އެމްޑީޕީން ގަބޫލުކޮށްފައިވާނީ އޭޕީގެ ހުށަހެޅުމަށް ދީނީކަންކަން ގެންދަން: ރައީސް ނަޝީދު

އެމްޑީޕީ 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތީ އެޕާޓީގެ އިތުރަށް އެހެން ތިން ބޭފުޅަކާއެކުގައެވެ. އެތިން ބޭފުޅުންނަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ޢަދާލަތު ޕާޓީގެ ލީޑަރ ޢިމްރާން ޢަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ސަރުކާރުގެ (އެއްބައިވަންތަ ކަމުގެ ސަރުކާރު) ދީނީ ކަންކަން ކުރިއަށް ގެންދާނީ ޢަދާލަތު ޕާޓީގެ ހުށަހެޅުމަށް ކަމަށް އެމްޑީޕީން އެއްބަސްވެފައިވާނެ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ސިޔާސީ ޝިޔާރަށް ނުވަތަ 2015 ވަނަ އަހަރު ނެރެފައިވާ ރިޕޯޓަކަށް ޢަމަލުކުރަން ޖެހޭކަމަށް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

"އެމްޑީޕީ 2018 ގެ ރިޔާސީ އިންތިޚާބަށް ނުކުތީ އެހެން ތިން ބަޔަކާއެކު އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށް. އެސަރުކާރުގައި ދީނީކަންކަން ގެންދާނެ ގޮތަކީ ޢަދާލަތު ޕާޓީގެ ހުށަހެޅުން ކަމަށްއެމްޑީޕީން ގަބޫލުކުރި. އޭގައި ޕީޕީއެމްގެ ސިޔާސީ ޝިޔާރަށް ނުވަތަ 2015 ގައި ނެރުނު ރިޕޯޓަކަށް އަމަލު ކުރަން ޖެހޭ ކަމަކަށް ނެތް،" ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ޓުވީޓު ކުރެއްވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން 2015 ވަނަ އަހަރު ނެރެފައިވާ ރިޕޯޓުގެ ސަބަބުން އެ ޖަމިއްޔާ އުވާލައި އޭގައި އިސްކޮށްތިބި މީހުންނާމެދު ފިޔަވަޅު އެޅުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ސަރުކާރަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.