ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި ގެންބިޔާއިން މިޔަންމާއާ ދެކޮޅަށް ދުނިޔޭގެ ކޯޓުގައި ދައުވާ އުފުލައިފި

ގެންބިޔާގެ ޖަސްޓިސް މިނިސްޓަރު އަބޫބަކުރު ތަންބާދޫ

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގާފައިވާ ޖަރީމާތަކުގެ މައްސަލަ ހުޅަނގު އެފްރިކާގެ މުސްލިމް ގައުމެއް ކަމުގައިވާ ގެންބިޔާއީން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅައިފިއެވެ. އައިސީޖޭއަކީ އދ. ގެ އެންމެ މަތީ ކޯޓެވެ.

ގެންބިޔާއިން ހުށަހެޅި 46 ސަފުހާގެ ދައުވާގައި ވާގޮތުން މިޔަންމާއިން ވަނީ ރަކައިން ސްޓޭޓްގައި ގަތުލު އާއްމާއި، އިއްފަތް ފެރުމާއި، އަވަށްޠައް ނައްތާލުމުގެ އަމަލުތައް ހިންގާފައެވެ.

ގެންބިޔާގެ ޖަސްޓިސް މިނިސްޓަރު އަބޫބަކުރު ތަންބާދޫ ވިދާޅުވިގޮތުގައި ގެންބިޔާއިން މިޔަންމާއާ ދެކޮޅަށް އައިސީޖޭގައި ދައުވާކުރަން ނިންމީ ރޮހިންޖާއިންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައި ވާތީއެވެ.

"މަގުސަދަކީ މިޔަންމާގެ ރައްޔިތުން ކަމުގައިވާ ރޮހިންޖާއިންނާ ދެކޮޅަށް މިޔަންމާއިން ހިންގާފައިވާ އަމަލުތަކުގެ މަސްއޫލިއްޔަތު އެގައުމުން އުފުލަން ޖެހޭ ގޮތް ހެދުން. އަހަރުމެމެންގެ ލޮލުގެ ކުރިމަތީގައި ނަސްލެއް އެކުގައި ނައްތާލެވެނުން ދާއިރު، އެކަމާ އަޅާނުލައި ތިބުމަކީ އަހަރުމެންގެ ޖީލަށް އޮތް ލަދުވެތިކަމެއް." ޖަސްޓިސް މިނިސްޓަރު ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތް، ހިއުމަން ރައިޓްސް ވޮޗެގެ އެސޯސިއޭޓް އިންޓަނޭޝަނަލް ޖަސްޓިސް ޑިރެކްޓަރ ޕަރަމްޕްރީތު ސިންގް ވިދާޅުވި ގޮތުގައި "ގެންބިޔާއިން އެޅި ގާނޫނޫ ފިޔަވަޅުގެ ސަބަބުން، ރޮހިންޖާއިންނާ ދެކޮޅަށް މިޔަންމާއިން ހިންގާފައިވާ ލާއިންސާނީ އަމަލުތައް ނަސްލުނައްތާލުމާ ބެހޭ މުއާހަދާއާއި ޚިލާފުކަން ކަނޑައެޅުމުގެ މަސައްކަތް ދުނިޔޭގެ އެންމެ މަތީ ކޯޓުގައި ފެށިގެން ދާނެ"އެވެ.

1948 ވަނަ އަހަރު އެކުލަވާލެވުނު ނަސްލު ނައްތާލުމާ ބެހޭ މުއަހަދާ، 'ކޮންވެންޝަން އޮން ދަ ޕްރޮވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" ގައި 1956 ވަނަ އަހަރު މިޔަންމާ ވަނީ ސޮއިކޮށްފައެވެ.

މިޔަންމާއިން ރޮހިންޖާއިންނާ ދެކޮޅަށް ނަސްލުނައްތާލުމުގެ ޖަރީމާ ހިންގާފައިވާ ކަމަށް ތުރުކީ، ނައިޖީރިޔާ، ބްންގްލާދޭޝް، ފްރާންސް އަދި ކެނެޑާއިން ބުނެފައިވާއިރު، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ މިޔަންމާއާ ދެކޮޅަށް ކޯޓަށް ދިއުމަށް އެ ޖަމާއަތުގެ މެންބަރު 57 ގައުމަށް ގޮވައިލާފައެވެ.

ގެންބިޔާއަކީ ހުޅަނގު އެފްރިކާގައި އޮންނަ އިސްލާމީ ގައުމެކެވެ. 10 ހާސް އަކަކިލޯމީޓަރު ހުންނަ މިގައުމެ އާބާދީ އަކީ 2 މިލިއަން މީހުންނެވެ. އާބާދީގެ %95 އަކީ މުސްލިމުންނެވެ.

2016 ވަނަ އަހަރާއި 2017 ވަނަ އަހަރު މިޔަންމާގެ ސިފައިން ރަކައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުގައި 24 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު 7 ލައްކައެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ބަންގްލާދޭޝްއަށް ހިޖުރަކޮށްފައެވެ. އެމީހުން އަދިވެސް އުޅެމުންދަނީ ރެފިއުޖީ ކޭންޕުތަކުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.