ފޭދޫ ސްޕޯޓްސް ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި

އައްޑޫ ފުޓުބޯލް ޗެމްޕިއަންޝިޕް ގައި މިއަދު ބައްދަލުކުރީ އެފްސީ ޒެފިއާއި ފޭދޫ ސްޕޯޓްސް އެވެ. މިމެޗު 4-1 ލަނޑުން ކާމިޔާބުކުރީ ފޭދޫ ސްޕޯޓްސްއެވެ.

މިއީ މިމުބާރާތުގައި މި ދެޓީމްގެ ވެސް ދެވަނަ މެޗެވެ. ކުޅުނު ދެ މެޗުން ވެސް ޒެފިއާ ވަނީ ބަލިވެފައެވެ. މިއަދުގެ މޮޅާއެކު ފޭދޫ ސްޕޯޓްސް އިން ކުޅުނު ދެމެޗުން ވެސް މޮޅުވެ 6 ޕޮއިންޓް ވަނީ ހޯދައިފައެވެ. މި މެޗުގެ ލީޑު ފުރަތަމަ ނެގީ ޒެފިއާއިންނެވެ. މެޗުގެ 6 ވަނަ މިނިޓުގައި އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހީމް ހާރިޝް ހުސައިނެވެ. ފޭދޫ ސްޕޯޓްސްއަށް 33 ވަނަ މިނިޓުގައި އެއްވަރުކޮށްދިނީ އެއްވަނަ ޑިވިޝަންގެ ބައެއް ޓީމުތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާ އަލީ ނާފިއުއެވެ. އޭނާ އެލަނޑު ޖެހިތާ މިނިޓެއްގެ ތެރޭ މެޗުގެ 34 ވަނަ މިނިޓުގައި އެޓީމުން ވަނީ ދެވަނަ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސާމް ސައީދެވެ. މެޗުގެ 40 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖަހައި ފޭދޫސްޕޯޓްސް އިން ވަނީ ފަރަގު ބޮޑުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ވެސް ފޭދޫ ސްޕޯޓްސްއިން ވަނީ ލަނޑު ޖަހަން މަސައްކަތް ކޮށް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެންނަމަވެސް އެ ހާފުގައި އެޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ. އެ ލަނޑުޖެހީ އަލީ ލިރުޣާމެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ.

މިމުބާރާތުގެ 7 ވަނަ މެޗުގެ ކުޅޭނީ 2020 ވަނަ އަހަރު ގެ ފުރަތަމަދުވަހު ހަވީރު 4:00 އައްޑޫ ފުޓުބޯލް ސްޓޭޑިއަމުގައެވެ. ބައްދަލުކުރާނީ އެފްސީ ބޭރުމައްޗާއި ގޯދިއްޔާ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.