ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ކޮރޯނާއަށް ސްކްރީން ކުރަން ފަށައިފި

ޗައިނާގައި މިހާރު ހަލުއި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްކްރީން ކުރަންފަށައިފިއެވެ.

މިކަން ހާމަކޮށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭއިން މިހާތަނަށް މިވައިރަސްގެ އެއްވެސް އަސަރެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަކީ އެވުޒާރާއިން އެންމެ އިސްކަމެއްދޭ އެއްކަމަށް ވުމާ އެކު، އެޗްޕީއޭއާ ގުޅިގެން ރާއްޖެ އަންނަ ފަރާތްތަކަށް ވައިރަހަށް ސްކްރީން ކުރަން ފެށީކަމަށެވެ.

މިކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށް ސަރުކާރުގެ އިދާރާތަކުން ވަނީ ވިދާޅުވެފައެވެ. ޗައިނާ އަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެކެވެ.

މިވައިރަސް ޗައިނާގައި ފެތުރެމުން ދާއިރު، އަދި މިހާތަނަށް މިވައިރަހަށް ސީދާ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ވައިރަސްގެ ސަބަބުން ދިމާވާ ކަންކަމަށް ފަރުވާ ދެވި، ފުރާނައަށް ނުރައްކާ ވުމުގެ ކުރިން ސަލާމަތް ވުމުގެ ފުރުސަތު އެބައޮތެވެ. ޗައިނާއަށް ދާދި ފަހުން ދަތުރު ކުރި އެމެރިކާ މީހެއްގެ ގައިން ވެސް މިވައިރަސް ވަނީ ފެނިފައެވެ.

ޗައިނާއިން ވަނީ މިބަލީގެ 440 މީހުން ފެނިފައެވެ. އަދި 9 މީހުން ވަނީ މަރުވެފައި ކަމަށް ޗައިނާގެ ސިއްހީ ދާއިރާއިން ހާމަކޮށްފިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.