ޖިނާއީ ބޮޑެތި ކުށްތަކަށް އިންސާފު ހޯދައިދިނުމަށް ފޮރެންސިކް ލިންގުއިސްޓިކްސް އުކުޅު ބޭނުންކުރަންޖެހޭ

Credit: Tugoluokf/Shutterstock

ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައިވީ ނަަމަވެސް އަޅުގަނޑުމެންގެ ތެރޭގައިވެސް ޖިނާއީ ބޮޑެތި ކުށްތައް ވަނީ އާއްމުވެފައެވެ. ގޮތް ނޭނގޭ މަރުތަކާއި ކޮރަޕްޝަނާއި މަސްތުވާ ތަކެތީގެ ބޮޑެތި ޑީލްތައް ހިނގައެވެ. ބޮޑެތި ކުށްކުށުގެ ޝިކާރައަކަށްވެފައިވާ އެތައް އާއިލާއަކުން އިންތިޒާރުކުރަމުން ދަނީ އިންސާފު ލިބޭނޭ އިރަކަށެވެ. ނޫސްތަކުގެ ސުރުޚީތަކުންނާއި ސޯޝަލްމީޑިއާގައި ފާޅުކުރާ ޝުއޫރުތަކަށް ބަލައިލުމުން ރައްޔިތުން މިކަމަށް ބޭނުންވެފައިތިބި މިންވަރު ހާމަވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދް ޞާލިހްގެ ކެންޕޭނު ދުވަސްވަރު އެންމެ ބާރަށް ދެކެވުނު އެއްވާހަކައަކީ އިންސާފު ގާއިމުކޮށްދެއްވާނެ ކަމުގެ ވާހަކައެވެ. ކޮންމެ ކެންޕޭނު ހަރަކާތެއްގައި އެމަނިކުފާނު އެވާހަކަފުޅު ތަކުރާރުކުރައްވަމުން ގެންދެވިއެވެ. ވަކީން ޚާއްސަކޮށް ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯއްދަވައި އާއިލާތަކުން ކުރަމުން ގެންދާ އިންތިޒާރަށް ނިމުން ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނޭނޭ ކަމާމެދަކު ޝައްކެއް ނެތެވެ. ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް އެންމެ އިސްކަމެއް ދެއްވީވެސް އެކަމަށެވެ. ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރެއްވުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރެއްވުމަށް އެމަނިކުފާނު ދެ ކޮމިޝަނެއް އެކުލަވައިލެއްވިއެވެ.

ޖިނާއީ ކުށެއް ހިނގުމުން އެ ކުށެއް ތަހުގީގުކުރުމަށްޓަކައި އެއްކުރެވޭން ހުރި ހުރިހައި ހެއްކެއް ފުލުހުން އެއްކުރެއެވެ. މިގޮތުން އެއްކުރެވޭ ފޮރެންސިކް ހެއްކަކީ ބޮޑެތި ޖިނާއީ ކުށްތައް ސާބިތުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަކެއްޗެވެ. ތަހުގީގީ އިދާރާތަކުން އެއްކުރާ ފޮރެންސިކް ހެކީގެ ގޮތުގައި ލޭ، ނުވަތަ ފައިބަރ، ނުވަތަ ކުށުގެ ވެށީން އެއްކުރާ މިބާވަތުގެ އެއްޗެހި ހިމެނެއެވެ. މިދެންނެވި ތަކެއްޗަކީ ދިވެހިރާއްޖޭގެ ފުލުހުންގެ ތަހުގީގު ޕޯޓްފޯލިއޯ އުކުޅުތަކުގައިވެސް ހިމެނޭނޭ ތަކެތިކަން ގައިމެވެ.

އިންސާފާ ހަމައަށް ވާސިލުވެވޭނީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ ހެކި ހޯދައި އެހެކި ރަނގަޅަށް ތަހުލީލުކުރެވިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ކޮމިޝަނުން ބޭއްވެވި ޕްރެސް ކޮންފަރެންސްތަކުން ހާމަކުރެއްވި މައުލޫމާތާއި، އަދި ދާދި ފަހުން ޖިނާއީ ކޯޓުގައި ހުޅުވާލައިގެން ބޭއްވި ޝަރީއަތް އަޑުއަހަމުން ދިޔައިރު، ތަހުގީގު މަރުހަލާތަކުން އެއް ދާއިރާއެއް ވަރަށް ބޮޑަށް އުނިވެފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. މަރު ކޮމިޝަނުން ބޭއްވެވި ނޫސް ކޮންފަރެންސްގައި ކުށަށް ތުހުމަތުކުރެވޭ މީހުންގެ މެދުގައި ބަދަލުކުރެވިފައި ހުރި ޓެކްސްޓު މެސެޖު ފަދަ މުއާމަލާތްތައް ހުރިކަމަށް ވިދާޅުވިއެވެ. ޖިނާއީ ކޯޓުގައި ކުރިއަދް ދިޔަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަަތުން ވެސް ޓެކްސްޓް މެސެޖާއި އެހެނިހެން މީޑިއަމްތައް މެދުވެރިކޮށް ކުރެވިފައި ހުރި މުއާމަލާތްތަކާއި އަދި ލިޔެކިޔުންތައް ހުރިކަން އެނގެއެވެ. ހަމައެހެންމެ އަލްޖަޒީރާއިން ދުރަށް ދެއްކި 'ސްޓީލިންގ ޕެރެޑައިސް' ގައި ވެސް ކުށަށް ތުހުމަތުކުރެވޭ މީސްމީހުންގެ މެދުގައި ކުރެވިފައިހުރި މުއާމަލާތްތަކުގެ ސްކްރީން ޝޮޓް ހިމަނާފައިވެއެވެ.

