ފުސްބިއްލޫރި - 23

(15 ޖެނުއަރީ 2020ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޚަދީޖާ ކަމުދޭތަ؟"

މަޒްހަރްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އާސިމް ކުރީ ސުވާލެކެވެ. "އޭނައަށް ކުރިން ކިޔަނީ ކޮން ނަމެއް؟"

"ކެތަރިން ބްރައުން. ކުރިން އަހަރެން އޭނާއަށް ކިޔަނީ ކެތީ."

"ކޮބާގެ އޭނާގެ އާއިލާ މީހުން؟"

"ޚަދީޖާގެ ތަ؟ ތެދަށް ބުންނަންޏާ އޭނާގެ އާއިލާއެއް ނޯވޭ. އެއީ މީހެއްގެ ހުރި އެންމެ ދަރިއެއް. ބައްޕައަކީ ޕާކިސްތާނު މީހެއް. އޭނާ އުފަންވުމުގެ ކުރިން މަންމަ ދޫކޮށްލާފައި ބައްޕަ ހިނގައްޖެ. މަންމަ ވެސް މިހާރު ނިޔާ ވެއްޖެ. އަހަންނާ ދިމާވީ އިރު އުޅެނީ އެކަނި."

"ކާވެނީގެ ކުރިން ކުރީ ކޮން މަސައްކަތެއް؟" އާސިމް ފުލުފުލުގައި ސުވާލުކުރަމުން ދިޔައެވެ.

މަޒްހަރް ހިތް ހަމަ ނުޖެހުނެވެ. އެކުވެރިޔާ އަކީ ކުރިން މިހެން އުޅުނު މީހެއް ނޫނެވެ. އަދި ޚަދީޖާ އާ ބެހޭ ގޮތުން މިގޮތަށް ސުވާލު..."

"އޭނާ މަސައްކަތް ކުރީ ފިހާރައެއްގައި، ސޭލްސް ގާރލް އަކަށް." މަޒްހަރް ކުރުކޮށް ޖަވާބު ދިނެވެ.

"ސޭލްސް ގާރލް އަކަށޭ؟ އެ ނިމުނީ؟" އާސިމް އަނެއްކާވެސް އެހިއެވެ.

މަޒްހަރް ހިތްހަމަ ނުޖެހިފައި ހުރެ އާސިމަށް ބަލައިލިއެވެ. "ކީކޭ ކިޔަންތަ ތިއުޅެނީ؟ ކީކޭތަ ތިބުނީ؟"

"މަޒްހަރް. ކެތީ އާ އިނީ ކީއްވެ؟" އާސިމް އަަސްލު މައުޟޫއު ފެށިއެވެ.

އެކުވެރިޔާ ބުނި ވާހަކަ މަޒްހަރަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. "ޚަދީޖާ... ކެތީ އެއް ނޫން. އޭނައާ ނީންނަންވީ ކީއްވެ؟" މަޒްހަރް ރުޅި އަތުވެއްޖެއެވެ.

"ނޫން، ޚަދީޖާއެއް ނޫން... ކެތީ. ޝަހާދަތުގެ ދެ ކަލިމަ ކިޔައިގެން އެކަނި އެކަހަލަ އަންހެނަކަށް މުސްލިމަކަށް ނުވެވޭނެ."

"އާސިމް، މިހާރު މާ މައްޗަށް ތި ދަނީ." މަޒްހަރް ވަރަށް ބާރަށް ބުނެލިއެވެ. "އަހަރެންގެ އަނބިމީހާ އާ ގުޅުވައިގެން ތިހެން ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދޭނަން. އަހަރެންގެ މައިންބަފައިންނަކަށް ވެސް އެ ފުރުސަތެއް ނުދެން. އެހެންވީމާ އޭނައާ ބެހޭގޮތުން ތިކަހަލަ ދަށް ފެންވަރުގެ ވަހަކަ ދެއްކުމުގެ ހައްގެއް އާސިމަށް އަމުދުން ނޯންނާނެ."

"އަނބިމީހާ އޭ ތިކިޔާ މީހާއާ ބެހޭ ގޮތުން ކޮންމެ މީހަކަށް ކޮންމެ އެއްޗެއްވެސް ކިޔޭނެ. އެހެން ކިޔައިގެން އަންނާނެ ފަރަގެއް ނެތް."

