ކްރައިސްޓްޗާޗް މިސްކިތަށް ދިން ހަމަލާގެ ތަހުގީގު ރިޕޯޓު ނެރުން ފަސްކޮށްފި

ކްރައިސްޓްޗާޗުގެ އައްނޫރު މިސްކިތް

މި އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާގެ ތަހުގީގު ރިޕޯޓު ނެރުން ފަސްކޮށްފިއެވެ.

އެ ހަމަލާ ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅު ނޭޅި އޮތީ ކޮންސަބަބަކާ ހެދިތޯ ބެލުމަށް އެކުލަވާލި ރޮޔަލް ކޮމިޝަން އޮފް އިންކުޔަރީގެ ތަހުގީގު ރިޕޯޓު އާއްމުކުރުން މިހާރު ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ނިއުޒީލޭންޑުގެ އިންޓާނަލް އެފެއާޒް މިނިސްޓަރު ޓްރޭސީ މާޓިން ވިދާޅުވި ގޮތުގައި މި ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ނެރެން އޮތް ރިޕޯޓު ލަސްކުރީ، އެ ކޮމިޝަނުގެ މެންބަރުންގެ އެދުމުގެ މަތިންނާއި، އަށް މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް ނެރެވިދާނެ ކަމާމެދު ނިއުޒީލޭންޑުގެ މުސްލިމުން ކަންބޮޑުވުން ފާޅުކޮށްފައި ވާތީއެވެ.

އަވަސް ނަތީޖާއަކާ ހަމައަށް ވާސިލުވުމުގެ ބޭނުމުގައި މައުލޫމާތު ކޮންމެހެން ހޯދަންޖެހޭ ފަރާތްތަކާއި، އެ ނުރައްކާތެރި ހަމަލާގެ ޝިކާރަށްވެފައި ދުނިޔޭގައި ތިބި މީހުންގެ ފަރާތުން އެކަށީގެންވާ މައުލޫމާތު އެއްނުކޮށް ރިޕޯޓު ނެރެފާނެތީ ރޮޔަލް ކޮމިޝަނަށް ގިނަ ބައެއްގެ ފާޑުކިއުން އޮތީ އަމާޒުވެފައެވެ.

ރޮޔަލް ކޮމިޝަންގެ ތަރުޖަމާނު ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ރިޕޯޓު ނެރެންޖެހޭ ދުވަސް ލަސްކުރުމުން، "މުސްލްމް އާއިލާތަކާއެކު ވިސްނުންތެރިކަމާއެކު، ހައްސާސް މުއާމަލާތްތަކެއް ކުރިއަށް ގެންދިއުމަށް ކޮމިޝަނަށް އިތުރު ވަގުތު ލިބޭނެ" އެވެ.

"އަހަރުމެންގެ މަސައްކަތާ ގުޅިފައިވާ އެންމެ މުހިއްމު ބަޔަކީ ފުރާނަ ގެއްލިގެން ދިޔަ 51 މީހުންނާއި، އެމީހުން ނެތުމުގެ ހިތާމުކުރާ އެންމެން. އަދި ހަމަ އެހެންމެ، އެ ހަމަލާގެ އަސަރު ތަހައްމަލް ކުރަމުންދާ، އެ ހަމަލާއިން ސަލާމަތްވި މީހުން."  ކޮމިޝަނުގެ ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.

އިންޓާނަލް އެފެއާޒް މިނިސްޓަރު މާޓިން ވިދާޅުވި ގޮތުގައި ރޮޔަލް ކޮމިޝަންގެ މަސައްކަތަށް އާއްމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެ ގޮތުން މިހާތަނަށް 1000 އަށް ވެރު ގިނަ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަލާދިން މީހާ އެކަންކުރުމުގެ ކުރިން އޭނާގެ ހަރަކާތްތައް ހުރި ގޮތް ކަމާބެހޭ އިދާރާތަކަށް އެނގިފައިވޭތޯއާއި، މައުލޫމާތު ލިބިފައިވާނަމަ، އެ މައުލާމާތާ ގުޅިގެން އެ ހަމަލާ ހުއްޓުވަން އެޅަން ޖެހިފައި އޮތީ ކޮން ފިޔަވަޅެއްތޯއާއި، އަދި މުސްތަގުބަލުގައި އެފަދަ ހަމަލާއެއް ހުއްޓުވަން އަޅަންޖެހެނީ ކޮން ފިވަޅުތަކެއްކަން ކޮމީޝަނުގެ ޒަރީއާއިން އާއްމުންނަށް އެގެން ޖެހޭ." މިނިސްޓަރު މާޓިން ވިދާޅުވިއެވެ.

ތަހުގީގުގެ މުއްދަތު އިތުރުކޮށްފައި ވާތީ ރޮޔަލް ކޮމިޝަން އޮފް އިންކުއަރީއަށް 3 މިލިއަން ނިއުޒީލޭންޑް ޑޮލަރު (1.98 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މާރިޗު މަހު 15 ވަނަ ވީ ހުކުރު ދުވަހު ހުކުރު ނަމާދަށް ތިއްބާ އޮސްޓްރޭލިޔާގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރިޔާ ބެރެންޓަން ޓެރަންޓް ކްރައިސްޓްޗާޗުގެ އައްނޫރު މިސްކިތަށާއި، ލިންވުޑް މިސްކިތަށް ބަޑި ހިފައިގެން ވަދެ ދިން ހަމަލާގައި 51 މުސްލިމުން ޝަހީދުކޮށްލާފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.