ހިޔުމަން ރައިޓްސް އެންޑު ޖެންޑަރ ކޮމިޓީން ނިންމެވިގޮތް މަޖީލީސްގެ ރައީސް ތަންފީޒު ކުރައްވާނެ: މަޖިލީސް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫގައި ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދު ގޮތެއް ނިންމަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާއިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކޮމިޓީން ނިންމެވި ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިއަދު އަންގަވާނެ ކަމަށެވެ. އަދި އެނިންމެވުން ރައީސް ތަންފީޒު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އުމުރުން 2 އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާކުރެއްވުމަށްފަހު ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދު ގޮތެއް ނިންމަވައި މަޖިލީހުގެ ރައީސަށް އަންގަވާނެކަމާއި، އެ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަންފީޛު ކުރައްވާނެވާހަކަ ދަންނަވަމެވެ." ޒިޔާއު ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ބޮޑަށް ތުހުމަތު ކޮށްފައިވަނީ ކުއްޖާގެ ކާފައަށެވެ. އެހެންނަމަވެސް މުނިކާފައަކީ ވެސް ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރާ މީހަކަށްވާތީ އޭނާ ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ކުއްޖާގެ ބައްޕަ ވެސް ވަނީ ބަންދު ކޮށްފައެވެ. މި ތިން ބަފައިން ވެސް މިހާރުވަނީ ދޫނިދޫގައެވެ.

ކުއްޖާގެ ކާފައަކީ ކަނޑުހުޅުދޫ މުދިމެކެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. އެހެންނަމަވެސް އެވަރު ކުޑަ ކަމަށް ބުނެ ރައްޔިތުން ގެންދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނަމުންގެންދަވަނީ މިފަދަ ކޮންމެ ކަމެއްގައި ވެސް އަމަލުކުރާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ތުއްތު ކުއްޖާއަށް ގޯނާކުރި މައްސަލާގައި ބައެއް ރަށްރަށުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.