ނުބެހޭ ކަންތަކާ ބެހުން (2)

(6 ޑިސެންބަރު 2019ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ނުބެހޭ ކަންތަކާ ބެހުމަކީ  އިސްލާމްކަމަށް އުނިކަން ގެންނަ ކަމެއް

1- ނުބެހޭ ކަންތަކާ ބެހުމަކީ އިސްލާމްކަމަށް އުނިކަން ގެންނާނެ ކަމެއް: ލުޤްމާނުލް ޙަކީމަށް ދެންނެވުނެވެ. ކަލޭގެފާނުގެ އަރިހުގައި އެންމެ އިތުބާރު ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ. " އެއީ ތިބާޔާ ނުބެހޭ ކަންތަކާ ނުބެހި ހުރުމެވެ. "  މާލިކު ބުނު ދީނާރު ވިދާޅުވިއެވެ. " ތިބާގެ ހިތުގައި ހަރުކަށިމެއް އަދި ތިބާގެ ހަށިގަނޑުގައި ވަރުދެރަކަމެއް އަދި ތިބާގެ ރިޒްޤުގައި ނުތަނަވަސްކަމެއް ވާ ތަން ތިބާއަށް ފެނިއްޖެނަމަ އެއީ ތިބާޔާ ނުބެހޭ ކަންތަކާ ތިބާ ބެހުމުގެ ނަތީޖާއެއްކަން ދަންނާށެވެ!" އޭނާ ވިދާޅުވާ ގޮތުގައި ނުބެހޭ ކަންތަކާ ބެހުމުން ތިން ބައްޔެއް ޖެހިދާނެއެވެ. އެއީ ހިތްހަރުވުމާއި، ހަށިގަނޑު ދެރަވުމާއި ، ރިޒްޤު ނުތަނަވަސްވުމެވެ.

2- ނުބެހޭ ކަންތަކާ ބެހުމަކީ އިންސާނާ އަޑު އަހަން ބޭނުންނުވާ ބަހެއް އަހަން ޖެހިދާނެ ކަމެއް :އެއްދުވަހަކު މީހަކު ޢަބްދު ﷲ ބުނު ޢުމަރުގެ އަރިހަށް އައެވެ. އޭރު އެކަލޭގެފަނު އިންނެވީ އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު މަރާމާތު ކުރައްވާށެވެ. އެމީހާ ދެންނެވިއެވެ.އޭ އަބޫ ޢަބްދުއްރަޙްމާނޭވެ! ތިޔަ ފައިވާންޖޯޑުކޮޅު އެއްލަވައިލައްވައިފާ އައު ފައިވާންޖޯޑުކޮޅެއް ބައްލަވައިގެންނެވިނަމަ ކިހާ ރަނގަޅުތޯއެވެ؟އެހިނދު އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ކަލޭ މި ތަނަށް ގެނެއީ މަގޭ ފައިވާން ހެއްޔެވެ؟ ކަލޭގެ ބޭނުމަށް ކުރިމަތިލާށެވެ!" ތިބާ މީހަކާ ދިމާއަށް ތިޔައީ ހާދަ މުސްކުޅި  މޮޑެލެއްގެ ފޯނެކޭ ބުނާއިރު ތިބާއަށް އޭނާގެ ތަނަވަސްކަން ހުރި މިންވަރު ނޭނގިދާނެއެވެ. އެހެންވީމާ އޭނާ ލަދުގަންނަވައިލުމުގެ ބޭނުމެއް ނެތެވެ.

