ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށްހިތުން - 5

(10 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޤުރްއާނާއި ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަކިކުރެވޭނެ އެއްވެސްގޮތެއްނުވެއެވެ. ނުވަތަ އެއްވެސްގޮތަކުން އެކަލޭގެފާނުގެ ސުއްނަތް ދޫކޮށެއްނުލެވޭނެއެވެ. މިކަން ތަކުރާރުކޮށް ކީރިތި ޤުރްއާނުގައި ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވައިފައިވެއެވެ. ނިސާ ސޫރަތުގެ 61 ވަނަ އާޔަތުގައި ﷲ އަންގަވަނީ ކީރިތި ޤުރްއާނަށް އަންނަންޖެހޭފަދައިން ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްވެސް އަޅުގަނޑުމެން އަންނަންޖެހޭކަމަށެވެ. މިފަދަ އެތައް އާޔަތަކުން އެނގިކަށަވަރުވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރައްވައި މަތިވެރިކުރައްވާފައިވާވަރެވެ. އަދި ކީރިތި ޤުރްއާނާއި އެކަލޭގެފާނުގެ ސުއްނަތް ގުޅިލާމެހިފައިވާކަމެވެ.

ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރައްވާފައިވަނީ އެފަދަ ދެވަނައެއްނުވާފަދަ މަތީ ދަރަޖައަކަށެވެ. އެގޮތުން މީހަކަށް އިސްލާމް ދީނަށް ވަދެވެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަން ގަބޫލުކޮށް އެކަލޭގެފާނަށް ތަބާވެގެންނެވެ. އީމާންވުމުގައި ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަކިނުކުރެވޭނެކަމަށް ﷲ އެންގެވިއެވެ. ނިސާ ސޫރަތުގެ 151 އާޔަތުގައި ﷲ އަންގަވަނީ އީމާންވުމުގައި ﷲ އާއި އެކަލާނގެ ރަސޫލުންނާދެމެދު ތަފާތުކުރާ މީހާއަކީ ކާފަރެއްކަމުގައެވެ. އެހެންކަމުން އިސްލާމް ދީނަށް ވަންނަ ކޮންމެ މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ހުރިހާ މާނައެއްގައި ތަބާވެ އެކަލޭގެފާނަށް މާތްކޮށްހިތަންޖެހެއެވެ. އެހެންނޫނީ އެމީހާ ކުފުރުގެތެރެއަށް ގެއްލެނިކުރައްވައެވެ. ކީރިތި ޤުރްއާނުގައިވާ މިފަދަ އެތައް މިސާލަކުން ﷲ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްކުރެއްވިވަރު އެނގިގެންދެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުއްނަތުގައި ހިފަންޖެހޭކަމަށް އަންގައިދެނީ ކީރިތި ޤުރްއާންއެވެ. އަދި އެނޫން އެހެން ނެރެޓިވްއެއް ނެތްކަމަށް ސާފުބަހުން އަންގަނީ ކީރިތި ޤުރްއާންއެވެ. ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތަށް ނަޒަރު ހިންގާލަމާތޯއެވެ؟ ﷲ އަމުރުކުރައްވަނީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ހިފުމަށެވެ. ހަމައެގޮތަށް ﷲ އަމުރުކުރައްވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަނާކުރެއްވި ކޮންމެ ކަމަކުން އަޅުގަނޑުމެން ދުރުހެލިވުމަށެވެ. ﷲ ގެ އިންޒާރުގެ މިބަސްފުޅުން އެނގެނީ އެކަލޭގެފާނުގެ ސުއްނަތުގެ ދިފާއުގައިވަނީ ޚުދު ކީރިތި ޤުރްއާންކަމެވެ. މިކަމުންވެސް ލިބޭ ފިލާވަޅަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މާތްކަމާއި މަތިވެރިކަމެވެ. އަދި އެކަމާ ސުވާލުކުރެވޭނެ އެއްވެސްގޮތެއްނެތްކަމެވެ.

