ގާސިމް ހަސަންގެ އާއިލާއަށް އިންސާފު ލިބޭނެ: ގާސިމް

ތޫނުއެއްޗަކުން ކަރަށް ހަމަލާދީ މަރާލައިފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ އާއިލާއަށް ހައްގު އިންސާފު ލިބޭނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ގާސިމް ހަސަންގެ މަރުގެ ތުހުމަތުގައި މިރޭ މީހަކު ބަންދު ކުރުމުން ފުލުހުންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ ގާސިމްގެ މަރާ ގުޅިގެން މިރޭ މީހަކު ބަންދުކުރިކަން ހާމަކުރެއްވީތީ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން ގެ މަރާގުޅިގެން އެ ތުހުމަތުގައި ފުލުހުން މިރޭ މީހަކު ހައްޔަރު ކުރި ޚަބަރު ފުލުހުންގެ ހީވާގި ކަމިޝަނަރު ރައްޔިތުންނާ ހިއްސާކުރެއްވީތީ ޝުކުރުދަންނަވަން. އިންޝާ الله ޤާސިމް ހަސަންގެ ޢާއިލާއަށް ހައްޤު އިންސާފު ލިބިގެން ދާނެ،" ޤާސިމް ވިދާޅުވެފައިވެއެވެ.

ޤާސިމް ޙަސަންގެ މަރުގެ ތުހުމަތުގައި މިރޭ މީހަކު ބަންދުކުރި ވާހަކަ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ވެސް ހާމަކުރެއްވީ ޓުވީޓަކުންނެވެ.  އެޓުވީޓުގައި އޭނާވިދާޅުވެފައިވަނީ އެކަމާބެހޭ  އިތުރު މައުލޫމާތު މާދަކާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ޤާސިމް ޙަސަނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ތިމާގެ މީހެއް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. ޤާސިމް ޙަސަން މަރާލައިފައި އޮއްވައި ފެނިފައިވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެރޭ ހުޅުމާލެއިންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.