މިދެންނެވި މުއާމަލާތްތައް ކުރެވިފައިހުރީ 'ބަސް' ބޭނުން ކޮށްްގެންނެެވެ. "ވޯޑް ކްރައިމް" އަކީ މިހާރު ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކުން ފޮރެންސިކް ތަހުލީލުގައި ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ދާއިރާއެކެވެ.

ލެއާއި، ފައިބަރ، ނުވަތަ، ކުށުގެ ވެށީން އެއްކުރެވޭ ތަކެއްޗަށްވުރެ ބޮޑަށް ފޮރެންސިކް ދުނިޔޭގައި މިހާރު އެންމެ ބާރުމިނުގައި ކުރިއަރަމުން އަންނަ ދާއިރާއަކީ ލަފުޒުގެ ދާއިރާއެވެ. ނުވަތަ ބަހުގެ ދާއިރާއެވެ. މިގޮތުން ތަހުގީގު ޕޯޓްފޯލިއޯ (އިންވެސްޓިގޭޓަރސް ޕޯޓްފޯލިއޯ)އަށް ބަސް އިތުރުކޮށް، ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދީފައިވެސްވެއެވެ. ކަމެއް ހިނގައިދިޔަ ގޮތާއި އެކަމެއްގައި ބައިވެރިވި މީހުންގެ އަމަލުތައް އެބައެއްގެ ބަސްމަގުން ނުވަތަ ބަސްކޮށާރުން ސާފުކޮށް އެނގޭނެއެވެ. ޖިނާއީ މައްސަލަތަކަށް އިންސާފު ނުލިބި، ބައެއްފަހަރު އިންސާފުގެ ނިޒާމުގެ ތެރެއިން ބައިގެންދާން މެދުވެރިވާ އެއްސަބަބަކީ ވެސް ބަހެވެ. ބަސް ބޭނުންކުރެވިފައި ހުންނަ ގޮތެވެ. ނުވަތަ ކުށުން ބަރީއަވުުމަށް ނުވަތަ މީހެއްގެ ބޮލުގައި ކުށް އެޅުވުމަށް ބަސް ބޭނުންކުރާ ގޮތެވެ.

މައި މީޑިއާއާއި ސޯޝަލް މީޑިއާ އަށް ތިލަވެފައި ހުރި މައުލޫމާތަށް ބަލާއިރު އެމްއެމްޕީއާރްސީގެ މައްސަލައާއި ގޮތް ނޭނގޭ މަރުތަކާއި ގުޅިގެން އެކުށްކުށް ހިނގި ދުވަސްވަރު އެކި ފަރާތްތަކުގެ މެދުގައި ކުރެވިފައި ހުރި މުއާމަލާތްތައް ހުރިކަން އެނގެއެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ މެދުގައި ކުރެވިފައި ހުރި މުއާމަލާތްތައް ވެސް ހުރި ކަމަށް ވެއެވެ. އެއްވެސް ފަރާތަކާއެކު އެފަދަ މުއާމަލާތްތައް ކޮށްފައިނުވާނޭ ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެފައިވެސް ވެއެވެ.

އެހެންކަމުން އެއީ އެބޭބޭފުޅުންގެ ބަސްމަގުކަން ނުވަތަ ނޫންކަން މުތުލަގަށް ޔަގީންކުރެވޭނޭ ހަމައެކަނި ގޮތަކީ ފޮރެންސިކް ލިންގުއިސްޓިކްސް މެތަޑެވެ. ނުވަތަ އޯތަރޝިޕް މެތަޑެވެ.

