އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭ ކަންކަން ރަނުން ރަނަށް ޙާޞީލް ކުރެވޭނެ: މާލީ ވަޒީރު

ފިނޭންސް މިނިސްޓަރ އަމީރު 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަނީ: ފޮޓޯ މަޖިލިސް

2020 ވަނަ އަހަރަށް ކަނޑައަޅައިފައިވާ ބަޖެޓްގައި ހިމެނޭ ކަންކަން ރަނުން ރަނަށް ޙާޞިލް ކުރެވޭނެކަމުގެ ޔަޤީންކަން މާލީ ވަޒީރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ 2020 ގެ ބަޖެޓް އެކުލަވާ ލައްވައިފައިވަނީ ޖަޒީރާ މެނިފެސްޓޯގެ ވަޢުދުތައް ފުއްދޭނެގޮތަށްކަމަށެވެ. ބަޖެޓްގައި ކަންކަން ހިމަނުއްވައިފައިވާނީ ތަފާތު ކުރުމެއްނެތި ޚިދުމަތްތައް ފޯރުކޮށް ދެއްވޭނެގޮތަށްކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

ޕީއެސްއައިޕީގެ އެކި މަޝަރޫޢުތަކަށް 2020 ގެ ބަޖެޓްގައި ހިމަނައިފައިވާ ކަންކަމުގެ މައްޗަށް ވާހަކަދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ ޞިއްޙީ ދާއިރާއަށްވެސް 2020 ގެ ބަޖެޓުން އިންޤިލާބީ ބަދަލެއް ގެނެވޭނެކަމަށެވެ. މިހާރު ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން ހުރީ ވަރަށް ދަތި ހާލުގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ. ގިނަ ތަންތަނުގެ ފުރާޅު ހަލާކުވެ ތަޅުންގަނޑުވެސް ހަލާކުވެފައިވާކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރަށް ރާއްޖޭގެ ފަސް އާބަންސަރައްޙައްދު ތަރައްޤީ ކުރެވިގެންދާނީ ފަސް ޓާރޝަރީ ހޮސްޕިޓަލާ އެކުގައި ކަމަށްވެސް މާލީ ވަޒީރު ފާހަގަ ކުރެއްވިއެވެ.

މާގިނަ އަހަރުތަކެއް ނުވެ ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރެވި އަރަނި ބެޖެޓެއް ހުށަހެޅިގެންދާނެތަން މެމްބަރުންނަށް ފެނިގެން ދާނެކަމަށް ވެސް މާލީ ވަޒީރު ވިޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.