ތުއްތު ކުއްޖާ ރޭޕުކުރި މީހުން ވަގުތުން އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އަޅައިދީ: ޕީޕީއެމް

ދެކުނުގެ އަތޮޅެއްގައި (ގއ. ކަނޑުހުޅުދޫ) ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕުކުރި މީހުން ވަގުތުން ގާނޫނުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައްވައިފިއެވެ.

އެ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނުބައި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. "ލިބެމުންދާ މައުލޫމާތު ތަކަށް ބަލާއިރު މި އަނިޔާވެރި އަމަލު ހިންގުމުގައި ބައިވެރިވެފައިވަނީ އެ ތުއްތު ކުއްޖާއަށް ރައްކާތެރިކަމާއި ހިމާޔަތްދޭން ޖެހޭ ފަރާތްތަކުން ކަމަށް ވުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ." އެބަޔާނުގައި ވެއެވެ.

އެ އަމަލު ހިންގި މީހުންނަކީ އެ މީހުންގެ ހިތުގައި އެއްވެސް އިންސާނިއްޔަތު ކަމެއް އަދި ކުލުނެއް ނެތް ބައެއް ކަމަށް ވެސް އެ ކޯލިޝަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. "މި ނުބައި އަމަލު ހިންގާފައިވާ ފަރާތްތައް ހޯދައި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ވަގުތުން ގެނެސް އެމީހުންނަށް ގާނޫނުތަކުން ކަނޑައަޅައިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ފަރާތުން ގޮވާލަމެވެ." އެބަޔާނުގައި ވެއެވެ.

ލާ އިންސާނީ މިފަދަ އަމަލުތައް ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގުން އިތުރުވަމުން ދިއުމަކީ ވެސް އެ ކޯލިޝަނުން ކަންބޮޑުވާކަމެއް ކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެފަދަ ކަންކަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ހަރުދަނާ ކަމާއެކު ކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.

"މި ތުއްތު ކުއްޖާއަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަރަކާތް މިންވަރު ކުރައްވައި އެ ތުއްތު ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވިން އެދި ދުޢާކުރަމެވެ."

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.