ތުރުކީ ސިފައިންނާއި ރަޝިޔާ ސިފައިން ގުޅިގެން ސީރިޔާގެ އުތުރުން ސީރިޔާއާއި ތުރުކީ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފޯރިމަރަން ފަށައިފިއެވެ.
އެ ސަރަހައްދުގައި އުފެދިފައި އޮތް އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށް ދެ ގައުމުގެ ސިފައިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައި ވަނީ ފާއިތުވި އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ރަޝިޔާގެ ސޯޗީގައި ރައީސު ވްލާޑިމީރް ޕުޓިންއާއި ރައިސު ރަޖަބް ޠައްޔިބު އެރްދޮޣާން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ރަޝިޔާ ސިފައިންގެ 300 މީހުންނާއި، ހަތިޔާރުއެޅި 20 އުޅަނދު ވަނީ އެ ސަރަހައްދުގައި ތިބި ތުރުކީ ސިފައިންނާ ގުޅިފައެވެ.
ރައީސު ޕުޓިންއާއި ރައީސު އެރްދޮޣާން ބައްދަލުވުމަގައި އެއްބަސްވެފައި ވަނީ އުތުރު ސީރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރި ޖަމާއަތް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ) ގެ ހަނގުރާމަވެރިން 150 ގަޑިއިރުގެ ތެރޭގައި ތުރުކީ ސަރަހައްދީ ރޮނގާ 30 ކިލޯމީޓަރު ދުރަށް ސީރިޔާގެ ތެރެއަށް ފަހަތަށް ޖައްސައި، ސަރަހައްދީ ރޮނގުން ފެށިގެން 10 ކިލޯމީޓަރު ފުޅާ ސަރަހައްދެއްގައި ދެ ގައުމުގެ ސިފައިން ގުޅިގެން ފޯރިމެރުމަށެވެ.
ތުރެކީ ސިފައިންގެ ވެރިޔާ ޖެނެރަލް ޔާސަރު ގޫލަރްއާއި ރަޝިޔާ ސިފައިންގެ ވެރިޔާ ޖެނެރަލް ގެރާސިމޯވް ވަނީ މި އޮޕަރޭޝަނުގެ ތަފްސީލުތަކާ ބެހޭގޮތުން ފޯނުން ވާހަކަފުޅުދައްކަވާފައެވެ.
ސީރިޔާގެ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތް ވައިޕީޖީއަކީ ތުރުކީން 'ޓެރަރިސްޓު' ޖަމާއަތެއް ކަމުގައި ކަނޑައަޅާފައިވާ ކާޑިސް ވާކާސް ޕާޓީ (ޕީކޭކޭ) އަށް ތާއީދުކުރާ ބައެކެވެ. އެހެންކަމުން ތުރުކީން ބަލަނީ ވައިޕީޖީއަކީ ވެސް 'ޓެރަރިސްޓު' ޖަމާއަތެއް ކަމުގައެވެ. ފާއިތުވި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ތުރުކީން 'ސުލްހައިގެ ފެންއާރު' ގެ ނަމުގައި އުތުރު ސީރިޔާގައ ފެށި އަސްކަރީ އޮޕަރޭޝަނުގެ މަގްސަދަކީ ތުރުކީގެ ސަރަހައްދީ ރޮނގާ ކައިރި ހިސާބުތަކުން ކުރުދީ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމެވެ.
ސީރިޔާ ސަރުކާރާ ދެކޮޅަށް އެންމެ ގަދަފަދައަށް ހަނގުރާމަކުރި ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ މައިގަނޑު ބާރަކީ ވައިޕީޖިއެވެ. އެހެންނަމަވެސް، ތުރުކީ ސިފައިން އަސްކަރީ އޮޕަރޭޝަން ފެށުމާއެކު އެސްޑީއެފުން ވަނީ ތުރުކީއާ ގުޅޭ ސަރަހައްދީ ރޮނގާ ކައިރި ހިސާބުތަކަށް ސީރިޔާ ސަރުކާރުގެ ސިފައިން ވަނުމަށް ފުރުސަތުދީފައެވެ.
ރަޝިޔާ ސިފައިން އެ ދޭތެރެއަށް ވަދެ ތުރުކީ ސިފައިންނާ ގުޅިގެން ސަރަހައްދީ ރޮނގާ ކައިރި ހިސާބުތަކުގައި ފޯރިމަރަން ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ތުރުކި ސިފައިންނާ، ސީރިޔާ ސަރުކާރުގެ ސިފައިންނާ ދެމެދު ކުރިމަތިލުމެއް ހިނގިޔަ ނުދިނުމެވެ.