މަޒްހަރް އާގަމަވެފައި އާސިމަށް ބަލައިލިއެވެ. "ޚަދީޖާ ދަންނަންތަ؟"

"ކޮންމެވެސް ތަނަކަށް ކާރު ހުއްޓަންވީނުން، ވާހަކަ ދައްކާލަން."

"ތިކިޔާ އެއްޗެއް މިހާރު ކިޔާ."

"ނޫން. ފުރަތަމަ ކާރު ޕާކު ކުރޭ." އާސިމް އަޑަށް ބާރުލާފައި ބުނެލިއެވެ.

މަޒްހަރް އިނީ ވަރަށް ރުޅި އައިސްފައިކަން އާސިމަށް އެނގެއެވެ. އޭނާ އެއްޗެކޭ ބުނުމުގެ ކުރިން މަޒްހަރް ވާހަކަ ދައްކަން ފެށިއެވެ. "އާސިމް، ބުނަން ތިއުޅޭ ވާހަކައަކީ އަހަރެމެން ދެމީހުންގެ ކާވެނީގެ ކުރިން އެހެން މީހަކާ އޭނަޔާ އޮތް ގުޅުމެއްގެ ވާހަކަ ކަމަށް ވަންޏާ، އެވާހަކަ ބާއްވާ. އަހަރެން އޭނައާ އިނީ އެ ހުރިހާ ކަމެއް އެނގިގެން. އަހަރެމެން ގަބޫލުނުކުރާ ކިތަންމެ ކަމެއް މި މުޖްތަމައުގައި ހިނގާ. އެ މީހުންގެ ސަގާފަތާއި އާދަކާދައާއި އަހަރެމެންގެ އާދަކާދަތަކާއި ވަރަށް ތަފާތު. ފުށުއަރާ ބައެއް ކަންކަން ވެސް ހުރޭ. އަހަރެން އޭނަޔާ އިނީ އެ ހުރިހާ ކަމެއް އެނގިހުރެ. ޚަދީޖާގެ ދިރިއުޅުމުގައި ވެސް އަހަރެމެންނަށް ގަބޫލުނުކުރެވޭ ކިތަންމެ ކަމެއްް ހިނގާފައި ހުންނާނެ. އެކަމަކު އަހަރެން ނިންމީ އެކަންކަން ދޫކޮށްލަން. އަހަރެން ޚަދީޖާގެ ކަންކަން ވަޒަންކުރަނީ އަހަންނާ ކާވެނިކުރި ހިސާބުން ފެށިގެން. އޭނައަކީ ނަމޫނާ އަތްނބެއް، ލާމަސީލު މަންމައެއް. ރަނގަޅު މުސްލިމަކަށް ވާން ވެސް ވަރަށް ހިތްވަރުކުރޭ."

"ކާވެނީގެ ކުރިން މާ ދީންވެރި ވެގެނެއް އޭނާ ނޫޅޭ. މީހުންނާ ރައްޓެހިވި، ރާ ބޮއެ އުޅުނު. އަހަރެން މި ހުރިހާ ކަމެއް ގަބޫލުކުރީ އެއީ ހުޅަނގުގެ ސަގާފަތުގައި އެކަންކަން އޮންނާތީ."

"މާޒީ އާ ބެހޭ ގޮތުން ކެތީ ބުނި ހުރިހާ ވާހަކައަކީ އެއީތަ؟ އެހެން ވާހަކައެއް ނުބުނޭތަ؟" އާސިމް ޝައްކުގެ އުފެދޭ ރާގަކަށް ސުވާލުކުރިއެވެ.

"އަހަރެން ގާތު އޭނާ ބުނިހާވެސް ވާހަކައަކީ އެއީ. އިތުރު ވާހަކައެއް އޮންނާނެހެން ހިއެއްނުވޭ."

"ތި ހީކުރަނީ ރަނގަޅަކަށް ނޫން. އަހަރެންގެ ވާހަކަ ފަރުވާތެރި ކަމާއެކު އަޑުއަހާ. ކެތަރިން ބްރައުންގެ ގޮތުގައި މަޒްހަރަށް އެނގުނު މީހާ އަހަރެން ދަންނަނީ ޑަސްކީ ޑަމްޒެލް ގެ ގޮތުގައި."