ފޮރެންސިކް ލިންގުއިސްޓިކްސް މެތަޑަކީ ވިހި ވަނަ ގަރުނުގެ މެދުތެރޭގައި ބަހަވިއްޔާތު (ލިންގުއިސްޓިކްސް)ގެ ތެރެއިން ބަހަވީން (ލިންގުއިސްޓްސް) އަށް ތިލަވެގެން އައި ދާއިރާއެކެވެ. ފޮރެންސިކް ލިންގުއިސްޓިކްސްގެ ދާއިރާ އަކީ ކްރިމިނަލް އިންޖަސްޓިސެސްގެ މައްސަލަތައް ނިޒާމުގެ ތެރެއިން ބައިގެން ދިޔަނުދީ، އިންސާފު ގާއިމުކުރުމަށް ބޭނުންކުރާ ދާއިރާއެކެވެ. އިންސާފު ކަށަވަރުކުރުމުގައި ފޮރެންސިކް ބަހުގެ އުކުޅުތައް ނުވަތަ ފޮރެންސިކް ލެނގުއޭޖް ޓެކްނީކްތައް އެކި ދާއިރާ ތަކުގައި ބޭނުންކުރެވެއެވެ. މިގޮތުން ގާނޫނީ ލިޔުން (ލީގަލް ރައިޓިންގ) ތަކުގައި ހުންނަ އޮޅުންތަކާއި، ކޯޓުރޫމުގައި ދެކެވޭ ވާހަކަ މާނަކުރުމާއި، ކާކުކަން ނޭނގޭ ގޮތަށް ލިޔެފައި ހުންނަ ލިޔުންތަކުގެ މުސައްނިފު ހޯދުމާއި، ދޮގު ހެކި ދިނުމާއި އަދި ރޭޕްގެ ޝިކާރައަށްވާ މީހުން ދީފައި ހުންނަ ބަޔާންތައް ފޮރެންސިކް ލެނގުއޭޖް ޓެކްނީކް ތައް ބޭނުންކޮށްގެން ތަހުލީލުކުރެއެވެ.

ދެކެވޭ ވާހަކަ އާއި މުއާމަލާތްތައް (ކޮންވަރޒޭޝަން އެނޭލިސިސް/ޑިސްކޯސް އެނޭލިސްސް) އަށް ވުރެ ބޮޑަށް އޯތަރޝިޕް މެތަޑުގައި ބަލަނީ މީހާގެ ލިޔުމުގެ ސްޓައިލަށެވެ. މިދަންނަވަނީ އަތުލިޔުމުގެ ވާހަކައެއް ނުވަތަ ލިޔާން ބޭނުންކުރާ އާލާތުގެ ވާހަކައެއް ނޫނެވެ. ބަސް ބޭނުންކުރާ ސްޓައިލްގެ ވާހަކައެވެ. ފުލްސްޓޮޕް، ކޮމާ، 'ކޮންޓްރެކްޝަންސް' (ލަފުޒު ކުރުކުރުން)، ކޯޑު، އިމޯޖީ، ދެ ލަފުޒު ދޭތެރޭގައި ހުސްތަންދޫކުރާ ފޭޑި (ސްޓައިލް)، ފަދަ ކަންކަން ތަހުލީލުކުރާ ވާހަކައެވެ.

ކޮންމެ މީހެއްގެ ލިޔުމުން ވެސް އޭނާގެ ލިޔުމުގެ ފޭޑި ނުވަތަ ރައިޓިންގް ސްޓައިލް ފެންނާނެއެވެ. ކުށަށް އަރައިގަންނަ މީހުންގެ މެދުގައި މުއާމަލާތް ކުރާއިރު ތަހުގީގުކުރާ ފަރާތްތަކުގެ އަމާޒު އެހެން ދިމާއަކަށް ގެންދިއުމުގެ ގޮތުން ސްޓައިލް އޮޅުވައިލަން މުޖުރިމުން މަސައްކަތް ކުރެއެވެ. އެގޮތުން ކުށުގެ ޝިކާރައަށްވާ މީހާގެ ސްޓައިލް ނަކަލުކުރަން މަސައްކަތް ކުރެއެވެ. މީހަކު މަރާލާފައި އެމީހާގެ ލިޔުމުގެ ސްޓައިލް ކޮޕީކުރަން ވެސް މުޖުރިމުން މަސައްކަތް ކޮށްފާނެއެވެ. އެގޮތުން މަރާލެވުނު މީހާގެ ސްޓައިލްގައި ހުންނަ ދިހަ ކަމެއް ނުވަތަ އެއަށްވުރެ ގިނަކަންކަން ބަރާބަރަށް ނަކަލުވެސް ކޮށްފާނެއެވެ. މިސާލަކަށް ކޮމާއަކަށްފަހު ހުސްތަން ދޫކުރޭތޯ، ނުވަތަ ހުސްތަން ދޫކުރަނީ ކޮމާގެ ކުރިއަށްތޯ ނުވަތަ ފަހަތަށްތޯ ހޯދިދާނެއެވެ. ކިތަންމެ ފަރުވާތެރިކަމާއެކު ލިޔުނު ނަމަވެސް އޭނާގެ އަމިއްލަ ސްޓައިލް ލިޔުމުގައި ނުހުރެއެއް ނުދާނެއެވެ. ރަނގަޅަށް ތަހުލީލުކުރެވިއްޖެނަމަ ފުލްސްޓޮޕް، ކޮމާ، އެޕޯސްޓްރޮފީ ޖެހުމުގައި، ނުވަތަ ލަފުޒު ކުރުކުރުމާއި ދެ ލަފުޒު ދޭތެރޭ ހުސްތަން ދޫކުރުން، ނުވަތަ އޭނާ ނިސްބަތްވާ ސަހަރައްދުގެ ބަހުރުވަ ފަދަ ކޮންމެވެސް ކަމެއް ލިޔުމުން ފާހަގަކުރެވޭނެއެވެ. މިކަހަލަ ލިޔުމެއްގައި މިގޮތަށް ހައްލުކުރެވިފައި ހުރި ކޭސްތަކުގެ ތަފްސީލު ނުލިޔެވޭނެއެވެ. ނަމަވެސް ދޭހަކުރުމަށް ފަސޭހަވާނޭހެން ތަހުލީލުކުރެވި އިންސާފު ހޯދައިދެވުނު ބައެއް ކޭސްތައް ފާހަގަކޮށްލާނަމެވެ.

