ގަވާއިދާ ޚިލާފަށް ހަތްސަތޭކައަށްވުރެ ގިނަ ބިދޭސީން އައްޑޫގައި އެބައުޅޭ ކަމަށް އައްޑޫ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލުން ވިދާޅުވީ ނުގަވާއިދުން އުޅޭ މީހުން ގަވައިދަށް ފެއްޓުމަށްޓަކައި ހުޅުވާލި ފުރުސަތުގައި ހަތް ސަތޭއަކަށްވުރެ ގިނަ މީހުން އެޕޮއިންޓްމެންޓް ނެގި ކަމަށެވެ. އެ އަދަދު އެއަށްވުރެވެސް އިތުރުވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި ހަތްސަތޭކައަށްވުރެ ގިނަ މީހުންވަނީ އެޕޮއިންޓްމެންޓު ނަގާފައި. ތަފާތު ސަބަބުތަކާހެދި އެޕޮއިންޓްމަންޓް ނަގަން ނާދެވުނު މީހުންނާއެކު އެ އަދަދު އިތުރުވާނެ ކަމަށް މިބަލަނީ،" ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވި އެޕޮއިންޓްމަންޓް ނަގާފައިވާ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ޓީމަކުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމަސައްކަތް ނިންމާލެއްވުމަށްފަހު އެޓީމު މާދަމާ މާލެ ފުރާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް އިކޮނޮމިކް މިނިސްޓްރީން ފަށައިފައިވާ ޕްރޮގްރާމުގެ ތެރެއިން އައްޑޫގައި މިފަހަރު ހުޅުވާލި ފުރުސަތުގައި ބައިވެރި ނުވެވުނު ބިދޭސީން ދެންޖެހޭނީ މާލޭ ގޮސް އެމީހުންގެ ކަންކަން ގަވާއިދާ އެއްގޮތަށް ބަދަލު ކުރަން ކަމަށް ލުތުފީ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސިންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމް މުޅި ރާއްޖޭގައި ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.