3- އެއީ ވަގުތު ނަގައިލުމެކެވެ. މީހެއްގެ އިސްލާމްކަން ފުރިހަމަވުމުގެ ޢަލާމަތްތަކުގެ ތެރޭގައި އޭނާއަށް ދުނިޔެއާއި އާޚިރަތުގައި މަންފާ ނުކުރާ ކަންތައްތަކަށް ފުރަގަސްދިނުން ވެއެވެ. ވަރަށް ގިނަ ބަޔަކު ވަގުތު ނެތްކަމަށް ވާހަކަ ދައްކައެވެ. ކުރަން ހުރި މަސައްކަތްތައް ފުނިޖެހިފައި ވާ ވާހަކަ ދައްކަތެވެ. އެފަދަ މީހުން ނުބެހޭ ކަންތައްތަކާ ނުބެހި ކުރަންޖެހިފައި ހުރި މަސައްކަތްތައް ކުރާނަމަ އެ މަސައްކަތް ކުރަން ވަގުތު ލިބޭނެކަން ކަށަވަރެވެ. މައްސަލައަކީ އެ ކަންކަން ނުކޮށް ޗެޓްކުރުމާއި، މީހުންނަށް ފުރައްސާރަކުރުމާއި،ނެތިމޮށުމުގެ އޮއިވަރުގެ ތެރޭގައި ވަގުތު ނަގައިލުމެވެ. މުސްލިމަކީ ވަރަށް މަތިވެރި އަމާޒަކަށް ދަތުރު ކުރާ މީހެކެވެ. އޭނާއަށް ޔޯލަވާހަކަތުން އޭނާގެ އަމާޒުފަތްގަނޑާ ދުރަށް ދާން ބޭނުމެއް ނުވާނެއެވެ. މީހުންގެ އަބުރަށާއި ޢިއްޒަތަށް އަރައިގަނެގެން އޭނާގެ ޢިއްޒަތް ބިނާކުރާކަށް މަސައްކަތެއް ނުކުރާނެއެވެ. މިއަދުގެ ސުމޭކު ދުނިޔޭގައި ޖާލުގެ ދަލުގައި ޖެހިގެން އެތަންމިތަނުން މީހުން ފަތުރާ  ތެދުދޮގުނޭނގޭ ޚަބަރުތަކުގައި އަވަދިނެތިވާކަށް އޭނާ ބޭނުމެއް ނުވާނެއެވެ. މި ގޮތަށް ފެތުރޭ ގިނަ ޚަބަރުތަކަކީ އޭނާއާ ބެހޭ ކަންތައްތަކެއް ނޫނެވެ. އޭނާގެ އިހްތިމާމުގެ ދާއިރާ ތެރެއަކަށް އެ ވާހަކަތަކެއް ނުފެތެއެވެ.ރަސޫލާ ގެ ބަސްފުޅުގައި އައިސްފައިވާ ގޮތަށް ޢަމަލު ކުރާނަމަ އޭނާއަށް އޭނާގެ ވަގުތުތައް ފައިދާއާއި ލާބަ ހުރި ކަންކަމަށް ހޭދަކުރަން ލިބޭނެތެވެ. އޭރުން ޤިޔާމަތްދުވަހު އޭނާގެ ޙިސާބު ބެލެވޭއިރު އޭނާގެ ޢުމުރާއި އޭނާގެ ޒުވާންކަމާއި އޭނާގެ ވަގުތާ ބެހޭގޮތުން ހިތްހަމަޖެހިގެން ޖަވާބު ދެވޭނެތެވެ. މަތީ ތަޢުލީމު ދެވޭ މަރްކަޒުތަކުގައި އުސްތާޒުން ތަޤްރީރު ދެއްވަމުންދާއިރު ބައެއް ދަރިވަރުން ފޯނުން ޓްވީޓާއި  ވަޓްސްއަޕާއި ވައިބަރުފަދަ މީސްމީޑިޔާގެ ވަސީލަތްތަކުން ތަފާތު ޚަބަރުތައް ކިޔަމުންދާ ތަން ފެނެއެވެ.މި ފަދަ ދަރިވަރުންގެ ނަތީޖާއަކީ  ލެކްޗަރ މާލަންތަކުން ބޭރަށް ނުކުންނައިރު އުސްތާޒު ދެއްވި ފިލާވަޅު އެފަދަ ބައެއް ދަރިވަރުންނަށް ނުވިސްނި އިމްތިޙާނުގައި ފޭލްވުމެވެ. އަނެއްބައި ކުދިންނަށް ލިބޭ ގްރޭޑް ދަށްވުމެވެ.

