ތުއްތު ކުއްޖާގެ ކާފައާއި މުނިކާފަ ދޫނިދޫ ޖަލަށް

ތުއްތު ކުއްޖާގެ ކާފަ

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫގައި ތުއްތު އަންހެން ކުއްޖާ ރޭކުރި މައްސަލާގައި އިއްޔެ ބަންދުކުރި ދެމީހުން ދޫނިދޫ ޖަލު ބަންދަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލާގައި ބަންދުކޮށްފައިވަނީ އެކުއްޖާގެ ކާފައާއި، މުނިކާފައެވެ. ކާފައަކީ އުމުރުން 62 އަހަރުގެ މީހެކެވެ. މުނިކާފައަކީ 82 އަހަރުގެ މީހެކެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެނައުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން، ކޯޓުން ވަނީ އެމީހުން ބަންދު ކޮށްފައި ބޭތިއްބުމަށް 15 ދުވަސް ދީފައެވެ. މި މައްސަލާގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ރޭ ބަންދުކޮށްފައެވެ. އުމުރުން 33 އަހަރުގެ ބައްޕަ ވެސް ވަނީ ދޫނިދުއަށް ގެންގޮސްފައެވެ.

މި ތުއްތު ކުއްޖާއަށް ޖިންސީ ހާނިކަ ކުރުމުން މުޅިރާއްޖެވަނީ އެކަމާ ދެކޮޅަށް އަޑު އުފުލަން ފަށައިފައެވެ. މާލެއާއި ބައެއް ރަށްރަށުގައި އިއްޔެ ވަނީ މިކަމާ ދެކޮޅު ހެދުމުގެ ގޮތުން އިހުތިޖާޖު ވެސް ކޮށްފައެވެ.

ތުއްތު ކުއްޖާއަށް ލިބިފައިވާ އަނިޔާތައް އިތުރަށް ބެލުމަށް ރޭ ވަނީ ކުއްޖާ މާލެ ގެނެސް ހޮސްޕިޓަލުގައި އެޑުމިޓް ކޮށްފައެވެ. މި މައްސަލާގައި ހިމެނޭ 82 އަހަރުގެ މުނި ކާފައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ކުއްޖަކަށް އޭނާ ގޯނާ ކުރާ ވީޑިއޯއެއް ވެސް މިހާރުވަނީ އާންމުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.