މަޒްހަރް ރުޅި އައިސް ރަތްވިއެވެ. "ކޮންމެ ނަމަކުން އާސިމަށް އޭނާ އެނގިފައި އޮތަސް، ބުނެފީމެއްނު އޭނަ ކުރިން ރައްޓެހިވީ މީހުންނާއި، އޭނާގެ މާޒީ އަކަށް ޝައުގެއް ނެތޭ."

"ހިތާވެގެން އުޅޭ ފިރިހެނަކާއި ޚިދުމަތެއް ހޯދަންދާ ފިރިހެނަކާއި ތަފާތުވާނެ."

މަޒްހަރްގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލޭ ވަގުތުން ގަނޑުވިއެވެ. ކާރުގެ އެރެތެވެސް ހީވަނީ ގަނޑުވެފައ އޮތް ހެންނެވެ. "އަނެއްކާ އަހަންނަށް އިވުނު ގޮތްބާ؟ ނުވަތަ އޭނާ ބޭނުންކުރި ލަފުޒު ގޯހީ ބާ؟" އެސްފިޔަވެސް ޖަހައިނުލައި އާސިމަށް ބަލަން އިނެވެ.

"އޭނައަކީ ރަންޑިއެއް." އެ ލަފުޒަށް ވަކީން ބާރުލާފައި އާސިމް ބުންޏެވެ.

"ތި ދައްކަނީ ހޮޅި ވާހަކަ!" މަޒްހަރް ވަރަށް ބާރަށް ބުންޏެވެ.

އިތުރު ވާހަކައެއް ދެއްކުމެއް ނެތި އާސިމް ވޮލެޓު ހާވަން ފެށިއެވެ. ވޮލެޓުން އެޑްރެސް ފޮތެއް ނަގައިގެން އެ ފޮތުގައި ލިޔެފައިވާ ނަންތަކުގެ ތެރެއިން ނަމެއް ހޯދައި ފޯނު ނަންބަރު ވެސް ބާރަށް ކިއެވެ. މަޒްހަރްގެ ގައިގެ ތެރެއިން ހޫނު އޮއިވަރެއް ދެމިގަތެވެ.

"މިއީ ލެސްޓަރ ގައި އުޅުނު އިރު ކެތީ ބޭނުންކުރި ނަންބަރު." އަތް ތުރުތުރު އަޅަން ފެށުމުން މަޒްހަރު ކާރުގެ ހުންގާނުގައި ބާރަށް ހިފެހެއްޓިއެވެ. ޚަދީޖާ ލެސްޓަރ އަށް ދިޔަކަން އާސިމަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

"އަހަންނަށް މި ނަންބަރު ދިނީ ރައްޓެއްސެއް، މީގެ ތިން އަހަރު ކުރިން." އާސިމް ވާހަަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން އޭނަޔާ އެކު އެއް ރޭ ހޭދަ ކުރިން." ފޮތް ބަލައިގެން ލެސްޓަރ ގައި ކެތީ އުޅުނު ފްލެޓުގެ ނަންބަރުވެސް އޭނާ ކިއެވެ. ރޭގަނޑުގެ އަނދިރިކަން އޭނާގެ ހަށިގަނޑު ތޮރުފާލާފައި އެތެރެއަށް ވަދެގަތެވެ.

"ކެމްބްރިޖުގައި އުޅޭ އަހަރެންގެ އެތައް އެކުވެރިންނެއް ގަވައިދުން އޭނަގެ ޚިދުމަތް ހޯދާ. އަހަންނަށް އޭނަ އެނގުނީ ވެސް އެމީހުންގެ ފަރާތުން. އަހަންނަށް އޭނާ އެނގުނީ ކެތަރިން ބްރައުންގެ ނަމަކު ނޫން، އަހަރެމެންނަށް އޭނާ އެނގެނީ ޑަސްކީ ޑެމްޒޭލް ގެ ނަމުން. އަހަރެމެންނާ އޭނަޔާ އޮތް ގުޅުމަށް ބަލާއިރު އޭނައަށް އެހެން ނަމެއް ބޭނުމެއް ވެސް ނުވޭ. އެންމެ ރަނގަޅު ނަމަކީ ހަމަ ޑަސްކީ ޑެމްޒޭލް."