އަޅުގަނޑުމެންނަށް ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މުހިންމުވާ ސަބަބު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ނަބީކަން ޚަތިމްކުރެއްވި އެންމެ ފަހުގެ ނަބީކަލޭގެފާނެވެ. އެހެންކަމުން ﷲ އެކަލޭގެފާނު ފޮނުއްވާފައިވަނީ މުޅިން ޢާލަމްތަކަށެވެ. ޢާލަމްތަކުގައިވާ އެންމެހައި މަޚުލޫޤުންނަށް އެކަލޭގެފާނަކީ ޤިޔާމަތަށް ދާދެން އެމީހުންގެ ރަސޫލާއެވެ. އެހެންވެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސްދެއްވި ރިސާލަތަކީ އެންމެފަހުގެ ރިސާލަތެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބިންގަލަކީ ﷲ ގެ ކަޅާމްފުޅު ކީރިތި ޤުރްއާންއެވެ. މިއީ ޤިޔާމަތަށްދާދެން ދެމިއޮންނާނެ މުޢުޖިޒާތެއްވެސްމެއެވެ. ނަތީޖާއަކީ ﷲ އަށް އީމާންވާ ކޮންމެ މީހަކަށް އެންމެ މުހިންމު ބޭކަލަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވުމެވެ.

އިސްލާމް ދީނަކީ ފަލްސަފާއެއްނޫނެވެ. ހަމައެގޮތަށް އިސްލާމް ދީނަކީ އަޅުކަމެއްވެސް ނޫނެވެ. އެކަމަކު ﷲ ބާވައިލެއްވި މިދީނަކީ ދިރިއުޅުމުގެ އުސޫލެކެވެ. އެހެންކަމުން އެކަމަކަށް އިސްލާމް ދީން ނުވަންނަ އެއްވެސް ކަމެއް މުސްލިމެއްގެ ދިރިއުޅުމުގައި ނުވެއެވެ. ކެއުމާއި ބުއިމާއި ނިދުމާއި އުނުފޭރާންލުމާއި ފާޚާނާކުރުމުގައިވެސް އަމަލުކުރަންޖެހޭ ސާފު ހަމަތަކެއް އިސްލާމް ދީނުގައިވެއެވެ. ތިމާގެ އަމިއްލަ ޒާތީ ހަޔާތާއި ތިގެ އިޖުތިމާޢީ ހަޔާތާއި ތިމާގެ ވަޒީފާގެ ހަޔާތުގެ ހުރިހާކަމެއް ބަހައްޓަންޖެހޭގޮތް ދީނުގައިވެއެވެ. އިސްލާމް ދީން ބިނާކުރެވިފައިވާ އިރުޝާދު ފޮތް ނުވަތަ އިންސްޓްރަކްޝަން މެނުއަލްއަކީ ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުއްނަތެވެ. މިދެންނެވި މެނުއަލް މުސްލިމުންނަށް ބަޔާންކޮށްދެއްވައި އުނގަންނައިދެއްވި އިމާމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެހެންކަމުން މުސްލިމުންނަށް އެކަލޭގެފާނުގެ މުހިންމުކަން ކުޑަވާނެ އެއްވެސް ގޮތެއްނެތެވެ.

