ފުސްބިއްލޫރި - 1

(ފުރަތަމަ ބާބު)

ރެއަކީ އަނދިރި ރެއެެކެވެ. އޭނާ މަޑުމަޑުން ބިންމަތީގައި ފައިތިލަ ޖައްސައިލިއެވެ. ފައިތިލަ ތޮރުފައިލި ފިނިކަމުގެ އަސަރު މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުން ގޮސް ސިޑީގެ ފުރަތަމަ ހަރުފަތް ހޯދިއެވެ. ފަރުވާތެރިކަމާއެކު ފުރަތަމަ ހަރުފަތުގައި ފައި އެޅިއެވެ. މުޅި ތަނަށް އޮތީ އަނދިރިކަން ވެރިވެފައެވެ. އެއްވެސް އެއްޗެއް ލޮލަށް ފެންނަވަރެއް ނުވެއެވެ. ވިސްނުންތެރިކަމާއެކު އަނެއް ފައި ނަގައި ދެވަނަ ހަރުފަތުގައި އެޅިއެވެ. ފިނިފިނި ވައިރޯޅިއެއް އޭނާގެ ހަށިގަނޑުގައި ބީހިލިއެވެ. އެއާއެކު އިސް އުފުލައިލިއެވެ. ބަންދު ތަންތަނުގައި ހުންނަން އޭނާ ބިރުގަނެއެވެ. ނަމަވެސް މިރޭ އެ އަސަރު އިހުނަށްވުރެ ކުޑަކަމުގެ އިހުސާސް ކުރެވުނެވެ. ތިންވަނަ ހަރުފަތުގައި ފައިތިލަ އަޅައި ކަނު އަނދިރީގެ ތެރެއިން ކުރިއަށް ދިޔައެވެ.

***

ބޭރު ދޮރު ހުޅުވާފައި އޭނާ ގޭތެރެއަށް ވަނެވެ. ކާރުގެ އަޑަށް ބަދިގޭގައި ހުރެފައި ޝާކިރުބެ ދުވެފައި ބޭރަށް ނުކުތެވެ.

"ޝާކިރުބެ، ކިހިނެެއްތަ؟" އަދަބުވެރިކަމާއެކު އޭނާ އެހިއެވެ.

"ރަނގަޅު. ކޮއްކޮ ކިހިނެއް؟"

"ހަމަ ރަނގަޅު." ކާރުގެ ތަޅުދަނޑި މޭޒުމަތީގައި ބާއްވަމުން އޭނާ ބުންޏެވެ. އެއަށްފަހު ސޯފާގައި އިށީނެވެ.

"ސައި ގެންނަންތަ؟" ޝާކިރުބެ އެހިއެވެ.

"ތީ ރަނގަޅު ކަމެއް. ބައްޕަ އެބައުޅޭތަ."

"ނޫން. އިރުކޮޅެއް ކުރިން ޑްރައިވަރު ގޮވައިގެން ބޭރަށް ހިނގައްޖެ."

"ސަކަރާތެއްނު. ބައްޕައާ ބައްދަލުކޮށްލަން ކަމަށް މިއައީ. އަންނާނެ އިރެއް އެނގޭތަ؟"

"ނޭނގޭ. ދައްތައަށް އެނގިދާނެކަންނޭނގެ." ޝާކިރުބެ ބުންޏެވެ.

"މަންމަ އެބައުޅޭތަ ގޭގަ؟"

"އާނ، އެބައުޅޭ ކޮޓަރީގަ. ބުނަންތަ ކޮއްކޮ އުޅޭ ވާހަކަ." ޝާކިރްބެ ބުންޏެވެ.

"އާނ، ޕްލީޒް."

މޭޒުމަތީގައި އޮތް މަަޖައްލާ ނަގައިގެން ގަނޑު އުކަން ޒަނީން ފެށިއެވެ. ޝައުގެވެރި އެއްޗެއް ނުފެނުމުން މޭޒުމަތީގައި މަޖައްލާ ބާއްވާފައި ވަށައިގެން ނަޒަރު ހިންގައިލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ދުރުން ފެންނަ ފާރުގައި ހުރި ކުރެހުމެވެ. ތެދުވެގެން އެކުރެހުމާ ދިމާއަށް ދިޔައެވެ. ކައިރިން ބަލައިލާށެވެ.