އެމެރިކާގެ އޮހާޔޯގައި ކުރެވުނު މަސްތުވާތަކެތީގެ ވިޔަފާރީގެ މުއާމަލާތެއްގެ ލިޔެކިޔުންތައް ތަހުލީލުކުރުމަށް ތަހުގީގީ މުއައްސަސާއިން ފޮރެންސިކް ލިންގުއިސްޓުންގެ އެހީ ހޯދިއެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތަކުން ލިޔުނު ނޯޓެއް ފޮރެންސިކް ލިންގުއިސްޓަކާ ހަވާލުކުރެވުނެވެ. ތިރީގައި މިނަކަލުކުރަނީ އެ ނޯޓުގައި އޮތްކަމަށް ތަހުލީލު ޓީމުގެ ތަޖުރިބަކާރަކު ވިދާޅުވި އިބާރާތެވެ.

“put $10,000 cash in a diaper bag, put it in the trash can at the double strip at corner 18…”

ނޯޓު ކިޔާފައި ފޮރެންސިކް ލިންގުއިސްޓު ތަހުގީގު ޓީމާ ކުރީ އެންމެ ސުވާލެކެވެ. ތުހުމަތުކުރެވޭ މީހުންގެ ލިސްޓުގައި އޮހާޔޯގެ އެކްރިން އަށް ނިސްބަތްވާ މީހެއްގެ ނަން އޮތްތޯއެވެ. އޭނާގެ ސުވާލު ބިިނާކުރީ ނޯޓުގައި އޮތް އެންމެ ލަފުޒަކަށެވެ. މަގާއި ދުވާރާ ދެމެދު ހައްދާފައި ހުންނަ ވިނައަށް އެ ސަރަހައްދުގެ އެކި ހިސާބުގައި ކިޔަނީ އެކި ނަންނަމެވެ. އެގޮތުން "ކައުންޓީ ސްޓްރިޕް"، "މީޑިއަން ސްޓްރިޕް"، އަދި "ޑަބަލް ސްޓްރިޕް" ކިޔައި އުޅެއެވެ. ނަމަވެސް "ޑަބަލް ސްޓްރިޕް" ކިޔައި އުޅެނީ ހަމައެކަނި އޭކްރަން އަށް ނިސްބަތްވާ މީހުންނެވެ. މި ލަފުޒަކީ އެ ސަރަހައްދުގައި އުޅޭ މީހުންގެ އާއްމު ބަހުރުވައިން އަށަގެންފައިވާ ލަފުޒެކެވެ. އެހެންކަމުން އެ ލަފުޒުގެ ސަބަބުން އެފަދަ ކަމަކުން އޭނާއަށް ތުހުމަތު ކޮށްފާނޭކަން ކުށްކުރާ މީހާއަށް ވިސްނައިނުގަނެވިދާނެއެވެ. އެ ނޯޓުން އެކަން ތިލަކުރެވުމުން ތަހުގީގު ކުރިއަށް ގެންދާން ފުލުހުންނަށް ފަސޭހަވިއެވެ. ތަހުގީގު ޓީމުން ގޮސް އޭނާ ހައްޔަރުކުރިއެވެ. ޝަރީއަތަށް މައްސަލަ ސާބިތުވެސް ވިއެވެ.