ޢާލަމްތަކަށް ކައުކުރެއްވި އެންމެ ޚުލްޤުހެޔޮ ބޭކަލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އަޚުލާޤާއި ސުލޫކުގައި އެކަލޭގެފާނަކީ އެންމެ މާތް ނަމޫނާއެވެ. މިކަމަށް ހެކިވަނީ ކީރިތި ޤުރްއާނެވެ. އެގޮތުން ޤަލަމް ސޫރަތުގެ 4 ވަނަ އާޔަތަކީ އެކަމުގެ މިސާލެކެވެ. ޞަޙީ މުސްލިމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާންއެވެ. ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސްފުޅުކަމާއި އެކަލެގެފާނަކީ ﷲ ގެ ޙައްޤު ރަސޫލާކަން އަންގައިދެނީ އެކަލޭގެފާނުގެ ޚުލްޤުފުޅެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިޚުލާސްތެރިކަމުގައި ކެތްތެރިކަމާއި ހިތްތިރިކަމުގައި އެވަރުގެ ބޭކަލެއް މިދުނިޔެ ނުދެކެއެވެ. ޚުދު އެކަލޭގެފާނުގެ ޢަދުއްވުންވެސް އެކަލޭގެފާނުގެ އަމާނާތްތެރިކަމާމެދު ޝައްކެއްނުއުފައްދައެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މުހިންމުކަން އިންސާނުންގެ މެދުގައި ފަނޑުވާނެ އެއްވެސް ގޮތެއްނެތެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެންމެ ފުރިހަމަ ނަމޫނާއެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި އެންމެ ހެޔޮ އަދި ރަނގަޅު މިސާލަކީ އެކަލޭގެފާނެވެ. މިކަމަށް ހެކިވަނީ ކީރިތި ޤުރްއާނުގެ އަޙުޒާބު ސޫރަތުގެ 21 ވަނަ އާޔަތެވެ. އެކަލޭގެފާނުގެ ރިވެތި ނަމޫނާއިން ނަމޫނާ ލިބިގަތް ކޮންމެ މީހަކީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކޮށްފި މީހެކެވެ. އެހެންކަމުން ތިމާގެ ހަޔާތް ބާއްޖަވެރިކޮށް ސުވަރުގޭގެ ނިޢުމަތް ހާސިލުކުރުމަށްއޮތް ހަމައެކަނީ މަގަކީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމޫނާއަކަށް ބަލައިގެން އެކަލޭގެފާނު ހިންގެވި މަގުން ހިނގުމެވެ. މިސަބަބަށްޓަކައި ދުނިޔެ އޮތްހާ ދުވަހަކު އެކަލޭގެފާނުގެ މުހިންމުކަމަށް ކުޑަވެސް ފަނޑުކަމެއްނާންނާނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ މުއައްސަސާއެއް ނުވަތަ އިންސްޓިޓިއުޝަނެކެވެ. އިސްލާމް ދީނުގެގެ ޝަރަޙަ ނުވަތަ ހުރިހާ ތަފުސީލެއްވަނީ އެކަލޭގެފާނުގެ ސުއްނަތުގައެވެ. އިސްލާމް ދީނުގެ އާދަކާދައާއި ޘަޤާފަތްވަނީ އެކަލޭގެފާނުގެ ސުއްނަތުގައެވެ. މުސްލިމުން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އަދި ކަންކުރަންޖެހޭގޮތާއި ކަންނުކުރަންނުޖެހޭގޮތް އެކަލޭގެފާނުގެ ސުއްނަތުން އެނގެއެވެ. ނަތީޖާއަކީ މުސްލިމުންގެ އުނގެނެންޖެހޭ މުހިންމު ޢިލްމަކަށް އެކަލޭގެފާނުގެ ސުއްނަތްވުމެވެ. ސުއްނަތުގައި ނުހިފުމަކީ ފާފަވެރިވާ ކަމެކެވެ. ބައެއް ހާލަތުގައި ސުއްނަތަށް އިންކާރުކޮށްފި މީހަކު ކުފުރުވެއެވެ. ނަތީޖާއަކީ މުސްލިމުންގެ މެދުގައި އެކަލޭގެފާނުގެ މުހިންމުކަން ދުވަހަކުވެސް ކުޑަނުވުމެވެ.

އިސްލާމް ދީނުގެ ރުކުންތައް ފުރިހަމަކުރުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެކެވެ. އިސްލާމް ދީނުގެ ރުކުންތައް ފުރިހަމަކުރުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި ނަމޫނާގައި ހިފަންޖެހެއެވެ. ނުވަތަ ރުކުންތައް ފުރިހަމަކުރުމަށްޓަކައި އެކަލޭގެފާނުގެ ސުއްނަތުގައި ފުރިހަމައަށް ހިފަންޖެހެއެވެ. އެހެންނޫނީ ނަމާދުކުރާންގޮތެއް ނޭގޭނެއެވެ. ޒަކާތްދެވޭނީވެސް އެކަލޭގެފާނުގެ އިރުޝާދަށް ތަބާވެގެންނެވެ. ހަމައެގޮތަށް ﷲ ރުހިވޮޑިގަންނަވާގޮތަށް ރޯދަ ހިފުން އޮތީވެސް އެކަލޭގެފާނު ގެންނެވިގޮތުގައި ހިފައިގެންނެވެ. ޙައްޖާއި ޢުމުރާގެ އެންމެހައި ކަންކަން އަޅުގަނޑުމެންނަށް އުނގަންނައިދެއްވީވެސް އެކަލޭގެފާނެވެ. އެހެންކަމުން ﷲ އަމުރުކުރެއްވިގޮތަށް އަދި އެކަލާނގެ ރުއްސަވާގޮތަށް ދީނުގެ ރުކުންތައް ފުރިހަމަކުރެވޭނީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރިހަމައަށް ތަބާވެ ކިޔަމަންވެގެންނެވެ. ކަންމިހެންހުރިއިރު އެކަލޭގެފާނުގެ މުހިންމުކަން ނުހަނުބޮޑެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާމެދު އަޅުގަނޑުމެން ކަންކުރަންވީގޮތް

