ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަންނާނެ މިންގަނޑުތައް އެކުލަވާލައްވައިފި

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަންނާނެ މިންގަނޑުތައް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސް އިން އެކުލަވާލައްވައި މަޖިލީހަށް ފޮނުއްވައިފިއެވެ. މި މިންގަނޑު އެކުލަވާލެއްވުމަށް އެމިނިސްޓްރީއަށް މަޖިލީހުން ދެއްވީ ދެ ދުވަހުގެ މުހުލަތެކެވެ.

ޢުމުރުން ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ވަކިކަންތައްތަކެއް ކޮށް ނިންމެވުމަށް ޖެންޑަރ މިނިސްޓަރީއަށް މުހުލަތުތަކެއް ދެއްވައިފައެވެ. އެކޮމެޓީން ނިންމެވި ކަންކަން ތަންފީޒު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް އަންގަވައިފި އެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަންނާނެ މިންގަނޑުތައް އެކުލަވާލެއްވުމަށް ދެ ދުވަހުގެ މުހުލަތެއް ދެއްވައިފައިވާއިރު، އެފަދަ ކުދިންނާއި އާއިލާތަކުގެ ދަފްތަރެއް އެކުލަވާލައްވައި މޮނީޓަރކުރުމުގެ މަސައްކަތް ފެށުމަށް ދެއްވީ ހަތް ދުވަހުގެ މުހުލަތެކެވެ. އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ނުކޮށް ހުރި އެފަދަ މައުލޫމާތުތައް ދެނެގަނެ، އެ މައުލޫމާތުތައް ދަފްތަރުގައި ހިމެނުމަށް ދެއްވީ 30 ދުވަހުގެ މުހުލަތެކެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލުމަށްފަހު ބަންދުން ދޫކޮށްލާފައިވާ މީހުން ދެނެގަނެ، އެ މީހުން ދޫކޮށްލި ސަބަބުތައް އަލުން ދެނެގަތުމަށާއި އެފަދަ މީހުން މޮނީޓާ ކުރާނެ ނިޒާމެއް ޤާއިމް ކުރުމަށް ވެސް ވަނީ 30 ދުވަހުގެ މުހުލަތެއް ދެއްވައިފައެވެ.  ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުޢީ މަރުހަލާގައި އަވަސްކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާބެހޭގޮތުން ރިޕޯޓެއް އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް ވެސް 30 ދުވަހުގެ މުހުލަތެއް ވަނީ ދެއްވައިފައެވެ.

ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް މުއައްސަސާތަކުން އެކުދިންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކާބެހޭ ޕާރފޯމަންސް އޮޑިޓެއް ހެދުމަށް ފަހު މަޖިލީހާ ހިއްސާ ކުރުމަށް ވެސް ޖެންޑަރ މިނިސްޓްރީއަށް ދެއްވައިފައި ވަނީ 30 ދުވަހުގެ މުހުލަތެވެ.

ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް އަލުން ބޭނުން ކުރަން ފެށްޓެވުމަށް ވެސް ޖެންޑާ މިނިސްޓްރީ އަށް ވަނީ 30 ދުވަހުގެ މުހްލަތެއް ދެއްވައިފއެވެ. ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް ނުވަތަ ކުޑަކުދިން ރައްކާތެރި ކުރުމާބެހޭ ޑޭޓާބޭސް އަކީ 2009 ވަނަ އަހަރު ޤާއިމްކުރެއްވި ޑޭޓާބޭސް އެކެވެ. މިހާރު އެޑޭޓާބޭސްގެ މަސައްކަތް ރަނގަޅަށް ނުހިނގާކަން ކަމާބެހޭ މުޢައްސަސާ ތަކުން ދެއްވި މަޢުލޫމާތު ތަކުން ހާމަވެއެވެ. ޢުމުރުން ދެއަހަރު ވެސް ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މަސައްލައިގައި ވެސް ކަމާ ގުޅުންހުރި މުޢައްސަސާ ތަކުގެ މެދުގައި މަޢުލޫމާތު ހިއްސާ ނުކުރެވުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.

ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙްމޫދު ވިދާޅޫވީ ހުރިހާ މުޢައްސަސާތައް އެކުގައި މަސައްކަތްކުރާނެ ނެޓް ވާރކަކަށް ވެގެންދާނީ ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް ކަމުގައެވެ.

އެކޮމެޓީން ކަންތައްތަކެއް ނިންމަވައިފައި ވަނީ އެމައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކާއެކު ބޭއްވި ބައްދަލުވުމުން ލިބިވަޑައިގެންނެވި މަޢުލޫމާތު ތަކުގެ ޢަލީގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.