ކުރެހުމުގެ ފަސްމަންޒަރުން ފެންނަނީ ކަޅުކުލައެވެ. އޭގެ މަތިން ދޮން ދޮން އަތެކެވެ. އުޅަނބޮށިން ފެށިގެން މެދު އިނގިލީގެ ކުރިއާ ހަމައަށެވެ. ހިމަ، ދިގު ފަސް އިނގިލީގެ ތެރެއިން ކޮންމެ އިނގިއްޔަކުން ދިގު، ހިމަ ގޮފިތަކެއް މައްޗަށް ފެތުރިފައިވެއެވެ. ފެންނަފެނުމަށް އެއީ އަނދިރި ފިލާގަނޑެއްގެ ފަހަތުގައި ހުރި ގަހެކެވެ. އިނގިލިތަކުން ފަޅާފައި ހުރި ގޮފިތަކުން ހުރީ ފަތް ފައިބައިފައެވެ. އެއިން ސިފަވަނީ މޮޅިވެރިކަމާއި އެކަނިވެރިކަމެވެ. އަތުގެ ކުޑަ ހުޅުން ފެށިގެން އުޅަނބޮށްޓާ ހަމައަށް މިލައި މޯޅިވެފައި ހުރިއިރު އެތެރޭގައި ހުރި ނާރުތައް ރީތިކޮށް ފާޅުވެއެވެ. ފެންނަ ފެނުމަށް ހީވަނީ މަރުވެފައި ހުރި ގަސްގަނޑެއްހެންނެވެ. އަތުކުރީގައި ކަޅުކުލައިގެ ގަޑިއެއް އޮތެވެ. ގަޑީގެ މޫނުމައްޗާއި ކަމަރު ވެސް ހުރީ ކަޅުކުލައިންނެވެ. ވަގުތު އަންގައިދޭނެ ކަށްޓެއް އެގަޑިއަކު ނެތެވެ. އޭގެ ބަދަލުގައި މޫނުމަތީގައި ކުދިކުދި ޖަވާހިރު ވިދަވިދާ ހުއްޓެވެ. އަތުގައި ހުރި ކުދިކުދި ރޮނގުތައްވެސް ރީތިކޮށް ފާޅުވެއެވެ. އެއިން ކޮންމެ ރޮނގެއްގައި ނުކުތާތަކެއް ހައި ކުދި ކުދި ލޭ ތިކިތައް ވިދަވިދާ ހުއްޓެވެ.

ތިރިއަށް ބަލައިލިއިރު ކުރެހުމަށް ދީފައި އޮތް ނަން އޭނާގެ ލޮލުގައި އަޅައިގަތެވެ. ކުރެހުމަށް ދީފައި އޮތް ނަމަކީ "އެދުން" އެވެ. އިތުރު ޝައުގެވެރިކަމަަަކާއެކު އޭނާ އެ ކުރެހުން ބަލަން ފެށިއެވެ. ތިން ހަތަރު ފިޔަވަޅެއް ފަހަތަށް ޖެހިލާފައި އިތުރަށް ބަލައިލިއެވެ. އެއީ ގަހެއްކަން ޔަގީންވިއެވެ. އެކި ދިމަދިމާއިން ބަލައިގެން ވެސް އެ ކުރެހުމުން ގަހެއް ނޫން އެއްޗެއް ނުފެނުނެވެ. މީހެއްގެ އަތް ސިފަވަނީ ކައިރިން ބަލައިލީމާ އެކަންޏެވެ. ކުރެހުމުގެ ތިރިއަށް ދެވަނަ ފަހަރަށް ބަލައިލުމުން އެއީ "އުމް-މީ" ގެ ކުރެހުމެއްކަން އެނގުނެވެ. އެއީ ކޮންމެ މީހަކަސް އާދައިގެ ކުރެހުންތެރިއެއް ނޫންކަން ޒަނީނަށް ޔަގީންވިއެވެ. އެއީ އާދަޔާ ޚިލާފު ހުނަރެއް ލިބިފައިވާ މޮޅު ކުރެހުންތެރިއެކެވެ. ޒަނީނަކީ ވެސް ކުރެހުންތެރިއެކެވެ. އޭނާއަކީ އެކި ފަންނުތަކަށް ފާޑުވެސް ކިޔާ މީހެކެވެ. މި ކުރެހުމުން އޭނާއަށް އެއްވެސް އައިބެއް ނުފެނެއެވެ. ކުރެހުމުގައި ހުރި ކޮންމެ ރޮނގެއް ހުރީ ހުންނަންވާ ގޮތަށެވެ. ފިހި ކާއްތާފައި ހުރިލެއް އެހާ ފުރިހަމައެވެ. ކުލަތައް ނެރެފައި ހުރި އިރު އަސްލާ އެއްވެސް ތަފާތެއް ނެތެވެ.

