ތުއްތު ކުއްޖާ މާލެ ގެންގޮސް ހޮސްޕިޓަލުގައި އެޑުމިޓް ކޮށްފި

ތުއްތު ކުއްޖާގެ މުނިކާފަ

ގއ. ކަނޑުހުޅުދޫގައި ރޭޕުކުރި ދެ އަހަރު ނުވާ ކުޑަކުއްޖާ ރޭ މާލެ ގެނެސް ހޮސްޕިޓަލުގައި އެޑުމިޓް ކޮށްފިއެވެ.

ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތުއްތު އަންހެން ކުއްޖާ މާލެ ގެނެސްފައިވަނީ ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކަމަށެވެ.

މި ކުއްޖާ ރޭޕުކުރި މައްސަލަ ފުލުހުންނަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ މިހިނގާ ޖެނުއަރީމަހު 15 ވަނަ ދުވަހު ހަވީރު 4:30 އެހައިކަންހާއިރުއެވެ. މި މައްސަލަ ހުށަހެޅުމުން އެކަން ބެއްލެވުމަށްފަހު ކުއްޖާގެ ކާފަ އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން އިއްޔެ މެންދުރުފަހު 3:05 ގައި ވަނީ އޭނާ ބަންދުކޮށްފައެވެ. އަދި 3:25 ގައި ވަނީ ކުއްޖާގެ މުނިކާފާ ވެސް ބަންދު ކޮށްފައެވެ. އޭނާ ބަންދުކުރީ އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ރެކޯޑު ވެސް އޮންނަ މީހަކަށް ވާތީ ކަމަށް އެބަޔާނުގައި ވިދާޅުވެފައި ވެއެވެ. މިދެ މީހުން ވެސް ބަންދު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެބަޔާނުގައި ބުނެފައިވަނީ ތުއްތު ކުއްޖާގެ މައިންބަފައިންނަކީ ކުށުގެ ރެކޯޑު އޮންނަ ބައެއް ކަމަށެވެ. ކުއްޖާގެ މަންމަގެ ޙާލު ދެރަވެ ޑޮކްޓަރަށް ދެއްކުމަށް މިވަގުތުވަނީ ރަށުން ބޭރުގައި ކަމުން ކުއްޖާ ދިރިއުޅޭ މާހައްލު ރާއްކާތެރި ނޫންކަމަށް ވެސް އެބަޔާނުގައި ވެއެވެ. އެހެން ކަމުން އެކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިން މަންމައާ ކުއްޖާ ހަވާލު ކުރަން އުޅުމުން އެކުއްޖާގެ ބައްޕަ އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީން އެގެއަށްގޮސް ކުއްޖާގެ މެޑިކަލް އެސެސްމެންޓެއް ހެދުމަށް ސަރަހައްދީ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބެލެވޭތީ އަނެއްކާ ވެސް ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށްޓަކައި ކުއްޖާގެ އާއިލާގެ ފަރާތުން ބޮޑުދައިތައާ ވަގުތީ ގޮތުން ހަވާލުކުރެވުނު ކަމަށް ބަޔާނުގައި ވެއެވެ.

ގިނަދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމަށް ކުއްޖާގެ ބޮޑުދައިތައަށް ދަތިތަކެއް ހުރުމުން ކުއްޖާ ބަލެހެއްޓޭނެ އެންމެ ރައްކާތެރި ގޮތަކީ ކުއްޖާގެ މާމައާ ހަވާލުކޮށްގެން ކަމަށް މިނިސްޓްރީން ނިންމެވިއެވެ. އެހެންނަމަވެސް ކުއްޖާއަށް ޖިސްންސީ އަނިޔާ ކޮށްފައިވާތީ ރޭ 8:30 ގައި ކުއްޖާ މާލެ ގެނެސް ހޮސްޕިޓަލުގައި އެޑުމިޓްކުރީ ލިބިފައިވާ އަނިޔާ އިތުރަށް ބެލުމަށް ކަމަށްވެސް އެބަޔާނުގައި ވެއެވެ.

މިމައްސަލާގައި ކުއްޖާގެ ބައްޕަ ވެސް ރޭ ވަނީ ބަންދުކޮށްފައެވެ. ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ގެންދަނީ މިމައްސަލަ އިތުރަށް ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.