ފޮރެންސިކް ލިންގުއިސްޓިކްސް އުކުޅު ބޭނުންކޮށްެގެން މައްސަލައިގެ ފުނަށް ދެވުނު ކޭހެއްގެ ގޮތުގައި 2013ވަނަ އަަހަރު އިނގިރޭސިވިލާތުގެ ޗެސްޓަރ ކްރައުން ކޯޓުގައި ކުރިއަށް ދިޔަ ޑޭވިޑް ރަޔާންގެ މައްސަލަވެސް ހިމެނެއެވެ. މީހަކު މަރާލުމަށް ފަހު ޑީއެންއޭ އެވިޑެންސް ނައްތައިލުމަށް ކުށުގެ ވެށީގައި ރޯކޮށް، މަރާލެވުނު މީހާ އަންދާލަން މުުޖުރިމު މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ދެނެގަނެވުނީ މަރައިލެވުނު އަންހެން މީހާގެ ފޯނަށް އެވަގުތު އައި މެސެޖަކަށް އޭނާ ދިން ޖަވާބުންނެވެ. މި މައްސަލަ ތަހުލީލުކުރި ފަރާތުންވަނީ ފުލުހުން އޭނާއާ ހަވާލުކުރި ހެކި އެނެލައިޒްކޮށް އޭނާގެ ހޯދުންތައް ކޯޓުގައި، ފަނޑިޔާރުންގެ ބެންޗާ ހިއްސާކޮށްފައެވެ.

ތިންވަނަ ކޭސްއެއްގެ ގޮތުން ގެއެއްގައި ދިރިއުޅުނު ތިން ފިރިހެނެއްގެ ކޭސްއެއް ފާހަގަކޮށްލާނަމެވެ. އެތަނުން ދެމީހެއްގެ މުސާރަ ޖަމާކުރަމުން ދިޔައީ ތިންވަނަ މީހާގެ އެކައުންޓަށެވެ. އެއީ ކީއްވެގެން ކަމެއް ސާފެއްނުވެއެވެ. ތިން މީހުން މައްސަލަޖެހި، ދެމީހުން ވެގެން ތިންވަނަ މީހާ މަރާލާފައި ގޭގެ ބަގީޗާގައި ވަޅުލިއެވެ. އެމީހާ މަރާލުމަށްފަހު އޭނާގެ ސްޓައިލް ކޮޕީކޮށް ދުނިޔޭގެ އެކި ގައުމުތަކުން އޭނާގެ ނަމުގައި އާއިލާއަށް ޕޯސްޓުކާޑު ފޮނުވަމުން ދިޔައެވެ. އެ ދެފިރިހެނުން މަސައްކަތް ކުރަމުން ދިޔައީ އެއާލައިނެއްގައި ކަމުން އެކި ގައުމުތަކުން އެކުވެރިން ލައްވައި ޕޯސްޓުކާޑު ފޮނުވުން އުނދަގޫ ކަމަކަށް ނުވިއެވެ. އެމައްސަލައިގައިވެސް އާއިލާއަށް އިންސާފު ހޯދައިދީފައިވަނީ ލިޔުންތައް ތަހުލީލުކޮށްގެންނެވެ.

ހަތަރުވަނަ ކޭހެއްގެ ގޮތުގައި މި ހިމަނައިލަނީ ދުނިޔޭގެ ފުލްޓައިމް ފޮރެންސިކް ލިންގުއިސްޓުގެ ގޮތުގައި މަޝްހޫރުވެފައިވާ ޑރ. ޖޯން އޮލްސަން ތަހުލީލުކުރި ކޭހެކެވެ. ޑރ. އޮލްސަން ވަނީ 2013ވަނަ އަހަރު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ، ކެންޔާގެ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ ހިންގި ކަމަށް ތުހުމަތުކުރެވޭ ގަތުލުއާއްމުގެ ކުށްތަކުގެ ހެކީގެ ގޮތުގައި ހުށަހެޅުނު އެތައް ހާސް ޑޮކިއުމެންޓެއް ތަހުލީލުކުރައްވާފައެވެ. އެ ޑޮކިއުމެންޓުތަކުގެ ތެރޭގައި ހިމެނެނީ ފޯޖުކޮށް ފެބްރިކޭޓުކޮށްފައި ހުރި ބަޔާންތަކެވެ. ލިޔުންތައް ތަހުލީލުކުރުމަށްފަހު އެބަޔާންތަކުގައި ފުލުހުންނާއި ބަޔާންދިން މީހުން ލައްވައި ސޮއިކުރުވާފައިވަނީ ބަޔާންތަކަށް ބަދަލުގެނެސްގެން ކަން ފާހަގަކުރެވުނެވެ. ގިނަ ބަޔާންތަކަކީ ރަށްފުށުގައި ދިރިއުޅޭ ދަށް ފަންތީގެ މީހުންގެ ބަޔާންތަކެވެ. ދަނޑުވެރީންގެ ބަޔާންތަކުގައިވެސް ރަށްފުށުގެ ބަހުރުވައިގެ ތެރެއަށް ރަސްމީ ބަހުރުވަ މަސްހުނިކޮށްފައި ހުއްޓެވެ. ހުރިހާ ބަޔާންތަކެއްގެ ޕެޓާންތައް އޮލްސަން ހޯދިއެވެ. އޭނާއަށް ފާހަގަކުރެވުނު ގޮތުގައި އެބަޔާންތައް ފޯޖުކޮށް ފެބްރިކޭޓުކުރީ ކެންޔައްޓާ އެވެ. މި މައްސަލައިގައި ލިޔުން ތަހުލީލުކޮށްގެން އެއީ އޭނާކަން އެނގުނު ނަމަވެސް މައްސަލައާއި ގުޅުން އޮތް އެތައް ބަޔަކު މަރުވުމާއި، އެފަދަ އެހެން ސަބަބުތަކާ ހެދި މައްސަލަ ވެއްދި ފަރާތުން މައްސަލަ އަނބުރައި ގެންދިޔައީއެވެ.