"އެދުން..." ކުރެހުމަށް ދީފައިވާ ނަމާ މެދު އޭނާ ވިސްނައިލިއެވެ. މިއީ ސިޓިންރޫމުގައި އަލަށް ބެހެއްޓި ކުރެހުމެކެވެ. ނަމަވެސް އެހެން ހުރިހައި ކުރެހުމަކަށް ވުރެ ބޮޑަށް އަޅައިގަންނަ ގޮތެއް އެބަހުއްޓެވެ.

"މިއީ އާ ކުރެހުމެއް ދޯ؟" ޝާކިރުބެ ގާތު އޭނާ އެހިއެވެ.

"އާނ، ތީ ދައްތަ ވަރަށް ފަހުން ގަތް އެއްޗެއް." ނުޒްހަތު އައުމާއެކު ޝާކިރުބެ އެތެރެއަށް ވަދެއްޖެއެވެ.

"ޒަނީން، ހާދަ ދުވަހެއް ކޮށްލާފަ." އޭނާގެ ކޮލުގައި ފިރުމާލާފައި ނުޒްހަތު ބުންޏެވެ.

"ސަލާމް، މަންމާ. ކިހިނެއްތަ؟ އާނ، ވަރަށް ގިނަ ދުވަސް ކޮށްލާފަ ދޯ. މަސައްކަތުގަ އަވަދި ނެތި އުޅެންޖެހުނީ... މަންމާ، މިއީ ކޮންތަނަކުން ގެނައި ކުރެހުމެއް؟"

"ތީ ކޮންމެވެސް މައުރަޒަކުން. ރީތިވީމަ ނެގީ."

"ކޮން ފަންނާނެއްތަ އެއީ؟"

"އެއެއް ނޭނގޭ."

"މަންމާ، އަހަންނަށް މީތި ދޭންވީނުން. މަންމަ އަށް ލާރި ދޭނަން." ޒަނީން ބުނެލިއެވެ.

"ލާރި ދޭނެކަމެއް ނެތް. ގެންދޭ."

"ނޫން މަންމާ، ކިހިނެއް އެހެން ގެންދާނީ، ކުޑަ އަގަކަށް މި ކުރެހުން ނުލިބޭނެ." ސޯފާގައި އިށީނދެ ހަމަޖެހިލަމުން ޒަނީން ބުންޏެވެ.

"ނޫނޭ ދަރިފުޅާ. ތީ މާ އަގުބޮޑު ކުރެހުމެއް ނޫން. އެންމެ ދެހާސް ރުފިޔާ. އެކަމަކު ތި ފްރޭމަކީ އަގު ބޮޑު ފްރޭމެއް. އެއީ މަންމަ ވަކިން ގަނެފަ." ޒަނީން ގާތު ސޯފާގައި އިށީންނަމުން ނުޒްހަތު ބުންޏެވެ.

"އެންމެ ދެހާސް ރުފިޔާ؟ ނުވާނެ އެހެނެއް. ތީ ބޮޑު ކުށެއްނު، މިކަހަލަ މޮޅު ކުރެހުމެއް ތި އަގުގަ ވިއްކަން..." ގަބޫލުކުރަން ދަތިވެފައި އިނދެ ޒަނީން ދެއަތަށް ބޯ ހޫރައިލިއެވެ. "އެންމެ ރަނގަޅު. މީނަގެ އެހެން ކުރެހުމެއް ފެނިއްޖެއްޔާ އަހަންނަށް ގަނެދެއްޗޭ."