"ތިގެއަށް ވަންނަ އިރަށް އަހަންނަށް އޭނާ އެނގިއްޖެ، އަހަންނަށް ހީވަނީ އޭނައަށް ވެސް އަހަރެން އެނގުނު ހެން. ކާން އިން އިރު މާ ގިނަ ވާހަކަ ނުދެއްކީ އެހެންވީމާ. ކެތަރިން ކާން ނައީވެސް އެހެންވީމާ. އަނބިމީހާ އޭ ބުނެ އޭނާ އަހަންނަށް ތައާރަފް ކުރީމާ އަހަރެންގެ ތަލިން ކުޅު ހިކުނު. ރަންޑިއަކާ އިނީ އެކަން އެނގިހުރެ ކަމެއް ނުވަތަ ނޭނގުމެއްގެ ތެރޭގައި ހުރެ ކަމެއް އޭރު ނޭނގުނު. މިހާރު އަހަންނަށް ޔަގީންވެއްޖެ ކާވެނި ކުރީ ކެތީގެ މާޒީ ނޭނގި ކަން."

މަޒްހަރް ކާރުން ބޭރު ބަލަން އިނެެވެ. ކާރުގެ ވިންޑްސްކްރީނަށް ފައިބަމުންދިޔަ ސްނޯއިން ފުސްކޮށްލީ ހަމައެކަނި ކާރުގެ ބިއްލޫރިގަނޑު ނޭނެވެ. މުޅި ދުނިޔެވެސް ފުސްކޮށްލައިފިއެވެ. އޭނާގެ ގައިން ވަރު ދޫވެއްޖެއެވެ. ހިރިވެސް ނުލެވުނެވެ.

"އިރުމައްޗަށް ބެލިއަސް އަދި ހުޅަނގަށް ބެލިއަސް، އެނގިހުރެ، ގަސްތުގައި އެއްވެސް މީހަކު ރަންޑިއަކާއި ނީންނާނެ." އާސިމް ބުނެލިއެވެ. "އަހަންނަކަށް ނޭނގޭ އޭނައަކީ ކޮންކަހަލަ ނަމޫނާ އަތްނބެއް ކަމެއް، ވެދާނެ މިހާރު ސާފުކަންމަތީގައި އުޅެނީ ކަމަށް. އެކަމަކު އެހެން އުޅޭނީ ކިހައި ދުވަހަކަށް ބާ؟ ދެ އަހަރު؟ ތިން އަހަރު؟ ނުވަތަ ފަސް އަހަރު؟ ނުވަތަ ދިހަ އަހަރުތަ؟ އެހެން ނޫނަސް ހުޅަނގަށް ނިސްބަތްވާ އަންހެނުންނަކަށް ވަފާތެރިކަންމަތީ ދެމިއެއް ނުތިބެވޭނެ. އަމުދުން ރަންޑިއަކަށް އެހެން އުޅެވޭނީ ކިހިނެއް؟ އޭނައަށް ފާރަލާނީ ކިހާ ދުވަހެއް ވަންދެން؟ އޮޅުވާލައިގެން ކާވެނި ކުރި މީހަކަށް އިތުބާރު ކުރާނީ ކިހިނެއް؟ އޭނަ މަޒްހަރަށް ވަފާތެރިވާނެ ހެން ހީވޭތަ؟ އަދި ކުރިއަށް އޮތް ޖީލުތައް..." އާސިމް ޖުމުލަ ފުރިހަމަނުކޮށް ނިންމައިލިއެވެ.

ބައެއްފަހަރު އަނގަބަހުން ބުނާ ވާހަކައަށް ވުރެ ނުބުނާ ވާހަކަތައް މާ އަނިޔާވެރިއެވެ. މަޒްހަރް ހިތި ބޭހެއްހެން ނުބުނެ ހުރި ވާހަކަތައް ދިރުވައިލިއެވެ.

