އަޅުގަނޑު އިސްތިއުފާދީގެން ކުޑަކުދިންނަށް ގޯނާކުރުން ހުއްޓެންޏާ އިސްތިއުފާދޭން ތައްޔާރު: ޝިދާތާ

އިސްތިއުފާ ދެއްވައިގެން ކުޑަކުދިންނަށް ގޯނާކުރުން ހުއްޓެންޏާ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވީ ދެކުނުގެ ރަށެއްގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕުކުރި މައްސަލައަކާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން މާލޭގައި މިހާރު ހިނގަމުންދާ އިހުތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އެކަމަނާ އިސްތިއުފާ ދެއްވައިގެން އެކަންކަން ހައްލުވާނެ ކަނަށް ވާނަމަ މިނިސްޓަރު ކަމަށް އިސްތިއުފާ ދެއްވަން ތައްޔާރު ކަމަށެވެ.

އެކަމަނާ ވިދާޅުވީ މިކުއްޖާގެ މައްސަލަ ވެސް ރިޕޯޓު ކުރެވުނުތާ ދެ ގަޑިއިރު ތެރޭގައި ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށެވެ. އެގޮތަށް ބަދަލުކުރަނީ ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހު އެއީ ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރެއްވުމަށްފަހު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަތޮޅުތެރޭ ރަށެއްގައި ހިނގި ކަމަކަށް ވެފައި މިމައްސަލާގައި ވެސް ފިޔަވަޅު އެޅިގެން ދިޔަލެއް ވަރަށް އަވަސް ކަމަށް ވެސް މިނިސްޓަރ ވިދާޅުވއެވެ.

އިހުތިޖާޖުގެ ބައިވެރިން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަމުންދިޔައިރު ވެސް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަދަކަންކަން ހުއްޓުވަން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމަށްޓަކައި ރެއާއި ދުވާލު ހޭލާ ތިބިގެން ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ މައްސަލަ ތަކުގައި މީހުން ބަންދު ކުރުމާއި ތަހުގީގު ކުރުމާއި ޝަރީއަތަށް މައްސަލަ ފޮނުވުމަކީ މިނިސްޓްރީގެ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރަކީ މީހުން ހިފައި ހައްޔަރު ކުރުމުގެ ބާރެއް ގާނޫނުން ލިބިފައިވާ މީހެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަން އަވަސް ކުރުމަށް އަބަދުވެސް ފުލުހުންނަށް ބާރު އަޅުއްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.