"އާނ، ހަނދާނުގައި ބަހައްޓާނަން. ކިހިނެއް ކަންތައް؟ ފެކްޓަރީ ރަނގަޅަށް ހިނގާތަ؟" ނުޒްހަތު މައުޟޫއު ބަދަލުކުރިއެވެ.

***

ވާރޭ ވެހެން ފަށައިފިއެވެ. ރުޅި އައިސްފައި އޭނާ ބާރަށް ފޮތް ލައްޕައިލިއެވެ. އެތެރޭން ރުޅިގަނޑު ކެކެން ފެށިކަން އޭނާއަށް އެބަ އިހުސާސްކުރެވެއެވެ. އޭނާ މައްޗަށް ބަލައިލިއެވެ. ފުރާޅުން އެތެރެއަށް ފެން އޮއްސައިގަންނަން އުޅޭތަން ފެނެއެވެ. މިއީ ކޮންމެ އަހަރަކު ވިއްސާރަ މޫސުމުގައި އުޅެންޖެހޭ ހާލެވެ.

"މިހާރު އެ ދިމާއަށް ތަށްޓެއް ބަހައްޓާނެ. އެ ތަށީގެ ތެރެއަށް ފެން ފައިބާ އަޑު ނުކެނޑޭނެ ދެން. މިރޭ ނިދަން އުޅޭނެ ކަމެއް ނެތް." ވައި އަޑުން އޭނާ ބުނެލިއެވެ.

އޭނާ އިނީ ލަކުޑި އެނދުގައި އިށީނދެލައިގެންނެވެ. އުނގުމަތީގައި ފޮތް ބާއްވައިގެންނެވެ. މާޔޫސްވެފައި އިނދެ ނިޔަފަތި ކަމުން ދިޔައެވެ. ފުރާޅު މަައްޗަށް ވާރޭ އޮހެމުން ދާ އަޑު އެހައިގަދައެވެ. އެ އަޑުގެ އިތުރަށް ބޭރުގައި ހުރި އެއްޗެހިތައް ދަމާފައި ގޭތެރެއަށް ވައްދާ އަޑުފައްގަނޑު އިވެއެވެ. ވާރޭ ވެހެން ފެށި އިރު މަންމަ ހުރީ ނަމާދަށެވެ. ނަމާދުކޮށް ނިމުނުއިރު ވާރޭ ބޯކޮށްލީއެވެ. މުސައްލަ ވެސް ނުނަގާ މަންމަ ދުއްވައިގަތީ ބޭރުގައި ހުރި ފަރުނީޗަރު ވާރެއިން ސަލާމަތް ކުރާށެވެ. އެންމެ މަންމަ ފަހަރަކުވެސް މަރިޔަމްގެ އެހީއަކަށް ނޭދެއެވެ. މަރިޔަމް ވެސް މަންމަ އަށް އެހީވާކަށް ނޫޅެއެވެ.

ފޮތުގައި ބާރަށް ހިފަހައްޓައިގެން އިނދެ އޭނާ ރުޅި ބާލަމުން ދިޔައެވެ. "މި ހުރިހާ ކަމެއް މިޖެހެނީ މަންމައާ ހެދި. އަމިއްލައަށް އެއްޗެހި ވައްދަން ބަހައްޓާ، އޭރުން މިއީ ކިހައި އުނދަގޫ ދިރިއުޅުމެއްކަން ރޭކާލަފާނެ. އެކަމަކު މަންމަ... މަންމައަށް ދުވަހަކު ވިސްނޭނެހެން ހިއެއްނުވޭ. އެކައްޗެއްވެސް ނުވިސްނޭނެ. މި ވަރަށް ވެހެންޏާ މަގުމަތީގައި ކޯރު ހެދިގެން ގޭތެރެއަށް ފެންގަނޑު ދެމިގަންނާނެ އިރުކޮޅަކުން. އޭރުން ފެނަށް ނޭރި އަހަރެމެންނަށް އަސްކަނިން ބޭރަށް ވެސް ނުނުކުމެވޭނެ." ރުޅިގަނޑު މަތަ ކުރެވޭތޯ އޭނާ ފުން ނޭވާއެއް ލިއެވެ.