"ފިރިހެން ކުދީން ލިބިއްޖެއްޔާ މާ ބޮޑު ކަމަަކަށް ނުވާނެ." އިރުކޮޅަކު ހިމޭނުން އިނދެފައި އާސިމް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެކަަމަކު އަންހެން ދަރީން ލިބިއްޖެއްޔާ؟ އޭނާ އަންހެން ދަރިއަކު ވިހައިފނަމަ ކަންތައް ވާނެ ގޮތަކާ މެދު ވިސްނައިލިންތަ؟ ރަންޑިއެއްގެ ގޮތުގައި ޒުވާން އުމުރު ހޭދަކުރި މީހަކު އޭނާގެ އަންހެން ދަރީންނަށް ދޭނީ ކޮން ތަރުބިއްޔަތެއް؟ ޖީލުތައް ބިނާކުރަނީ ލޭގެ ގުޅުމުން ކަމަށްވާނަމަ އެއް ޖީލުން އަނެއް ޖީލަށް ތި ދޫކޮށްލަނީ ކޮން އެއްޗެއްކަން އެނގޭތަ؟ އަދި ހުރީ އެންމެ ފިރިހެން ދަރިއެއްނުން، އެވެސް ކުޑަ ކުއްޖެއް. އެހެންވީމާ މިހާރު ތި އަންހެން މީހާ އާ ވަކިވިޔަސް ލިބޭނޭ ގެއްލުމެއް ނޯންނާނެ. ތިހެން އުޅެން ގަސްތުކޮށްފިނަމަ ދުވަސްވާ ވަރަކަށް ކަންކަން ވެސް އުނދަގޫ ވާނެ."

އާސިމް މަޒްހަރްގެ ކަންފަތަށް ތިނަރު ވިރުވައި އަަޅަމުން ދިޔައެވެ. މިހާރު ފުސްބިއްލޫރިން އެއްވެސް އެއްޗެއްގެ ހިލަމެއް ނުވެއެވެ. ކުރިއަށް ދާން އޮތް ރާސްތާ އެކަށް ފުސްކޮށްލައިފިއެވެ. މަޒްހަރްގެ ހާލަކީވެސް އެ އެވެ. އޭނާގެ ރާސްތާ ވެސް ލޯ މަތިން ގެއްލުނެވެ. މަޒްހަރްގެ އަތުގައި އާސިމް ބާރަށް ހިފައިލިއެވެ. ހުންގާނުގައި ހިފަހައްޓައިގެން އިން އަތުގައެވެ.

"ރަނގަޅުތަ؟"

މަޒްހަރް ގޮތް ހުސްވެފައިވާ ނަޒަރަކުން އޭނާއަށް ބަލައިލިއެވެ.

"މަޒްހަރް، އަހަރެން މިބުނި އެއްޗަކާ މެދު ރަނގަަޅަށް ވިސްނައިލަބަލަ. އަހަރެން ބުނި އެއްޗަކަށް ބަރޯސާވެ ގޮތް ނިންމާނެ ކަމެއް ނެތް. ގޮތް ނިންމާންވާނީ މަޒްހަރް އަމިއްލައަށް. އަހަރެން ވާހަކަ މި ދެއްކީ އެކުވެރިއެއްގެ ހައިސިއްޔަތުން. މިބުނީ އަހަންނަށް އެނގޭ ވާހަކަ، ނޭނގުމެއްގެ ތެރޭގައި ބަހައްޓަން ބޭނުންނުވީ. އަހަރެން ނުބުންޏަސް ކޮންމެވެސް ދުވަހަކުން ކެތީގެ ހަގީގަތް އެނގުނީސް. އޭރުން އެނގިހުރެ ނުބުނީތީ އެކަމާ ޝަކުވާ ކުރާނެ. ދުވަސް ވާ ވަރަކަށް ކެތީ އާ ވަކިވާން ވެސް މަޒްހަރަށް އުނދަގޫ ވާނެ."

އަނގައިން ނުބުނެ އިނދެ މަޒްހަރް ކާރު ދުއްވައިލިއެވެ. އާސިމް މަޒްހަރްގެ އަތުން ދޫކޮށްލިއެވެ. އޭނާގެ ސިކުނޑިއާއި ހިތުގައި ހިނގަމުން ދާ ޝުއޫރުތައް އާސިމަށް ވަަރަށް ރަނގަޅަށް އިހުސާސްކުރެވެއެވެ. ކާރުތެރެއަށް ހިމޭންކަން ވެރިވިއެވެ. ދެ މީހުންވެސް ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. އަނގައިން ނުބުނެ އިނދެ މަޒްހަރް އާސިމްގެ ކޮއްކޮގެ ގޭ ދޮށަށް ގޮސް ކާރު މަޑުކުރިއެވެ. ކާރު ތެރޭގައި ދެމީހުން އިރުކޮޅަކު ހިމޭނުން ތިއްބެވެ. އާސިމްގެ ކޮނޑުގައި މަޑުމަޑުން ފިރުމާލާފައި އާސިމް ބުންޏެވެ. "އަހަރެން ބުނި އެއްޗަކުން..."