ފަހު ކޭހެއްގެ ގޮތުން މި ހިމަނާލަނީ ފުލުހުންގެ ސީނިއަރ އޮފިސަރަކު އޭނާގެ އަންހެނުން މަރާލުމަށްފަހު ލިޔެފައިވާ ފޭކް ސުއިސައިޑް ނޯޓެއްގެ ވާހަކައެވެ. ޑރ. އޮލްސަން ބީބީސި ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ފުލުސް އޮފިސަރުގެ ހުރިހާ ލިޔުމެއްގައި ވެސް މުޚާތަބުކުރާ މީހާގެ ނަން ޖަހާފައި ފުލްސްޓޮޕެއް ޖަހައެވެ. (މިސާލަކަށް Dear Michael. Dear John.). އެއަށް ފަހު ހާލު އަހުވާލު އަހައެވެ. ފުލުސް އޮފިސަރެއްގެ މުއާމަލާތްތަކުގައި އާއްމުކޮށް ކޮމާންޑް ކުރުމާއި އޯޑަރު ދިނުން ގިނަ އަދަދަކަށް ހުންނާނެވެ. އެހެންކަމުން އޭނާގެ މުއާމަލާތް ހުންނާނީ ވަރަށް ކުރު ޢިބާރާތުންނެވެ. ކުރުކޮށެވެ. އޮފިސަރު ލިޔުނު ފޭކް ސުއިސައިޑް ނޯޓުން އެ ހުރިހާ ސިފައެއް ފެނުނެވެ.

މި ދެންނެވި ފަދަ ތަފްސީލަކީ ޑޮކިއުމަންޓަކަށް ފުރަތަމަ ބަލައިލާ އިރު އަޅައިގަންނާނެ ތަފްސީލެއް ނޫނެވެ. މި ކޭސް ދިރާސާ ކުރަމުން އޮލްސަންއަށް އެކަން ފާހަގަކުރެވުނީ ސުއިސައިޑް ނޯޓު ބަލައިގެން އެ ނޯޓުގައިވާ އިބާރާތް ނަކަލުކުރި ވިހިވަނަ ފަހަރުއެވެ. އޭނާ އަޅައިގަތީ ނޯޓުގައި ބޭނުންކޮށްފައި އޮތް ފުލްސްޓޮޕް ގައެވެ. ދެން އެ ފުލްސްޓޮޕްގެ ބޭނުމަކީ ނުވަތަ ދައުރަކީ ކޮބައިތޯ ތަހުލީލުކުރީއެވެ. އޮލްސަންވަނީ އޭނާގެ ދަރިވަރުންނަށް އެ ޑޮކިއުމެންޓު ދީގެން ޕެޓާންތައް ފާހަގަކުރުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއްވެސް ދަރިވަރަކަށް އެ ނޯޓުން ފުލްސްޓޮޕް ފާހަގައެއް ނުކުރެވެއެވެ. ލިޔެކިޔުންތައް ނަކަލުކުރާއިރު އެފަދަ ތަފްސީލު ފާހަގަވަނީ އަސްލު ކޮޕީގައިވާ ގޮތަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް އެއްވެސް ބަދަލެއް ނުގެނެސް ނަކަލުކުރުމުންނެވެ.

މިދެންނެވީ ފޮރެންސިކް ލިންގުއިސްޓިކްސް މެތަޑް ބޭނުންކޮށްފައިވާ ބައެއް ކޭސްތަކެވެ. ކުށްވެރީންނަށް ނުވަތަ ތުހުމަތުކުރެވޭ ފަރާތްތަކަށް ބިރު ދައްކައިގެން ފުލުހުން ބަޔާން ނަގާ ވާހަކައަކީ ވެސް އާއްމު ވާހަކައެކެވެ. މިގޮތަށް މެދުވެރިވާން ދިމާވާ މައިގަނޑު ސަބަބެއްކަމަށް ފޮރެންސިކް ލިންގުއިސްޓުން ފާހަގަކުރަނީ، ކުށަށް ތުހުމަތު ކުރެވޭ މީހުންނާ ފުލުހުން ސުވާލުކުރާއިރު، ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވުމުގެ ބަދަލުގައި، މީހެއްގެ ފަރާތުން ލިބޭ މައުލޫމާތު ނުވަތަ އެއްކުރެވިފައި ހުންނަ މައުލޫމާތުގެ ތެދުދޮގު ސާބިތުކުރަން ސުވާލުކުރާތީ ކަމަށެވެ. ނުވަތަ ހެކި އެއްކުރާއިރު ކުށް ސާބިތުކުރުމުގެ ގޮތުން އެކަކަށް ވުރެ ގިނަ މީހުންގެ ބަޔާންތައް އެއްގޮތް ކުރުމަށް މަސައްކަތްކުރާތީ ކަމަށެވެ. ބަޔާންތަކާ މެދު ޝައްކު އުފައްދައިފިނަމަ އެފަދަ ބަޔާންތައް ވެސް ފޮރެންސިކް ލިންގުއިސްޓިކްސް މެތަޑް ބޭނުންކޮށްގެން ތަހުލީލުކުރާންވާނެއެވެ.