އަޅުގަނޑުމެން މިއަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާމެދު ކަންކުރުމުގެ ކުރިން ބަލަންޖެހެނީ ﷲ އެކަލޭގެފާނާމެދު ކަންކުރެއްވިގޮތަށެވެ. މިހާރު އަޅުގަނޑުމެންނަށް ކަށަވަރުވެފައި އޮންނާނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މަޤާމާއި ދަރަޖައާއި މަތިވެރިކަމާއި މާތްކަމެވެ. ދެން އަޅުގަނޑުމެން ބަލަންޖެހެނީ އެކަލޭގެފާނުގެ އާލުންނާއި އަސްޙާބުން އެކަލޭގެފާނާމެދު ކަންކުރެއްވިގޮތަށެވެ. އެބޭކަލުން އެކަލޭގެފާނަށް ތަބާވެ ކިޔަމަންތެރިވީ ސުވާލަކާއިނުލައެވެ. އެބޭކަލުންގެ ފަލްސަފާއަކީ ތިމަންމެން އަޑުއަހައި ކިޔަމަންވެއްޖައީމުއެވެ. އެބޭކަލުން މިދުނިޔެއިން އެންމެބޮޑަށް އިހުތިރާމްކުރެއްވީ އެކަލޭގެފާނަށެވެ. ހަމައެގޮތަށް އެބޭކަލުން މިދުނިޔެއިން އެންމެބޮޑަށް ލޯބިކުރެއްވީވެސް އެކަލޭގެފާނަށެވެ. މިދެންނެވި ބޭކަލުން ކިޔަމަންތެރި އިޚުލާސްތެރި އަމަލުތަކާމެދު ރުހިވޮޑިގަންނަވާކަން ﷲ އެންގެވިއެވެ.

އެހެންވެ އަދުގެ މުސްލިމުން ބަލާލަންޖެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އާލުންނާއި  އަސްޙާބުން އެކަލޭގެފާނާމެދު ކަންތައްކުރެއްވިގޮތަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞަޙާބީން އެކަލޭގެފާނަށް މާތްކޮށް ހިތްތެވީ ﷲ އެންގެވިމަގުންނެވެ. ވިސްނާލައްވާށެވެ! އުމުރުފުޅުން ސާޅީސް އަހަރުފުޅުވަންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ މައްކާގެ ރައްޔިތެކެވެ. އެކަލޭގެފާނަކީ ކޮންމެވެސް މީހެއްގެ އަޚު ބޭކަލެކެވެ. އެކަލޭގެފާނަކީ ކޮންމެވެސް މީހެއްގެ ރަހުމަތްތެރި ބޭކަލެކެވެ. އެކަލޭގެފާނަކީ ފިރިކަލެކެވެ. އެކަލޭގެފާނަކީ ބަފައިކަލެކެވެ. އެކަލޭގެފާނަކީ އަވަށްޓެރި ބޭކަލެކެވެ. މިއީ ރަސޫލުކަމާއިގެން ފޮނުއްވުމުގެކުރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހަޔާތްޕުޅުގައި ގުޅުންތައް ހުރިގޮތެވެ. އެހެންވެ އެހެން އިންސާނެކޭ އެއްގޮތަށް އެކަލޭގެފާނާއި ތިމާގެކަމާއި ރަހުމަތްތެރިކަމުގެގޮތުން ވަރަށް ގާތްމީހުން އުޅުނެވެ.