"އިތުރު ވާހަކައެއް ދައްކާނެ ކަމެއް ނެތް." މަޒްހަރް އޭނާގެ ވާހަަކަ މެދުކަނޑައިލިއެވެ. "އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތް. އަހަރެން ތި ކަމާ ވިސްނައިލާނަން. ގެއަށް ވަދޭ."

އާސިމް ކާރުން ފޭބުމުން މަޒްހަރް ކާރު ދުއްވައިލިއެވެ.

އެއީ ކަޅުފޮއި ރެއެކެވެ. ކުރިމަތިން ފެންނާން އޮތީ ދިގު މަގެކެވެ. މިކަހަލަ އަނދިރި ކަމެއް ކުރިން ފެނުނު ހެއްޔެވެ؟ ކެތީއާ އޭނާގެ ކާވެނީގެ އުފާވެރި ތިން އަހަރު އޭނާގެ ކުރިމަތީގައި ދޮންވެލި ފުންޏެއްހެން ފައިބާން ފެށިއެވެ. އެއީ ކާކުހެއްޔެވެ؟ ޚަދީޖާ ނޫރް ހެއްޔެވެ؟ ކެތަރިން ބްރައުން ހެއްޔެވެ؟ ނުވަތަ ޑަސްކީ ޑެމްޒޭލް ހެއްޔެވެ؟ ރަންޑިއަކު ވަކިކުރަން ނޭނގޭހައި އޭނާ މޮޔަހެއްޔެވެ؟ ނުވަތަ އެކަހަލަ އަންހެނަކާ ކާވެނި ކުރެވުނީ ބަދު ނަސީބުން ހެއްޔެވެ؟

އޭނާ މަގުގެ އެއްފަރާތުގައި ކާރު ހުއްޓާފައި ސިނގިރެޓެއް ރޯކޮށްލިއެވެ. މެންދަމުގެ ވަގުތު ކަމަށްވާތީ މަގުމަތީގައި މާ ބޮޑު ޓްރެފިކެއް ނެތެވެ. ލިބުނު ޝޮކުގެ ސަބަބުން މީހާ އިނީ ރުންކުރުވެ މާޔޫސްވެފައެވެ. އާސިމް ބުނި ވާހަކަ ގަބޫލުކުރަން އަދިވެސް ދައްޗެވެ. އޭނާއަށް މިވަގުތު ކުރެވެމުން ދާ އިހުސާސްތައް ވަޒަން ކުރަން ބޭނުންވިއެވެ. އެހެން ކަމުން ޕާކުން ދިމާވީ ފުރަތަމަ ދުވަހު ދެކެވުނު ވާހަކަ ހަނދާނަށް ގެނައެވެ. "އަހަރެންގެ ނަންތަ؟ އަހަންނަށް ކިޔަނީ ކެތަރިން ބްރައުން. ކެތީ ކިޔަސް އެންމެ ރަނގަޅު."

"އެ އަންހެން މީހާއަށް އަހަރެން އިތުބާރުކުރިން. އަހަރެންގެ ހިތް ހިބައިން ދިނިން. އޭގެ ބަދަލުގައި އޭނާގެ ފަރާތުން އަހަންނަށް މި ލިބުނީ ކޯޗެއް؟ އަހަރެންގެ ލޮލަށް ހިރަފުސް ބުރުވާލައިފި. އަހަރެންގެ ލޯ މަތިން މުޅި ދުނިޔެ ގެއްލުވާލައިފި. ތިން އަހަރު ވީއިރު އަހަންނަށް އޭނާގެ ހަގީގަތް ކިޔައެއް ނުދިން." އާސިމްގެ ވާހަކައިން ލިބުނު ޝޮކު މަޑުމަޑުން ރުޅިއަށް ބަދަލުވާން ފެށިއެވެ.

