މިއަދު ރާއްޖޭގައި ތަރައްޤީވެފައިވާ ފަތުރުވެރިކަމުގެ އިހުސާސް ސަރުކާރަށް ކުރެވެން ފެށީ އޭގެ ފައިދާ ވިޔަފާރިވެރިން ތަކެއް ނަގަން ފެށުމުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީއަށް އެއްތީރިސް އަހަރު ފުރުން ފާހަގަކުރުމަށް އެމިނިސްޓްރީގައި ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްވަމުން އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމަކީ ސަރުކާރުން އުފެއްދި އެއްޗެއް ނޫންކަމަށެވެ. އެއީ ރިސްކު ނަގަން ކެރުނު އަމިއްލަ ފިޔަފާރިވެރިންތަކެއް އުފެއްދި އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ރާއްޖޭގެ ޓޫރިޒަމަކީ ސަރުކާރުން އުފެއްދި އެއްޗެއް ނޫން. ކޮންމެބަޔަކު ކޮންމެ ވާހަކައެއް ދެއްކެވިޔަސް. ޓޫރިޒަމަކީ މިއީ އަމިއްލަ ވިޔަފާރިވެރިން އުފެއްދި އެއްޗެއް. ސަރުކާރަށް މިކަން އިހުސާސް ކުރެވުނީވެސް އެބައި މީހުން އެ ފައިދާ ނަގަތަން ހަތަރު ފަސްއަހަރު ފަހުން ފެނިގެން،" އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވ ޓޫރިޒަމަކީ އިސްލާމް ގައުމެއްގައި އެއްގޮތަކަށް ވެސް ކުރާންވާ ވަރުގެ ކަމެއްނޫން ކަމަށް ދުށް ޒަމާނެއް ވެސް ދިޔަ ކަމަށެވެ. އެދުވަސްވަރަކީ ވަރަށްބޮޑު ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހުނު ދުވަސްވަރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރީ ކޮންމެ ސިނާއަތެއް ވެސް އިސްލާމްދީނާ ޚިލާފު ނުވާކަމަށް ވާނަމަ އެސިނާއަތުގެ ފުރިހަމަ ބޭނުންކޮށް އޭގެ ފައިދާ ހޯދަން ޖެހޭނެ ކަމަށް،" ޒަކީ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ތާރީޚާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ކުރެވިދާނެތޯ ބަލަން ޔޫއެންޑީޕީގެ އެހީގައި އެކުލަވާލި ދިރާސާ ރިޕޯޓުން ދެއްކީ އެއީ ދުވަހަކުވެސް ރާއްޖޭގައި ނުކުރެވޭނެ ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ރިސްކުނަގަން ކެރުނު ކުޅަދާނަ ވިޔަފާރިވެރިންތަކެއް ކުރެއްވި ބުރަ މަސައްކަތުން އެކަން މިހާރު ދިމާވެފައިވަނީ ދިމާ އިދިކޮޅަށް ކަމަށް ވެސް ވިދާޅުވިއެވެ. "ޔޫއެންޑީޕީން އައިސް ބުނީ ތިޔައީ ދުވަހަކުވެސް ވާނެ ކަމެއްނޫންނެ. އެހެންބުނީ ރާއްޖޭގެ އޭރުގެ ހާލަތު އޮތް ގޮތުން. އެމީހުންނަށް ދުރުނުވިސްނޭތީ. އެއާ ޗެލެންޖުކޮށް ވިޔަފާރިވެރިން މިއޮތީ މަންޒަރު ބަދަލުކޮށްފައި،" އެމަނިކުފާނު ވިދާޅުވިއެވެ.