އެކަމަކު އެކަލޭގެފާނަށް ރަސޫލުކަން ލިބިވަޑައިގަތުމާއެކު ހުރިހާ ކަމެއް ބަދަލުވިއެވެ. ހުރިހާ ކަމެއް ބަދަލުކުރުވީ އެބޭކަލުންނަށް ލިބިވަޑައިގަތް އީމާންކަމެވެ. އެއަށްފަހު އެބޭކަލުންނަށް ދެން މުޅިންވެސް ފެނިވަޑައިގަތީ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. މިސާލަކަށް އެކަލޭގެފާނުގެ އެންމެގާތް އެކުވެރިޔާ އަބޫބަކުރު އެންމެ ފަހަރަކުވެސް ތިމަންކަލޭގެފާނުގެ މިތުރު ނުވަތަ އެކުވެރިޔާ މިހެން ވިދާޅެއްނުވެއެވެ. އެކަމަކު އެކަލޭގެފާނު ވިދާޅުވީ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވި މިހެންނެވެ. ރަސޫލުﷲ ގެ ދަރިކަނަބަލުން ފާޠިމަތު ވާހަކަދައްކަވާއިރު ތިމަންކަމަނާގެ ބައްޕާފުޅު ވިދާޅުވިއެކޭ ވިދާޅެއްނުވެއެވެ. އެކަމަކު އެކަމަނާ ވިދާޅުވީ ރަސޫލުﷲ (ﷲ ގެ ރަސޫލާ) ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވި މިފަދައިންނެވެ. ޢާއިޝަތުގެ ފާނު އެންމެ ފަހަރަކުވެސް ތިމަންކަމަނާގެ ފިރިކަލުންނޭ ވިދާޅެއްނުވެއެވެ. އެކަމަކު އެކަމަނާ ވިދާޅުވީ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވިއެވެ. އެކަލޭގެފާނުގެ އެންމެ އަރިސް ކޮންމެ ބޭކަލަކަށާއި ބޭކަނބަލަކަށް އެންމެފުރަތަމަ ފެނިވަޑައިގަތީ ﷲ ގެ ރަސޫލާ އެވެ. އެއަށްފަހު ފިރިކަލުންނެވެ. ނުވަތަ އެއަށްފަހު ބަފައިކަލުންނެވެ. ނުވަތަ އެއަށްފަހު އެންމެގާތް މިތުރުކަލޭގެފާނެވެ. އަޅުގަނޑުމެން އެކަލޭގެފާނަށް އިހުތިރާމްކުރަންޖެހެނީ މިގޮތަށެވެ.

އެންމެފުރިހަމަ މާނައިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށްހިތުމަށްޓަކައި އެންމެ ފުރަތަމަކުރަންޖެހޭ ކަމަކީ އެކަލޭގެފާނާމެދު ތިމާދެކޭގޮތް ނުވަތަ ތިމާއަށް އެކަލޭގެފާނު ފެންނަގޮތް ރަނގަޅުކުރުމެވެ. ޒަމާނީ ބަހުރުވައިންނަމަ ތިމާގެ ޕަސެޕްޝަނާއި އެޓިޓިއުޑް ރަނގަޅުކުރުމެވެ. މިކަންކުރެވޭނީ ތިމާ މިހާރު ބަނދެވިފައިހުރި ފިކުރުންނިކުމެ އުނގެނި ދަސްކޮށްގެންނެވެ. ތިމާ ދައްކާ ވާހަކައާއި ކުރާކަން ހީއަށް ބިނާނުކޮށް ހަގީގަތް ހޯދައިގެންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ކޮބައިކަން އެނގި އެކަލޭގެފާނާމެދު ތިމާދެކޭގޮތް މުޅިން ރަނގަޅުކުރެވޭނީ ކީރިތި ޤުރްއާނުން އެކަލޭގެފާނު ދަސްކޮށްގެންނެވެ. ހަމައެފަދައިން އެކަލޭގެފާނުގެ ސީރާއިން އެކަލޭގެފާނު އުނގެނިގެންނެވެ. މިކަމުގައިވެސް އަޅުގަނޑުމެން ބަލަންޖެހެނީ އެކަލޭގެފާނު ޞަހާބީން ކަންކުރެއްވިގޮތަށެވެ.