މަޒްހަރަކީ ފުލުފުލުގައި ސިނގިރޭޓު ބޯ މީހެއް ނޫނެވެ. އެކަމަކު ކާރުތެރެގައި އިނދެގެން ބޮވުނު ސިނގިރޭޓުގެ އަދަދެއް ނޭނގެއެވެ. ސިނގިރޭޓު ފޮށި ހުސްވެއްޖެއެވެ. މިހާރު މަގުމަތީގައި ޓްރެފިކެއް ނެތެވެ. ކާރުގެ ބިއްލޫރިގަނޑު އަނެއްކާވެސް ސްނޯ އިން ފުރައިލިއެވެ. ކާރުތެރެ އޮތީ ސިނގިރޭޓުގެ ވަހުން އެއްވަސްވެފައެވެ. ދޮރުތައް ފުސްބިއްލޫރިއަށް ބަދަލުވެފައެވެ. ގަޑިން ވީ އިރެއް ބަލާކަށް އޭނާގެ ޝައުގެއް ނެތެވެ. އިންސާނެއްގެ ދިރިއުޅުން މަޑިކިލަނބަށް ބަދަލުވާ ވަގުތު އާދެއެވެ. ބަރމިއުޑާ ޓްރޭންގަލްގައި ތާށިވެފައި އޮންނަ ކަހަލަ ހާލަތަކަށް ވެއްޓެއެވެ. އެ ހާލަތުން އަރައިގަނެވޭނޭ އެއްވެސް ގޮތެއް ނޯވެއެވެ.

(ނަވާރަވަނަ ބާބު)

މިހާރު ވައި ބާރުވާން ފަށައިފިއެވެ. ވެހެމުންދިޔަ ހިމަފޮދު ވާރޭ ބޯކޮށްލައިފިއެވެ. އޭނާގެ ހެދުން ވާރެޔާ ތެމި، ފޯވެ، ގައިގައި ހިއްޕައިލިއެވެ. އޭނާ ލޯ ހުޅުވައިލިއެވެ. ވާރޭ ތިކިތައް އޭނަގެ ގައި ތޮރުފަން ފެށިއެވެ. ކެތް ކުރެވޭ ވަރަށް ވުރެ ވޭން ބޮޑުވާން ފެށިއެވެ. މުޅި ތަނަށް ވެރިވެފައި އޮތް އަމާންކަމާއި ހިމޭންކަން ނަގައިލީ ބޯ ވާރެއެވެ. ސަންގުމަރުމަރު ހިލައިގެ މަތީގައި ޖެހޭ ކޮންމެ ވާރޭ ތިތްކެއްގެ އަޑު ސިންގާގެ އަޑާއި އެއްފަދައެވެ. ނަޖިސް ތަޅުންގަނޑެއްގެ މައްޗަށް ކިތަންމެ ބޯކޮށް ވާރޭ ވެހުނަސް އެ ނަޖިސް ފިލައެއް ނުދާނެއެވެ. މިއީ އޭނާއަށް އެކަން ރޭކާލި ފުރަތަމަ ފަހަރެވެ. ގައިގައި އަޅާ ކޮންމެ ވައި ރޯޅިއެއް ހޫނު އެތިފަހަރަކަށް ބަދަލުވިއެވެ. އުޑުމަތި އޮތީ އަދިވެސް ސާފުކޮށެވެ. އެކަމަކުވެސް އުޑުމައްޗަށް ބަލައިލުމުން ލޮލަށް ކެތް ކުރެވޭ ވަރެއް ނުވެއެވެ. ސިޑީގެ ހިމާޔަތް ހޯދަން ދެތިން ފިޔަވަޅު ފަހަތަށް އެޅިއެވެ. އެކަމަކު ސިޑި މަތީގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެޅުން ވީ ބޮޑު ތަކުލީފަކަށެވެ. ވާރޭ ނުވެހޭ އިރުވެސް ސަންގުމަރުމަރު ހިލަތައް ނުލާހިކު އޮމާނެވެ. ބޯ ވާރޭ ތެރޭގައި ހަރުފަތްތައް ކައްސާ ވަރުން ކުރިއަށް ފިޔަވަޅު އަޅާކަށް ފަސޭހައެއް ނުވިއެވެ. ކުރިއަށް ނުދެވުމުން ހަތަރުކަކޫ ޖަހާފައި ކުޑަކުއްޖެއްހެން ސިޑިން އަރަން ފެށިއެވެ. ސިޑި މައްޗަށް ކޮންމެވެސް ވަރަކަށް މިލަ ހަނދުވަރު ފެތުރިފައި އޮތެެވެ. ސިޑީގެ އެންމެ މައްޗަަށް އަަރައި އޭނާ ކޮޅަށް ތެދުވިއެވެ. އެއަށްފަހު ތިރިއަށް ބަލައިލިއެވެ. ބިރުން ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އެއާކު މުޅި ހަށިގަނޑުގެ ހަރަކާތް ހުއްޓުނެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

6 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.