"އިރުކޮޅަކުން ހީވާނީ ރަށަކަށް އަރުވާލާފަިއ ތިބިހެން. ވާރޭ ހުއްޓާލައި، ގަލުން އެޅިގަލުން ހަދާފައި އޮތް ތަޅުންގަނޑު ތިލަވާނެ އިރަކަަށް އިންތިޒާރުކުރުން ދެން އޮތީ. އަންކަނިން ފެށިގެން ބޭރު ދޮރާ ހަމައަށް އަޅާފައި އޮން ދޮގު ތަޅުމުގައި ފަނަރަ ފޫޓު ހުރެއެވެ. މިތަނުން ފެންގަނޑު ހިނދުނީމާ ނޫނީ ބޭރަށް ނުކުންނަން ހިތަށް ވެސް އަރުވާނެ ކަމެއް ނެތް. ދެން ވެސް މި މަންމަ ގަނޑު ބުނާނެ މިއީ އަހަރެންގެ ތަގްދީރޭ. އެހެން ނޫންނަމަ މިހެން ދިމައެއް ނުވާނެއޭ..." މަރިޔަމް ކުދި ކިޔަމުން ދިޔައެވެ. އޭނާގެ މޫނުމައްޗަށް ހިތި ހިނިތުނެވުމެއް ވެރިވިއެވެ.

މި ތޫފާނުގެ އިތުރުން ބަކަރީގެ މުސީބާތް ވެސް ކުޑައެއް ނޫނެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ ކޮންމެ އަހަރަކު ބަކަރިއެއް ގެއަށް ގެނެއެވެ. އަދި އަހަރު ނިމޭއިރު އެ ބަކަރި ގުރުބާން ކުރަނީއެވެ. ކުޑައިރު ޖަނަވާރުތަކާ ގަޔާވީ ނަމަވެސް މިހާރު އެ އެއްޗެހި ދެކެ ނަފްރަތު ކުރެއެވެ. މި ބަކަރުތަކުގެ ކުލަ ކޮންމެ އަހަރަކު ބަދަލުވިޔަސް ލަވާ ހަޅޭކުގެ އަޑަކަށް ބަދަލެއް ނާދެއެވެ.

މިހާރު އެހެން އަޑެކެވެ. ބަކަރީގެ އަޑުހާ އުނދަގޫ ބޮޑު އަޑަކުން ކޮތަރިތެރެ ގުގުމައގަތެވެ. ކުކުޅުތައް ކޮއް ގޮވާ އަޑަށެވެ. މަރިޔަމް ހަނދާން ހުންނަން ފެށީއްސުރެ ގޭގައި ކުކޅުގެ މުޑުވަކެއް ވެސް ގެންގުޅެއެވެ. ބަކަރި ދެކެ އަންނަ ވަރަކަށް ކުކުޅު ހާ ދެކެ ރުޅިއެއް ނާދެއެވެ. ކުކުޅު ބިސް އަޅާތީއެވެ. އަދި ދޭތެރެއަކުން ކާން ވެސް ކުކުޅު ލިބޭތީއެވެ. ކޮންމެ ކަމަކުން ވެސް މަރިޔަމަށް ފައިދާއެއް ކުރަންޏާ އޭގެ ސަބަބުން ވާ އުނދަގޫ ތަހައްމަލު ކުރުމަކީ އޭނާއަށް މައްސަލައެއް ނޫނެވެ.

އަދި މަންމް ގެންގުޅޭ ބުޅަލުގެ އަޑެއް މިރެއަކު ނިވެއެވެ. އެހެން ޖަނަވާރުތަކުގެ ހިލަމެއްވެސް ނުވެއެވެ. ބުޅަލުގެ އަޑަކީ ވެސް މަރިޔަމް ގަޔާވާ އަޑެއް ނޫނެވެ. އެހެންނަމަވެސް ބޮޑަށް ރުޅި އަންނަނީ ބަކަރި ދެކެ ކަމެއް ނުވަތަ ބުޅާ ދެކެ ކަމެއް ޚުދު އޭނާއަކަށް ވެސް ޔަގީނެއް ނޫނެވެ. ނަމަވެސް އެއްކަމެއް ޔަގީނެވެ. ބަކަރިއަކީ ކޮންމެ އަހަރަކު އެއްފަހަރު ބޭނުން ހިފޭ އެއްޗަކެވެ. އެކަމަކު ބުޅާ؟ އޭގެ ބޭނުމެއް ދުވަހަކު ނުހިފެއެވެ.

