އީރާނުގެ ހުޅަނގު އުތުރަށް 5.9 މެގްނެޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިން ހެލުން އައިސްފައި ވަނީ ރޭ މެންދަމު 2:30 (ރާއްޖޭ ގަޑިން ފަތިހު 4:00) ވީއިރު، އިރުމަތީ އާޒަރްބައިޖާން ޕްރޮވިންސުގެ ހަސްތުރޫދު އަވަށާ 60 ކިލޯމީޓަރު ދުރަށެވެ.
އީރާނުގެ ޕްރެސް ޓީވީން ވެސް ވަނީ މިކަން ޔަގީންކޮށްދީފައެވެ. އެ ޓީވީން ބުނެފައިވާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ އިރުމަތީ އާޒަރްބައިޖާން ޕްރޮވިންސުގެ ވެރިރަށް ތަބްރޭޒުއާ 120 ކިލޯމީޓަރު ދުރުގައި އޮންނަ ތަރްކު އަވަށުގެ ކައިރިއަށް 8 ކިލޯމީޓަރު ބިމު އަޑިއަށެވެ. އަދި ފުރަތަމަ ބިން ހެލުމަށް ފަހު ކައިރި ރަށްތަކަށް ދެ ފަހަރު ގުޑުން އައެވެ.
ޕްރެސް ޓީވީން ބުނި ގޮތުގައި ބިންހެލުމުގެ ސަބަބުން 5 މީހުން މަރުވެ 120 މީހުން ވަނީ ޒަޚަމްވެފައެވެ.
އިރުމަތީ އާޒަރްބައިޖާނުގެ ކުއްލި އެހީއާ ބެހޭ ވެރިޔާ މުޙައްމަދު ބާޤީރު ހުނަރުއާ ހަވާލާދީ ޕްރެސް ޓީވީން ބުނެފައިވާ ގޮތުގައި އެހީދޭ އަށް ޓީމެއް މިހާރު ވަނީ ގެއްލުން ލިބުނު ސަރަހައްދުތަކަށް ފޮނުވިފައެވެ.
ބިންހެލުން އައި ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުން ދާތީ އެޙީދިނުމުގެ މަސައްކަތަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް ވެއެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އޮފިޝަލަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ބިންހެލުން އައީ ވަރަންކޭޝް އަވަށުގެ މެދަށެވެ. އަދި ތުރްކުމަންޗޭ އަވަށުގައި ބައެއް އިމާރާތައް ވެއްޓިފައިވާއިރު، ސަރާބް އަވަށުގައި ވެސް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
އީރާނު އޮންނަނީ ދެ ޓެކްޓޯނިކް ޕްލޭޓް ގުޅޭ ސަރަހައްދެއްގައި ކަމަށްވާތީ، އެ ގައުމަކީ ގިނައިން ބިންހެލުން އަންނަ ގައުމެކެވެ. 2003 ވަނަ އަހަރު ބާމް ޝަހަރަށް އައި ބިންހެލުމެއްގައި 31 ހާސް މީހުން މަރުވެފައި ވެއެވެ. 1990 ވަނަ އަހަރު އުތުރު އީރާނަށް އައި ބާރުގަދަ ބިން ހެލުމެއްގައި 40 ހާސް މީހުން މަރުވެ، 3 ލައްކަ މީހުން ޒަޚަމްވެ، 1 މިލިއަން މީހުންގެ ގެދޮރު ނެތިފައި ވެއެވެ.
2005، 2012 އަދި 2017 ގައިވެސް އީރާނަށް އެކިވަރުގެ ބިންހެލުން އައިސް 1500 މީހުން މަރުވެފައި ވެއެވެ.