ރަސޫލުﷲ ގެ ޞައްލަﷲ ޢަލައިހި ވަސައްލަމް ޞަޙާބީން އެކަލޭގެފާނުގެ ސުއްނަތުގައި ބާރަށް ހިއްޕެވިއެވެ. ﷲ އަށް އީމާންވުމަށްފަހު އެބޭކަލުން އީމާންވީ އެކަލޭގެފާނަށެވެ. ﷲ އަށް ކިޔަމަންވުމަށްފަހު އެބޭކަލުން ކިޔަމަންވީ އެކަލޭގެފާނަށެވެ. ޞަޙާބީން އެންމެބޮޑު ޝައުގުވެރިކަމެއް ބެހެއްޓެވި އިންސާނަކީ އެކަލޭގެފާނެވެ. ޞަޙާބީން އެންމެބޮޑަށްކުރެއްވި މަސައްކަތްޕުޅަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުއްނަތް އާލާކޮށް ދިރުވުމެވެ. އެބޭކަލުން އެކަލޭގެފާނު ދެއްކެވި ނަމޫނާގައި ސާބިތުވެ ދިރިއުޅުމުގެ ބިންގާއަޅުއްވައި އެބިންގަލުގެ މަތީގައި ދިރިއުޅުން އާރާސްތުކުރެއްވިއެވެ. ކޮންމެ ކަމެއްގައިވެސް އެބޭކަލުން ބެއްލެވީ ކީރިތި ޤުރްއާނަށާއި އެކަލޭގެފާނުގެ ސުއްނަތަށެވެ. ނަތީޖާއަކަށްވީ އެބޭކަލުންގެ މެދުގައި ސުލްހަވެރިކަމާއި އަމާންކަމާއި އަދުލުވެރިކަމާއި ބާއްޖަވެރިކަންއޮތުމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތްކޮށްހިތުމުގެގޮތުން ކުރަންޖެހޭ ފުރަތަމަ ކަމަކީ އެކަލޭގެފާނަށް އިހުތިރާމްކުޑަވާނެ ކޮންމެކަމަކުން ދުރުހެލިވުމެވެ. ނުވަތަ އެކަލޭގެފާނަށް ކުޑައިމީސްވެދާނެ އެންމެހާ ކަންކަމުން ދުރުހެލިވުމެވެ. އެގޮތުން އެއްވެސް ސިފައެއްގައި އެކަލޭގެފާނަށް ކަމޭނުހިތާ ބަޔަކާއެކީގައި އަޅުގަނޑުމެން އުޅެގެންނުވާނެއެވެ. އެކަލޭގެފާނުގެ މަގާމާއި ދަރަޖައަށް އުނިކަން އަތުވެދާނޭ ކަންކަންކުރާ މީހުންނާއެކީ އުޅުމެއްވެސްނުވެއެވެ. ހަމައެގޮތަށް އެކަލޭގެފާނުގެ ސުއްނަތުގެ ހުރުމަތްކަނޑާ މީހުންނާއެކީ އަޅުގަނޑުމެން ބައިވެރިވެގެންނުވާނެއެވެ. އަޅުގަނޑުމެން ބައިވެރިވެ ވާގިވެރިވާންޖެހޭނީ އެކަލޭގެފާނަށް މާތްކޮށްހިތާ އަދި ކަމޭހިތާ މީހުންނަށެވެ.

ރާއްޖެފަދަ އިސްލާމީ މުޖުތަމަޢުއެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް އިހުތިރާމްކުޑަކޮށްފިނަމަ އެކަން ކުށްވެރިކޮށް އެކަމާދެކޮޅަށް އަޑުއުފުލަންޖެހެއެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސް އެކަމުގައި އަވަސްފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސްކުރަންޖެހެއެވެ. ސަރުކާރުން ޤާނޫނާއ ޝަރީޢަތްމެދުވެރިކޮށް އެމީހަކަށް ޙައްޤުއަދަބުދޭންޖެހެއެވެ. ޣައިރު މުސްލިމުން މިބާވަތުގެ އަމަލުތައް ހިންގުމުން އެކަން ކުށްވެރިކޮށް އެކަމާދެކޮޅަށް ސުލްހަވެރިކަމާއެކު އަޑުއުފުލަންޖެހެއެވެ. އަޅުގަނޑުމެން އެމީހުންނަށް ދޭ ރައްދުގައި ދައްކަން ޖެހެނީ އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި މާތް ނަމޫނާއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުން ދައްކަންޖެހެނީ އެކަލޭގެފާނުގެ ޚުލްޤުފުޅެވެ. މިގޮތަށް ރައްދުދިނުމުން އެކަލޭގެފާނަށް ފުރައްސާރަކުރި މީހާ އިސްލާހުވެ އިސްލާމް ދީނަށްވަނުމުގެ ފުރުސަތު ތަނަވަސްވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހަށް ޔަހޫދީންތަކެއް އައިސް އެކަލޭގެފާނަށް ފުރައްސާރަކޮށް 'އައްސާމް ޢަލައިކަ' ގޮވިއެވެ. ޔަޢުނީ ކަލޭގެފާނަށް މަރުހުރި މިހެން އެމީހުންގޮވިއެވެ. ރައްދުގައި އެކަލޭގެފާނު ވިދާޅުވީ 'ކަލޭމެންނަށް އެފަދައިން ހުރި' އެވެ. ޔަހޫދީން ހިންގި މިޖަރީމާއާމެދު ކޯފާވެވަޑައިގެން އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ ރ.ޢ. ހަޅޭއްފުޅުލެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަގުތުން އެކަން ހުއްޓުވައި އެކަން މަނާކުރެއްވިއެވެ. ވީމާ ޣައިރު މުސްލިމް ގައުމުތަކުގައި އެމީހުން އެކަލޭގެފާނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އަޅުގަނޑުމެން ރައްދުދޭންޖެހެނީ ފިސާރި ސްމާޓުކޮށެވެ. އަމިއްލަ ގައިގަ ރޯކޮށް ގެދޮރާއި މުދަލުގައި ރޯކުރުމުން އަޅުގަނޑުމެންވާނީ އިބުލީހުގެ ދަރިންނަށެވެ. ބޮޑެތި މުޒާހިރާކޮށް އާންމު މަސްލަހަތު ނަގާލުމުން އަޅުގަނޑުމެންވާނީ ޝައިޠާނާގެ ބއިވެރިންނަށެވެ. އެއާޚިލާފަށް ސުއްނަތަށް ރުޖޫޢަވެ އަދަބު އިހުތިރާމާއެކު ރައްދުދިނުމުން އެމީހުންނަށް އިސްލާހުގެ ދޮރުހުޅުވޭނެއެވެ.  