4- މި ޙަދީސުގައި ލޮބުވެތި ނަބިއްޔާ  މުސްލިމުންނަށް ދެއްވައިފައިވާ ނަސޭހަތާ އެއްގޮތަށް ޢަމަލު ނުކުރާމީހާއަށް ވަރަށް ގިނަ ސަވާބުތަކެއް ގެއްލިގެން ދާނެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. " إِذَا أَحْسَنَ أَحَدُكُمْ إِسْلامَهُ، فَكُلُّ حَسَنَةٍ يَعْمَلُهَا، تُكْتَبُ بِعَشْرِ أَمْثَالِهَا إِلَى سَبْعِ مِائَةِ ضِعْفٍ، وَكُلُّ سَيِّئَةٍ يَعْمَلُهَا، تُكْتَبُ بِمِثْلِهَا حَتَّى يَلْقَى اللَّهَ – متفق عليه – ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އިސްލާމްކަން ރިވެތިކޮށްފިނަމަ އޭނާ ކުރާ ކޮންމެ ހެޔޮކަމަކަށް އެފަދަ  ދިހަ ހެޔޮކަމުގެ ސަވާބުން ފެށިގެން 700 ގުނައާ އެއްވަރަށް  ހެޔޮ ކަން ކުރި ކަމަށް ލިޔުއްވާނެތެވެ. އަދި އޭނާ ކުރާ ކޮންމެ ނުބައިކަމަކަށް އެފަދަ އެންމެ ނުބައިކަމެއް ލިޔުއްވާނެތެވެ. އެއީ އޭނާ ﷲއާ ބައްދަލުވެއްޖައުމަށް ދާންދެނެވެ. " މި ޙަދީސާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިބްނު ރަޖަބު ވިދާޅުވަނީ އިސްލާމްކަން ފުރިހަމަވާނީ އޭނާއާ ނުބެހޭ ކަންކަން ދޫކޮށްލައި އޭނާޔާ ބެހޭ ކަންކަން ކުރުމުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެމީހެއްގެ އިސްލާމްކަން ރަނގަޅުވި ވަރަކަށް އޭނާ ކުރާ  ހެޔޮ ޢަމަލުތައް ގިނަގުނަ ކުރައްވާނެއެވެ.

5- އޭނާޔާ ނުބެހޭ ކަންކަމާ ބެހޭ މީހާއާއި ބޭކާރު ވާހަކަ ދައްކާ މީހާއަށް އެ ކަންކަމުގެ އަދަބު ލިބުން :  އަބޫ ހުރައިރަތުގެފާނު އަރިހުން އަބޫ  ޔަޢުލާއާއި އަލްބައިހަޤީ ރިވާކުރެއްވިއެވެ. " ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި މީހަކު ޝަހީދުވެގެން މަރުވިއެވެ.އެހިނދު އަންހެނަކު އޭނާ ޝަހީދުވީތީ ހިތާމަކޮށް ރޮއި ހެދުމުން ރަސޫލާ  ޙަދީސް ކުރެއްވިއެވެ.އޭނާއަކީ ޝަހީދެއްކަން ތިބާއަށް އެނގުނީ ކިހިނެއްހެއްޔެވެ؟އޭނާ އޭނާއާ ނުބެހޭ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަފައި ވެދާނެތެވެ. ނުވަތަ އުނިނުވާނެ ކަމެއްގައި ދަހިވެތިވެފައިވާ މީހަކަށް ވެދާނެއެވެ. " ނުބެހޭ ކަންތަކާ ބެހޭ ބެހުމުގެ ނުރައްކާތެރިކަން ނިކަން ދެކެބަލާށެވެ!

6- މީސްތަކުންގެ މެދުގައި އޮންނަ އެއްބަނޑުއެއްބަފައިކަމުގެ ގުޅުން ފާސިދުކޮށް މީސްތަކުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ކަނޑައިލާ ކަންކަމުގެ ތެރޭގައި އެމީހުންނަށް ޚާއްޞަ ކަންތައްތަކާ ބެހުމާއި އެމީހުންނަށް ޚާއްޞަ ދާއިރާތަކަށް އަތްބާނައި ހެދުން ވެއެވެ.މި ޒަމާނުގައި އެއަށް  " ކިޔުރިއޮސިޓީ" އޭ ކިޔައިފާނެއެވެ. މީހަކު ތިބާގެ ޢުމުރާއި ތިބާގެ އާމްދަނީއާއި، ތިބާގެ މިލްކިއްޔާތުތަކާއި،ބޭންކް އެކައުންޓްތަކާއި ، ބޭންކްގައި ހުރި ފައިސާގެ މިންވަރު ފަދަ ތިބާގެ ޒާތީ ޚާއްޞަ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމަކީ ތިބާ ރުހޭނެ ކަމެއް ނޫންކަން ކަށަވަރެވެ. މިފަދަ މީހުން ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މި ގޮތަށް ސުވާލެއް ނުކުރާނެތެވެ. ދީނުގެ ކަމެއް ސާފު ކުރުމަށް ޓަކައި ޢިލްމުވެރިއެއްގެ އަރިހަށް ގޮސް ސުވާލެއް ނުކުރާނެތެވެ. މީސްތަކުންގެ މެދުގައި އޮންނަ ރަނގަޅު ގުޅުން ނުބައިވެގެން ދަނީ ބެހެން ނުޖެހޭ ކަންތައްތަކާ ބެހުމުގެ ސަބަބުންނެވެ.ފަހަރެއްގައި އެއް އޮފީހެއްގައި އުޅޭ ދެ މުވައްޒަފަކު އެކަކު އަނެކެއްގެ ކަންތަކާ ބެހުމުގެ ސަބަބުން އެ ދެމީހުންގެ ދެމެދުގައި  ދެބަސްވުމުގެ އޮށް އިންދި ނާމާން ވަލެއް ހެދިދާނެއެވެ.މިހެންވެ ޢިލްމުވެރިން ވިދާޅުވަނީ : އޭނާގެ އިން އެނގި  އެ ހިސާބުގައި ހުއްޓޭ މީހާއަށް މާތް ﷲ ރަޙްމަތް ލައްވާނެތެވެ. "

7- ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މީހަކާމެދު ﷲ ރުހިވޮޑިނުގަންނަވާކަމުގެ ޢަލާމަތަކީ އޭނާއާ ނުބެހޭ ކަންތަކާ ބެހެމުންދިޔުމެވެ. އަދި އޭނާ ދެކެ ﷲ ރުހިވޮޑިގެންވާ ކަމުގެ ޢަލާމާތުގެ ތެރޭގައި އޭނާއާ ނުބެހޭ ކަންތައްތަކާ ނުބެހުން ވެއެވެ. ކީރިތިރަސޫލާގެ މަތިވެރިޞަޙާބިއެއް ކަމުގައިވާ އަބޫ ދުޖާނާއާ ބެހޭގޮތުން " ސިޔަރު އަޢުލާމިއް ޞަޙާބަތި " ގައި  އައިސްފައި ވެއެވެ." އެކަލޭގެފާނު އާލާސްކަންފުޅާ އޮންނަވަނިކޮށް ޞަޙާބީންތަކެއް އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވިއެވެ. އެއިރު އެކަލޭގެފާނުގެފާނު މޫނުފުޅު ވަނީ އަލިވެ ބަބުޅައިފައެވެ. ޞަޙާބީން ދެންނެވިއެވެ. ކަލޭގެފާނުގެ މޫނުފުޅުމަތިން އުފާވެރިކަން މި ފެންނަނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. " އަޅުގަނޑުގެ ގާތުގައި ދެ ޞިފައަކަށްވުރެ  އިތުބާރު ބޮޑު އެހެން ޢަމަލެއް ނުވެއެވެ.އެއީ އަޅުގަނޑާ ބެހޭ ކަމަކާ މެނުވީ ނުބެހުމާއި މުސްލިމުންނަށް އަޅުގަނޑުގެ ހިތް ސަލާމަތްކޮށް ބޭއްވުމެވެ. " އަލްއިމާމު މާލިކު ވިދާޅުވިއެވެ: އޭނާއާ ނުބެހޭ ކަންތައްތަކާ ބެހުން ދޫކޮށް އޭނާއާ ބެހޭ ކަންތައްތައް ކޮށްފުމަށް ދާންދެން މީހަކަށް ކާމިޔާބީއެއް ނުލިބޭނެތެވެ. 

ބެހޭ ކަންތަކާ ނުބެހޭ ކަންތައް ވަކިކޮށްދޭ މިންގަނޑަކީ ކޮބާ؟

ތިމާއާ ބެހޭ ކަންތަކާއި ނުބެހޭ ކަންތައްތައް ބަޔާންކޮށްދޭ މިންގަނޑަކީ އިސްލާމީ ޝަރީޢަތެވެ.އެއީ އޭނާގެ ހަވާނަފްސެއް ނޫނެވެ. އޭނާގެ އަމިއްލަ އެދުންތަކެއް ނޫނެވެ.ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައްތައް މަނާކުރުމަކީ ނުބެހޭ ކަންތައްތަކާ ބެހުމެއް ނޫނެވެ.އެހެންކަމުން މީހަކަށް ހެޔޮ ނަސޭހަތެއް ދިނުމަކީ ނުވަތަ ނުބައިކަމެއް ކުރަމުންދާތަން ފެނުމުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ " ނުބެހޭ ކަމަކާ ބެހުމެއް ނޫނެވެ." 

( ނިމުނީ)

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.