ފުލުހުންގެ ފަރާތުން ފޮރެންސިކް ލިންގުއިސްޓަކު ހެކިބަސްދެއްވާން ކޯޓަށް ވަޑައިގެންނެވުމުގެ ކުރިން މައްސަލައަށް ތުހުމަތުކުރެވޭ މީހުން ނުވަތަ އަނިޔާ ލިބުނު މީހުންގެ ތަފްސީލު ހިއްސާނުކުރުމަށް ފުލުހުން ގާތު އެމީހުން އެދެއެވެ. އެއީ އެ މައުލޫމާތު ކުރިން އެނގިއްޖެނަމަ ތަހުލީލަށް އޭގެ އަސަރު ފޯރާނެތީއެވެ. އެހެންކަމުން ގިނަފަހަރަށް އެފަދަ މައުލޫމާތު އެނގެނީ ކޯޓަށް ދިއުމުންނެވެ. ނުވަތަ ތަހުލީލުތައް ނިމޭ ފަހުންނެވެ. ފޮރެންސިކް ލިންގުއިސްޓެއްގެ ދައުރަކީ ލިޔުންތައް ތަހުލީލުކޮށް ހޯދުންތަކުން ފެނުނު ހެކި ހުށަހަޅައި، އެ ހެކި ސާބިތުކޮށްދިނުމެވެ. ހެއްކަށް ރިއާޔަތް ކޮށް ހުކުމް އިއްވާނީ ފަނޑިޔާރެވެ. ފޮރެންސިކް ލިންގުއިސްޓު ސާބިތުކޮށްދޭނީ ވަކި މީހެއްގެ ލިޔުމުގެ ސްޓައިލް ކަން ނުވަތަ ނޫން ކަމެވެ. ގާނޫނެއްގެ އިހުތިސާސްގެ ތެރެއިން، ޚާއްސަކޮށް ކޮމަން ލޯ ޖުރިސްޑިކްޝަން ގައި ހަގީގަތް ކަނޑައަޅާނީ ކޯޓުންނެވެ. ލިންގުއިސްޓަކު ބަޔާނެއްގެ ތެދު ދޮގު ކަނޑައެއް ނާޅާނެއެވެ. ނުވަތަ އެގޮތަށް ކޯޓަށް އިރުޝާދެއް ނުދޭނެއެވެ. ބަޔާނެއްގެ ތެދުދޮގު ކަނޑައެޅުމަކީ ކޯޓުގެ ޒިއްމާއެކެވެ. އެއްވެސް އެކްސްޕާޓަކު ކޯޓަށް ގޮތް ކިޔައިދީ މައްސަލައަށް ނުފޫޒެއް ނުފޯރުވާނެއެވެ. 

މަރުގެ މައްސަލަ، ރޭޕް، ކޮރަޕްޝަން، ޑްރަގް ޑީލްތައް، ބިރުދެއްކުން، ހަރުކަށި ފިކުރު، ރުޅިވެރިކަން ފެތުރުން ފަދަ ކުށްތަކުގެ މުގުލުގައި ތިބޭ ފަރާތްތައް ހޯދަންވެސް މިހާރު ފޮރެންސިކް މެތަޑް ބޭނުންކުރެއެވެ. ބަހުން ކުށް ސާބިތުކުރެވިދާނެއެވެ. ހަމައެހެންމެ ކުށުން މީހުން ރައްކާތެރިވެސް ކުރެވިދާނެއެވެ. ސިޓީ، ނޯޓު، މެސެޖު، އީމޭލް، ބްލޮގް ފަދަ އެއްޗެހި ތަހުލީލުކޮށްގެން ތަހުގީގަށް ކުރިއެރުން ލިބޭނެއެވެ. މިދަންނަވަނީ ފަހަރެއްގައިވެސް އެތަކެތި އެކަނި ތަހުލީލުކޮށްގެން ޝަރީއަތަށް މައްސަލަ ސާބިތުކުރާ ވާހަކައެއް ނޫނެވެ. ނަމަވެސް އެފަދަ ތަކެތި ހުރެމެ، އެތަކެތި ތަހުލީލު ނުކޮށް ދޫކޮށްލާނަމަ، މައްސަލައެއް ނިންމުނު ގޮތާމެދު ޝައްކު އުފައްދާނޭ ޖާގަ އޮތް ވާހަކައެވެ. އެފަދަ ތަކެތި ތަހުލީލު ކުރެވިއްޖެނަމަ އެއީ އިންސާފު ކަށަވަރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެއެވެ.

