އެޑިޓޯރިއަލް: ބިދޭސީ މަސައްކަތު މީހުންގެ މައްސަލަ ހައްލު ކުރަން އަޅާ ފިޔަވަޅު

މައްސަލައެއް ހައްލު ކުރަން އަޅާ ފިޔަވަޅުތައް ހަރުދަނާ ވަނީ އެ ކަމެއްގެ ނިސްބަތުންނެވެ. ކަމަކީ ބޮޑު ކަމެއް ކަމަށް ދެކޭ ނަމަ އަޅާ ފިޔަވަޅުގެ ހަރުދަނާކަން ބޮޑު ވާނެއެވެ.

ރާއްޖޭގައި ގިނަ ވެގެން އުޅޭ ބިދޭސީ މަސައްކަތު މީހުންގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށް ބެލި ސަރުކާރެއް އައި ބާވައެވެ؟ އާއްމު ތުހުމަތުތަކަށް ބަލާއިރު ބިދޭސީ މަސައްކަތު މީހުން އެތެރެ ކުރުމަކީ ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި އެ ވަގުތަކު ތިއްބަވާ ބޭފުޅުންނާއި އަމިއްލަ ބައެއް ކުންފުނިތަކާ ގުޅިގެން ހިންގާ ބޮޑު ވިޔަފާރިއެކެވެ. މައްސަލަ ހައްލު ނުވެގެން އުޅޭ މައިގަނޑު ސަބަބަކީ އެއީއެވެ.

ރާއްޖެއަށް މަސައްކަތު މީހުންގެ ގޮތުގައި އަންނަ ބިދޭސީންނަކީ ވަރަށް ފަގީރު ބައެކެވެ. އަޅުގަނޑުމެން ހުރިހައި ވަގުތަ ކައިގެން އުޅޭ ބަޔަކަށް ހިތަށް ގެންނާންވެސް އުނދަގޫހައި ފަގީރު ބައެކެވެ. ގިނަ މީހުންނަކަށް ލިޔަންކިޔަންވެސް ނޭނގެއެވެ. ފަގީރުކަމަކީ ބައްޔެކޭވެސް ބުނެއުޅެއެވެ. ކާންބޯން ނުލިބުނީމާ ނުވަތަ ބަނޑަށް ހުންނާން ޖެހުނީމާ ނުވަތަ އަނބިދަރިން ބަނޑަށް ތިބޭތަން ބަލަން ހުންނާން ޖެހުނީމާ ގާނޫނުގެ މަތީން ހަނދާން ނެތުމަކީ ވަރަށް ގިނަ ފަހަރަށް ވާ ކަމެކެވެ. ބަނޑުހައިހޫނުކަމާއި ޖާހިލުކަމާ އެކުވީމާ ނުކުންނަނީ ވަރަށް ނުރައްކާތެރި ނަތީޖާއެކެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ފެންނަނީ މި ނުރައްކާތެރި ނަތީޖާއެވެ. ބަޔަކު ދައްކާ ގާނޫނީ ވާހަކައެއް އެމީހުންގެ ބޮލަކަށް ނުވަންނާނެއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ކަމުނުދާ މަސައްކަތެކޭ ބުނެވޭނޭ ޖާގައެއް ނެތެވެ. ގަވާއިދާ ޚިލާފަށް އުޅޭ މީހާ އަވަހަށް ފޮނުވައިލަންވީއޭ ބުނެލުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އެއީ ކުރާކަށް ފަސޭހަ ކަމެއް ނޫނެވެ. އެމީހާ އަތަކު ދަތުރުކުރަން ބޭނުންވާ ލިޔުމެއް ނޯވެއެވެ. އެމީހާޔާ ހަވާލުވާނޭ މީހަކު ހޯދުން ފަސޭހައެއް ނޫނެވެ. ގައުމުތަކަށް އެތެރެ ވެފައި ތިބޭ ބައެއް މުހާޖިރުންގެ ސަބަބުން ދިމާވާ މައްސަލައަކީވެސް ހަމަ މިކަހަލަ މައްސަލައެކެވެ. އެހެން ނޫން ނަމަ އެއް ގައުމެއްގެ ބަޔަކު އަނެއް ގައުމެއްގައި މުހާޖިރުންގެ ގޮތުގައި އުޅޭ ތަނެއް ނުފެންނާނެއެވެ. ރާއްޖެއަށް ދިމާވެފައި މިވަނީ މަސައްކަތު މީހުންގެ މައްސަލައެއް ނޫނެވެ. މަސައްކަތު މީހުންނޭ ކިޔަނީ ގަވާއިދުން ރަޖިސްޓަރީ ވެގެން ބޭނުންވާ ހުރިހައި ލިޔުމަކާއެކު ތަނެއްގައި މަސައްކަތް ކުރާން އުޅޭ މީހުންނަށެވެ. ރާއްޖޭގައި ފޮތަކު ފަތަކު ނުލިޔެވި މި އުޅޭ މީހުންނަކީ މުހާޖިރުންނެވެ. ރެފިއުޖީންނެވެ. އެހެންވީމާ މައްސަލަ ހައްލު ވާނޭ އެއް ގޮތެއް ކަމަށް ފެންނަނީ އެއީ ރެފިއުޖީން ކަމުގައި ބަލައިގެން މައްސަލަ ހައްލު ކުރާން އުޅުމެވެ. ރެފިއުޖީންގެ އެއް ވައްތަރަކީ ގައުމެއް ނެތް މީހުންނެވެ. މާނައަކީ އެއީ ކޮން ގައުމެއްގެ މީހެއްކަން ނޭނގޭ މީހުންނެވެ. ޕާސްޕޯޓެއް ނުވަތަ ރަސްމީ ލިޔުމެއް ނެތް މީހަކީ ކޮން ގައުމެއްގެ މީހަކުކަން ކަނޑައެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ކަމާގުޅޭ ބައިނަލްއަގުވާމީ ރަސްމީ އިދާރާތަކާއެކު މަސައްކަތް ކޮށްގެން ބިދޭސީންގެ މައްސަލަ ހައްލު ކުރަން އަދިވެސް މުހިއްމު ފިޔަވަޅުތަކެއް އެޅުމަކީ ކުރަން ޖެހިފައިވާ މުހިއްމު ކަމެކެވެ. ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަސައްކަތުގެ ސަބަބުން މައްސަލަ އޮތް ހިސާބު ފާޅުކޮށް ފެންނާނެއެވެ. ޔޯލަ ވާހަކައިން ސަލާމަތްވެ ހަގީގީ މަންޒަރު ފެންނާން ފަށާނެއެވެ. އެޔަށް ފަހު ދެން އޮންނާނީ ހައްލަކާ ދިމާއަށް ދާން މަސައްކަތް ކުރުމެވެ. ތަނެއްގައި ކިޔޫއެއް ހައްދައިގެން ބިދޭސީންގެ ނަން ނޯޓު ކުރަމުން ގެންދިއުމަކީ މައްސަލައިގެ ހައްލު ކަމަށް ބަލައިގެން ނުވާނެއެވެ. އެއީ މައްސަލަ ހޯދުމެވެ. ހައްލު އަންނާނީ އޭގެ ފަހުންނެވެ. ހައްލެއް ހޯދުމަށްޓަކައި އަޅާ ފިޔަވަޅުގެ ހަރުދަނާކަން ބޮޑު ވާނީ ހައްލަކަށް ބޭނުންވާ މިންވަރު ބޮޑުވީ ވަރަކުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.