ނިއުދިއްލީގައި ކުރިއަށް ދިޔަ މުޒާހަރާއެއް ހަމަނުޖެހުމަކަށް ބަދަލުވެ 5 މީހުން މަރުވެއްޖެ

އިއްޔެ ނިއުދިއްލީގައި ހަމަނުޖެހުން ހިނގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުން ފާއިތުވި އަހަރު ފާސްކުރި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ގާނޫނު، ސިޓިޒެންޝިޕް އެމެންޑްމަންޓް އެކްޓް (ސީއޭއޭ) އާ ދެކޮޅަށް ވެރިރަށް ނިއުދިއްލީގައި އިއްޔެ ކުރިއަށް ދިޔަ މުޒާހަރާއެއް ހަމަނުޖެހުމަކަށް ބަދަލުވެ 5 މީހުން މަރުވެ 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ ހެޑް ކޮންސްޓެބްލްއެއްވެސް ހިމެނެވެ. ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި އާއްމުންގެ ތެރެއިން މަރުވި ހަތަރު މީހުންވެސް މަރުވެފައި ވަނީ ބަޑީގެ ވަޒަން އަރައިގެންނެވެ.

ނިއުދިއްލީގެ ޖާފަރްއާބާދާއި، ޗާންދްބާޣާއި އަދި އެހެން ބައެއް އަވަށްތަކުގައި ސީއޭއޭއާ ދެކޮޅަށް މުޒާހަރާކުރި މީހުންނާ، ސީއޭއޭއަށް ތާއީދުކުރާ މީހުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތައް ހިނގައި ފިހާރަތަކާއި، ގެތަކާއި، އެއްގަމު އުޅަނދުތަކުގައި ރޯކޮށް، ތަންތަނަށް ގެއްލުން ދީފައިވާއިރު، ފުލުހުން ވަނީ ހަމަނުޖެހުން ހިންގި މީހުން މައިތިރިކުރަން ކަރުނަ ގޭހާއި، ލަޓިބުރި ބޭނުންކޮށްފައެވެ.

ހަމަނުޖެހުން ކޮންޓުރޯލުކުރަން އުޅުމުގެ ތެރޭގައި މުޒާހަރާކުރި މީހުން އުކި ގަލުން ޖެހި ލިބުނު އަނިޔާގެ ސަބަބުން ނިއުދިއްލީ ފުލުހުންގެ ހެޑް ކޮންސްޓެބްލް ރަތަން ލާލް ވަނީ މަރުވެފައެވެ.

އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިހާރު އުޅުއްވާ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ރޭ ނިއުދިއްލީއަށް ވަޑައިގަތްއިރު، އިއްޔެ އަކީ ނިއުދިއްލީގައި ހަމަނުޖެހުން ކުރިއަށް ދިޔަ ދެވަނަ ދުވަހެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ 2014 ވަނަ އަހަރުގެ ފަހުން ނިއުދިއްލީގައި މިފަދަ ހަމަނުޖެހުންތަކެއް ހިނގި ފުރަތަމަ ފަހަރެވެ.

ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް އިންޑިޔާގެ ކަންކޮޅުތަކުގައި ގިނަ މުޒާހަރާތަކެއް ކުރިއަށް ދިޔަނަމަވެސް، އިދިކޮޅު ފަރާތްތަކުގެ މެދުގައި ހަމަނުޖެހުން ހިނގާފައި ވަނީ ވަރަށް މަދުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.