ފޮރެންސިކް ލިންގުއިސްޓިކްސް މެތަޑަކީ ކުރިއަރާފައިވާ ގައުމުތަކުގައި އިންވެސްޓިގޭޓަރސް ޕޯޓްފޯލިއޯއަށް އިތުރުކުރެވިފައިވާ ދާއިރާއަކަށް ވީ ނަމަވެސް، މި ދާއިރާއަކީ މީހުން ތަމްރީނު ކުރުމަށް ސަރުކާރުން އިސްކަންދެއްވާ ދާއިރާއެއް ނޫނެވެ. ނަމަވެސް ގޮތް ނޭނގޭ މަރުތަކާއި ކޮރަޕްޝަން ފަދަ ބޮޑެތި މައްސަލަތަކުން އާއްމުންނާ ހަމައަށް ތިލަވެފައި ހުރި ބައެއް މުއާމަލާތްތައް އިނގިރޭސި ބަހުން ހުރުމާއެކު ބޭރުގެ ތަޖުރިބާކާރެއްގެ އެހީވެސް ހޯދިދާނެއެވެ. ނުވަތަ ތަހުގީގީ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީނު ކުރެވިދާނެއެވެ. ފޮރެންސިކް ލިންގުއިސްޓިކް އެނޭލިސިސް ހެދުމަށް އެފްބީއައިގެ ބިހޭވިއަރަލް އެނޭލިސިސް ޔުނިޓުގެ އޭޖެންޓުންނަށްވެސް ތަމްރީނު ދީފައިވެއެވެ. އަދި އިނގިރޭސިވިލާތުގެ ތަހުގީގީ އިދާރާގެ މީހުންނަށްވެސް ދާއިރާގެ ތަމްރީނު ދީފައިވެއެވެ. ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް އެންމެ ފުރިހަމައަށް ތަހުލީލުކުރެވޭނީ ޓެކްނިލޮޖީއަށް ދިވެހިބަސް ދޯޅުކޮށް އެކަމަށް ބޭނުންވާ ސޮފްޓްވެއަރ ފަދަ ތަކެތި ތައްޔާރުކޮށްގެންނެވެ.

ޑރ. އަފްރާޝީމް ޢަލީ އާއި ނޫސްވެރިޔާ އަޙްމަދް ރިޟްވާން ގެ މައްސަލައާއި ގުޅޭ މުއާމަލާތްތަކެއް އާއްމުންނާ ހަމައަށްވެސް ތިލަވެފައިވެއެވެ. އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލެވުމުގެ ކުރިންވެސް، އަދި ފަހުންވެސް އެކި ގޮތްގޮތަށް ސޯޝަލްމީޑިއާގައި ވެސް މުއާމަލާތްތައް ހިނގާފައިވއެވެ. ހަމައެގޮތަށް އެމްއެމްޕީއާރްސީ އާއި ގުޅޭ މުއާމަލާތްތައްް ވެސް ވަނީ އާއްމުންނާ ހަމައަށް ތިލަވެފައެވެ. ފެންނާން ހުރި މުއާމަލާތްތައް ހުރީ އިނގިރޭސިބަހުންނެވެ. އެހެންކަމުން ރާއްޖޭގައި މިވަގުތު ތަޖުރިބާކާރެއް ނެތްކަމުގައި ވީ ނަމަވެސް، ބޭރުގެ ތަޖުރިބާކަރުންގެ އެހީ ހޯދައިގެން ިވިޔަސް، އެ މުއާމަލާތްތައް ތަހުގީގުޮށް އާއިލާތަކަށް އިންސާފު ހޯދައިދޭންވާނެއެވެ. އިންސާފުން މައްސަލަ ނިމޭނީ އެއްކުރެވޭ ހުރިހާ ހެއްކެއް ރަނގަޅަށް ތަހުލީލުކުރެވިގެންނެވެ. ތަހުގީގު މަރުހަލާގައި އޯތަރޝިޕް މެތަޑް ބޭނުންކުރާން ފަށައިފިނަމަ، ކުށްކުރާ މީހުން ދެނެގަތުމުގެ ފުރުސަތު ބޮޑެވާނެއެވެ. އަދި ދޮގު ތުހުމަތު އަޅުވައި ނުހައްގުން އަދަބު ދެވުމުގެ ފުރުސަތުވެސް ހަނިވާނެއެވެ. މި އުކުޅު ބޭނުންކުރާން ފަށައިފިނަމަ އެއީ އިންސާފާ ގާތަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެއެވެ.

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.