ފައިސާ ޗާޕުކުރާ އެންމެ ބޮޑު ކުންފުނި ޑިލާރޫގެ ކުރިމަގާ މެދު ސުވާލު އުފެދިއްޖެ

ޑިލާރޫގެ މައި ޗާޕުޚާނާ

ދުނިޔޭގެ ފައިސާއާއި ޕާސްޕޯޓު ޗާޕުކުރާ އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ކުންފުނި ޑިލާރޫގެ ކުރިމަގާމެދު އެކުންފުނިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ކުންފުނީގެ 2019 ވަނަ އަހަރުގެ ވަގުތީ ހިސާބުތައް ދައްކާގޮތުގައި ފާއިތުވި އަހަރަށްވުރެ މިއަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 40 މިލިއަން ޕައުންޑު (52.58 މިލިއަން އެމެރިކާ ޑޮަލަރު) މަދުވެފައެވެ. އަދި ހިއްސާގެ ބާޒާރުގައި ފާއިތުވި ނޮވެންބަރު މަހު އެކުންފުނީގެ ހިއްސާގެ އަގު ވަނީ %20 ދަށަށް ގޮސްފައެވެ.

އިނގިރޭސިވިލާތުގައި 1821 ވަނަ އަހަރު އުފެއްދި އަމިއްލަ ކުންފުންޏެެއް ކަމަށްވާ ޑިލާރޫ އަކީ 1860 ވަނަ އަަހަރުން ފެށިގެން އިނގިރޭސި ޕައުންޑު ޗާޕުކުރާ ކުންފުންޏެވެ. އަދި މިހާތަނަށް އިނގިރޭސި ޕާސްޕޯޓުވެސް ޗާޕުކުރަމުން އައީ އެކުންފުނިންނެވެ. މީގެ އިތުރަށް ޑިިލާރޫ އިން 140 ގައުމެއް ފައިސާއާއި 40 ގައުމެއްގެ ޕާސްޕޯޓު ޗާޕުކުރެއެވެ.

ދިވެހި ރުފިޔާ ޗާޕުކުރަނީ ވެސް ޑިލާރޫ ކުންފުނިންނެވެ.

ފައިސާއާާއި ޕާސްޕޯޓު ޗާޕުކުރުގައި ވާދަކުރާ ކުންފުނިތައް އިތުރުވުމާއި، ދުނިޔެ މަޑުމަޑުން ނަގުދު ފައިސާ ނުގެންގުޅޭ އިގްތިސާދަކަށް ބަދަލުވުމުގެ ސަބަބުން ކުންފިުނީގެ ކުރިމަގާ މެދު "އެކަށީގެންވާ މިންވަރަށް ޝައްކުއުފެދިފައި"ވާ ކަމަށް އެކުންފުނީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ޑިލާރޫގެ މާލީ ކަންކަން ވަނީ ހަގީގަތުގައިވެސް ނުރައްކާތެރި ހިސާބެއްގައި ކަން ދޮގުކުރެވޭކަށް ނެތް." ޑިލާރޫއިން އެެންމެ ފަހުން ނެރުނު ބަޔާނާ ގުޅިގެން އިންވެސްޓްމަންޓް ކުންފުނި އޭޖޭ ބެލްގެ އިންވެސްޓްމަންޓް ޑިރެކްޓަރު ރަސް މޯލްޑް ވިދާޅުވިއެވެ.

ޑިލާރޫއަށް މާލީ މައްސަލަތައް ދިމާވުމުގެ ސަބަބެއް ކަމުގައި އިނގިރޭސި އާ ޕާސްޕޯޓު ޗާޕުކުރުމުގެ ކޮންޓްރެކްޓް ނުލިބުންވެސް ހިމެނެއެވެ. ޑިލާރޫން އެެ ކޮންޓްރެކްޓް ހޯދަން މަސަައްކަތްކުރި ނަމަވެސް، އިނގިރޭސި ސަރުކާރުން އެ ކޮންޓްރެކްޓް ދީފައި ވަނީ ޖަރުމަނުގެ ގެމާލްޓޯއަށެވެ. މިއީ 260 މިލިއަން ޕައުންޑު (341.73 މިލިއަން އެމެރިކާ ޑޮލަރު) ގެ ކޮންޓްރެެކްޓެކެވެ. މިއީ އެކުންފުނި ނަގާ ކޮޅަށް ޖަހަން އެކަަށޭނަ އަދަދެެވެ.

އިންޑިޔާގެ ރުޕީސް އަލުން ޗާޕުކުރީ ސީދާ ޑިލާރޫއިން ކަމުގައި ނުވިޔަސް، އެ ފައިސާ ޗާޕުކުރި ކަރުދާހާ މެޝިނަރީ ދީފައި ވަނީ ޑިލާރޫ ކުންފުނިންނެެވެ.

ދުނިޔޭގައިި ފައިސާ އަދި ޕާސްޕޯޓު ޗާޕުކުރާ އެންމެ ބޮޑު ކުންފުނީގެ މުސްތަގުބަލާމެދު ޝައްކުތަކެއް އުފެދިފައި ވިޔަސް، ކުރިއަށް އޮތްތަނުގައި ޕޮލީމާ ނޫޓު ޗާޕުކުރުން އިތުރުވެގެން ދާނެކަމަށް ބެލެވޭތީ، މިއީ އެކުންފުންޏަށް އޮތް އުއްމީދެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.