މީހަކު ނުވަތަ ބަޔަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށްފި ހާލަތެއްގައި އެކަމަށް ރައްދުދޭނެ އެންމެ ރަނގަޅުގޮތް ހޯދުމަށް ދުޢާކުރަންޖެހެއެވެ. އެއަށްފަހު ދުލާއި ގަލަމުން އެކަން އަދަބުވެރިކަމާއެކު ކުށްވެރިކޮށް ސޯޝަލް މީޑިއާ ފުރާލަންޖެހެއެވެ. ސޯޝަލް މީޑިއާ ފުރަންޖެހެނީ އެކަލޭގެފާނު އިހުސާންތެރިކަމުގެ މިސާލުތަކުންނެވެ. އެކަލޭގެފާނުގެ ހިތްތިރިކަމުގެ އޯގާތެރިކަމުގެ ވާހަކަތަކުންނެވެ. އެކަލޭގެފާނުގެ ޢަފޫކުރެއްވުމާއި އަމާނާތްތެރިކަމުގެ ހާދިސާތަކުންނެވެ. އެކަލޭގެފާނުގެ މަޑުމައިތިރިކަމާއި މަޑުމޮޅިކަމުގެ ތަސްވީރުތަކުންނެވެ. އެކަލޭގެފާނުގެ ކެތްތެރިކަމާއި ދީލަތިކަމުގެ މިސާލުތަކުންނެވެ. އެކަލޭގެފާނުގެ ހިތްޕުޅުގެ ހެޔޮކަމާއި މުރާލިކަމުގެ ވާހަކަތަކުންނެވެ. ހަމައެގޮތަށް ޣައިރު މުސްލިމް ޢިލްމުވެރިންނާއި ފަންނާނުން އެކަލޭގެފާނަށް ތަޢުރީފްކޮށް ފާޅުކޮށްފައިވާ ޝުޢޫރުތަކުންނެވެ. ނަތީޖާއަކަށްވާނީ ބައިބަޔަށް އެމީހުން އިސްލާމް ދީނަށް ވަނުމަށް ޝައުގުވެރިވުމެވެ.

(ނުނިމޭ)

ޢަޙްމަދު ފަޔާޟު ޙަސަން
ޢަޙްމަދު ފަޔާޒް ޙަސަނަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަޝްހޫރު ނަމެކެވެ. ދުވަހު ނޫސްތަކުގައި ލިޔުއްވުމުގެ އިތުރަށް މަޝްހޫރު "ހުކުރު' މަޖައްލާގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރުކަން ކުރައްވައި އެ މަޖައްލާއަށް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި ހިންގުމާއި ވިޔަފާރިއާއި ތަޢުލީމީ ދާއިރާއިން ބޮޑެތި މީހުންނަށް ކިޔަވާދޭ އެދުރެކެވެ. އޭނާއަކީ ތަފާތު މައުޟޫއުތަކަށް ކޮލަމް ލިޔާ ލިޔުންތެރިއެއްވެސްމެއެވެ. މިހާރު ފަޔާޒަކީ އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.