކުގެ ކުރީކޮޅު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ ކީރިތި މަހާރަދުންގެ ރަސްކަމުގައި ކަންވެސް އެކަމަނާ ވަނީ ފާހަގަ ކުރައްވައިފައެވެ.  މަޝްހޫރޫ ތާރީޚު ޢިލްމުވެރިޔާ  އެއިރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލްޤާޟީ ޙަސަން ތާޖުއްދީނުލް ގަމަވީ ކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރގެ ޚިތާބުގައި ވަނީ ފާއިތުވެދިޔަ ސައްތައިގެ ތެރޭގައި ދިވެހި ތާރީޚު  ހޯދާ ދިރާސާކުރެއްވި ރާއްޖޭގެ ތާރީޚު އިލްމުވެރިންނާއި ބޭރުގެ ބޭފުޅުންގެ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އެ މަސައްކަތްތައް މިއަދު ފެންނަން ނެތްނަމަށް  ތާރީޚާގުޅޭ އެތައް މައުލޫމާތެއް މިއަދާއި ހަމަޔަށް ފެންނާން ނެތީސް ކަމަށް ވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.

ތާރީޚު ދުވަސް ފާހަގަކުރެވެމުންދާއިރު ދިވެހި ރާއްޖޭގެ ތާރީޚަށް ނުހަނު ބޮޑު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މުއައްރިޚުންގެ ނަން ފާހަގަކޮށްލަން ޖެހެއެވެ. "އެ ބޭފުޅުންގެ ގަލަންކޮޅުތަކުން ދިވެހި ތާރީޚުގެ މައްޗަށް ލިޔުއްވައިފައި ނުވި ނަމަ އެތައް ހާސް އަހަރެއްވީ މި ގަދީމީ ދިވެހި ހަޟާރަތުގެ އެވޭލާކަން މިއަދުގެ ޖީލުތަކާ ހަމަޔަށް ފޯރައިފައިނުވީހެވެ." މިނިސްޓަރގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ. އެކަމަނާވަނީ ރާއްޖޭގެ ތާރީޚުގެ މައްޗަށް ލިޔުއްވާފައިވާ ހެންރީ ޗާރލްސް ޕާރވިސް އާއި،  އެޗް.ސީ.ޕީ ބެލް އާއި، ކްލެއަރެންސް މެލޮނީއާ ބާރނާޑް ކޮޗެލިންއާ ޒޭވިޔާ ރޮމީރިއޯ ފްރިއާސް އާއި އަދި ތޯ ހައިދާލު ފަދަ ބޭބޭފުޅުންގެ ނަން ފާހަގަ ކުރައްވައިފައެވެ. އަދި ލާރސް ވިލްގަންގެ ނަންވެސް އެކަމަނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އޭގެ އިތުރަށް އަލްމަރްޙޫމް މުޙައްމަދު އިބްރާހިމް ލުތުފީއާއި، އަލްމަރްހޫމް އަހުމަދު ޝަފީޤާއި، އަލްމަރްހޫމް ޙަސަން އަހުމަދު މަނިކާއި އަލްމަރްޙޫމް މުޙައްމަދު ވަޙީދު ނަދުވީ ފަދަ ބޭބޭފުޅުންގެ ނަންފުޅުތައް ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Thihen vidhaalhu viyas mifennanee ehen kulathakeh fevemun dhaathan. mihaaruge gina mainbafainnah amilla rashuga ulhey iruves rashu bahuruvain dharifulaa muaamalaaiy kuran kamunudhey.lhajeelu bodah ahuluveri vamun dhanee in'gireysi bahah..saafu Dhivehi bahun vaahaka dhakkan un'dhagoo.. Dhivehi in'gireysi mas,hunikoggen noonee mahaaruge kudheennah emme jumala evves bunelan dhathi.
    ! hithaama huri

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.