އޭނާގެ ހަނދާނުގައި ގޭގައި ގެންގުޅުނު ހުރިހާ ބުޅަލެއްގެ ހަނދާން ހުރެއެވެ. އެއް ބުޅާ މަރުވާއިރަށް އެހެން ބުޅަލެއް ގެއަށް ގެނެއެވެ. "މަންމަ ގަނޑު..." އެންމެ ފަހުން ގެންގުޅުނު ބުޅަލުގެ މަތިން ހަނދާންވީމާ ރުޅިގަނޑު ހަމައިން ނައްޓާން ފެށިއެވެ. އެއްދުވަހު މަގު މައްޗަށް ނުކުމެގެން އުޅެނިކޮށް ސައިކަލަކުން ޖެހި އެ ބުޅަލުގެ މައިބދަ ބިނދުނެވެ. އޭގެ ފަހުން ރަނގަޅަކަށް ނުހިނގެއެވެ. ބިންމަތީގައި ދެމެދެމުން ވެސް ދެވެނީ ކުޑަ ތަންކޮޅަކަށެވެ. އެކްސިޑެންޓު ވީދުވަހު، އަލަތު ދަރިއެއްހެން މަންމަ ބުޅަލަށް ފަރުވާ ދޭން ފެށިއެވެ. މަންމަ ބުޅާ ތާހިރުކުރާ ތަން ފެންނަ ކޮންމެ ފަހަރަކު މަރިޔަމް އޯކާ ދެމެއެވެ. ކޮންމެ ފަހަރަކު ބުޅާ ނަޖިހުން ތާހިރުކުރަނީ މަންމައެެވެ. ވިސްނާ ވިސްނާވެސް އެހާ ލޯބިިން އެ ބުޅާ ގަނޑު ގެންގުޅޭ ސަބަބެއް މަރިޔަމަކަށް ނުވިސްނުނެވެ. ބުޅާ ސާފުކޮށްފައި ނިންމައިލަނީއެއް ނޫނެވެ. ގަވައިދުން ބުރަކަށްޓާއި ފައި މަސާޖު ކުރެއެވެ. ބުޅާ ނަގައި ކުނި ގޯންޏަށް ލާން މަރިޔަމްގެ ހިތަށް އެތައް ފަހަރަކު އަރައެވެ. އެ ބުޅާ މަރުވީ އެކްސިޑެންޓަަަށް އަހަރެއް ވީ ފަހުންނެވެ. އެ ދުވަހު މަންމަގެ ހިތް ފަޅަައިގެން ނުދިޔައީ ކިރިޔާއެވެ. ބުޅާ މަރުވުމުގެ އުފަލުގައި އެ ދުވަހު ކެއްކީ މަރިޔަމްއެވެ. ބުޅާގަނޑުން ސަލާމާތްވި ކަމަށްޓަކައި އޭނާ ޝުކުރިކުރިއެވެ.

"ދެ ހަފްތާ ފަހުން މަންމަ އާ ބުޅަލެއް ގެއަށް ގެނައެވެ. މަރިޔަމް ބޭނުންވީ ފާރުގައި ބޯ ތަޅާށެވެ. އެކަމަކު މަންމަ ވާހަކަ ދެއްކި ގޮތުން ހީވީ ނުފެނި އެތައް ދުވަހެއް ވެފައި ހުރި ތިމާގެ މީހަކު ގެއަށް އައި ހެންނެވެ.

"މަންމަ އާއި މަންމަގެ ޖަނަވާރުތައް..." މަރިޔަމްގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. "އަހަރެން، ބަކަރި، ކުކުޅު... މި ހުރިހާ ޖަނަވާރުންގެ ތެރެއިން މަންމައަށް އެންމެ އަހައްމިއްޔަތުކަން ކުޑަ އެއްޗަކީ އަަހަރެން..." މަރިޔަމް ކުދިކިޔަން ފެށިއެވެ.

(ނުނިމޭ) 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.