ޑޮކްޓަރުންގެ އިތުބާރު ގެއްލުވާލަން އެއްވެސް ފަރާތަކުން ކުރާ މަސައްކަތް ބަލައި ނުގަނެވޭނެ: އައިޖީއެމްއެޗު

އައިޖީއެމްޗުގެ ޑޮކްޓަރުންނާއި ނަރުހުނުންނާއި އެހެނިހެން މުވައްޒަފުންގެ ޤާބިލިއްޔަތާމެދު ރައްޔިތުންގެ ތެރޭގައި ސުވާލު އުފައްދައި އިތުބާރު ގެއްލުވާލަން އެއްވެސް ފަރާތުކުން ކުރާ މަސައްކަތް ބަލައި ނުގަންނާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އޭގެ އިތުރުން މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރަ ކުރަން ކުރާ އެއްވެސް އަމަލެއްވެސް ބަލައިނުގަންނާނެކަމަށް ވިދާޅުވެފައިވެއެވެ. ކަމާގުޅޭ ޤާނޫނުގެ ދަށުން ހޮސްޕިޓަލަށާއި މުވައްޒަފުންނަށް މިދަ ހާލަތްތަކުގައި ލިބިދޭ އިޚުތިޔާރުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަސް ފަސް ނުޖެހޭނެ ކަމަށް ހޮސްޕިޓަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ހޮސްޕިޓަލަށް ވަދެ އެތަނުގެ މުވައްޒަފުންނާއި ކޮންސަލްޓޭޝަން ރޫމްތަކުގެ ފޮޓޯތައް ނަގައި އާންމުކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެބަޔާނުގައި ވަނީ ވިދާޅުވިއެވެ.

އައިޖީއެމްޗުން މި ބަޔާން ނެރުއްވީ އެތަނުގެ އަންހެން ޑޮކްޓަރެއްގެ ފޮޓޯއާއެކު އޭނާއަކީ ނާގާބިލް ބޭފުޅެއް ކަމަށް ބުނެ މީހުން ކޮށްފައިވާ ޓުވީޓަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އެތަނުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، މެޑިކަލް މީހުންނާއި، ޓެކަނިކަލް މުވައްޒިފުންނާއި ހުރިހާ މުވައްޒަފުންނަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ތަޢުލީމާއި ތަމްރީން ފުރިހަމަކޮށްފައިވާ ބޭފުޅުން ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ކަމާބެހޭ ކައުންސިލްތަކުން ކަނޑައަޅާފައިވާ އިމްތިހާންތަކާއި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ އަދު އެކައުންސިލްތަކުގައި ރަޖިސްޓްރީކޮށްފައިވާ ޤާބިލް އަދި ފަންނީ ބޭފުޅުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޑޮކްޓަރުން ބަލިމީހާއަށް ބޭހެއް ދިނުމުގެ ކުރިން ކަލްކިޔުލޭޝަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ނުވަތަ ރިޢާޔަތް ކުރަންޖެހޭ ޑޭޓާ ބޭސްތަކާއި، ސޮފްޓްވެއާތަކާއި އެޕްސްތައް ހުންނަކަމަށް ވެސް އައިޖީއެމްއެޗުން ވިދާޅުވެފައިވެއެވެ. އެވަސީލަތްތަކުގެ ބޭނުން ހިފުމަކީ އެއްވެސް ގޮތަކުން އެ މުވައްޒަފެއްގެ ޤާބިލްކަމާމެދު ސުވާލު އުފެދޭ ކަމެއްނޫން ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ. އެހެން ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބޭސްސިޓީވެސް ލިޔުއްވަނީ އިންޓަރނެޓު ބައްލަވައިގެން ކަމަށް އެމީހާގެ ޓުވީޓުގައި ބުނެފައިވާތީއެވެ.

ސިއްޙީ ޚިދުމަތްތެރީންނަކީ ވަރުބަލިކަމެއްނެތި 24 ގަޑިއިރު އިންސާނުންގެ ޚިދުމަތުގައި ތިބޭބައެއް ކަމަށާއި އެހެންކަމުން އެފަދަ ބައެއްގެ ޤާބިލްކަމާ މެދު އެއްވެސް އަސާސެއްނެތި ސުވާލު އުފެއްދުމުގެ ބަދަލުގައި ހޮސްޕިޓަލުގެ ޚިދުމަތްތަކާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ހޮސްޕިޓަލުން ނުވަތަ ކަމާ ބެހޭ މުއައްސަސާއެއް މެދުވެރިކޮށް ސާފުވާނެ ގިނަ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.