ހޮންކޮންގުގެ އިންތިޚާބުގައި ޑިމޮކްރަސީ ހަރަކާތަށް ބޮޑު ކާމިޔާބީއެއް

ހޮންކޮންގުގައި ބޭއްވުނު އިންތިޚާބުގެ ނަތީޖާއަށް ފަހު ޑިމޮކްރަސީއަށް ތާއީދުކުރާ މީހުން އުފާފާޅުކުރަނީ

ޗައިނާ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ފާއިތުވި ހަ މަސްދުވަހު އިހުތިޖާޖުކުރަމުންދިޔަ، ޑިމޮކްރަސީއަށް ތާއިދުކުރާ ހަރަކާތުން ހޮންކޮންގުގެ ޑިސްޓްރިކްޓް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ޗައިނާގެ ދާޚިލީ މިނިވަންކަން ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައި ހޮންނަ ހޮންކޮންގް ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަންގައި އިއްޔެ ބޭއްވި އިންތިޚާބުގައި ރިކޯޑު އަދަދަކަށް މީހުން ވަނީ ވޯޓުލާފައެވެ. އިއްޔެ 2.94 މީހުން ވޯޓުލާފައި ވާއިރު އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %71 އެވެ. 2015 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލާން ނުކުމެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %47 އެވެ.

ޑިމޮކްރަސީ ހަރަކާތުން ވަނީ ފުރަތަމަ ފަހަރަށް ޑިސްޓްރިކްޓް ކައުންސިލް ތަކުގެ 452 ގޮނޑީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. މިއަދު ހެނދު 9 (ރާއްޖޭ ގަޑިން ހެނދުނު 6) ޖެހުމާ ހަމައަށް ޑިމޮކްރަސީ ހަރަކާތަށް ވަނީ 278 ގޮނޑި ލިބިފައެވެ. އަދި ޑިމޮކްރަސީއަށް ތާއީދުކުރާ މީހުން ވަނީ 18 ޑިސްޓްރިކްޓް ކައުންސިލްގެ ތެރެއިން 17 ކައުންސިލްގެ އަޣުލަބިއްޔަތު ހޯދާފައެވެ. މީގެ ކުރިން ހޮންކޮންގުގެ ހުރިހާ ޑިސްޓްރިކް ކައުންސިލްއެއްގެ އަޣުލަބިއްޔަތު އޮތީ ޗައިނާ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށެވެ.

ޗައިނާ ސަރުކާރަށް ތާއީދުކުރާ ޑިމޮކްރެޓިކް އެލާޔަންސް ފޯ ދަ ބެޓަރމެންޓް އެންޑް ޕްރޮގްރެސް އޮފް ހޮންކޮންގް (ޑީއޭބީ) އަށް ކާމިޔާބުކުރެވުނީ އެންމެ 17 ގޮނޑިއެވެ. އަދި ޗައިނާ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެކުގައި ކާމިޔާބުކުރެވުނީ 42 ގޮނޑިއެވެ. މިނިވަން ކެންޑިޑޭޓުން ވަނީ 24 ގޮނޑި ކާމިޔާބުކޮށްފައެވެ.

ހޮންކޮންގުގައި ނެރޭ އެންމެ ދުވަސްވީ ނޫސް ސައުތު ޗައިނާ މޯނިންގ ޕޯސްޓުން މިނަތީޖާ ސިފަކޮށްފައި ވަނީ "(ޗައިނާ ސަރުކާރާމެދު) ނުރުހުމާ ހިތްހަމަނުޖެހުމުގެ ސުނާމީއެއް"ގެ  ގޮތުގައެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި ފަގީރު ޑިސްޓްރިކްޓްތަކާއި، މުއްސަނދި ޑިސްޓްރިކްތަކުގެ ތަފާތެއް ނެތި ޑިމޮކްރަސީއަށް ތާއީދުކުރާ މީހުން ވަނީ ސުނާމީގެ މިރާޅު މަތީގައި ދަތުރުކޮށް ކާމިޔާބު ހޯދާފައެވެ.

ހޮންކޮންގްގެ ޑިސްޓްރިކްޓް ކައުންސިލްތަކަކީ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަމަޖެއްސުމާއި، މުނިސިޕަލް މަސައްކަތްތައް ފަދަ ކަންކަމުގެ ބާރު ލިބިފައިވާ އަދި ސިޔާސީ ބާރުތަކެއް ލިބިފައި ނެތް ކައުންސިލްތަކަކަށް ވިޔަސް މިއިންތިޚާބުން ޑިމޮކްރެސީ ހަރަކާތަށް ހޮންކޮންގުގެ ރައްޔިތުން މެދުގައި ތާއީދު އޮތް މިންވަރު އެނގިގެން ދިއުމަކީ ޗައިނާއަށް ދެވުނު ވަރަގަދަ މެސެޖެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އިނގިރޭސި އިސްތިއުމާރުން ޗައިނާގެ ދަށަށް 1 ޖުލައި 1997 ގައި ބަދަލުވި ހޮންކޮންގަކީ އޭޝިޔާ އެންމެ ވަރުގަދަ އެއް އިގުތިސާދެވެ. ޗައިނާގެ އިގުތިސާދާ ވަކިން މިނިވަންކޮށް އޮންނަ ހޮންކޮންގުގެ އިގުތިސާދީ އުފެއްދުންތެރިކަން ފާއިތުވި އަހަރު 490 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.