37.5 މިލިއަން ޑޮލަރު ކަރަންޓް މަޝްރޫއެއް ބީލަމަށް ނުލައި ޗައިނާގެ ކުންފުންޏަކަށް ދީފި

37.5 މިލިއަން ޑޮލަރުގެ އައްޑޫ ކަރަންޓް މަޝްރޫއު ބީލަމަށް ނުލައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އައްޑު އަތޮޅު ހިތަދޫގައި 20 މެގަ ވޮޓްގެ ކަރަންޓް މަޝްރޫޢެއް ފެށްޓުމަށް ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް އިންޓަނޭޝަލާ އެކު ވެވުނު އެއްބަސް ވުމުގައި ސޮއިކުރީ މިއަދު މާގިރި ހޮޓަލްގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިމަޝްރޫއު ހިންގަން ޑޮންގް ފެންގް އިލެކްޓްރިކް އިންޓަނޭޝަލާ ހަވާލުކުރައްވައިފައި ވަނީ، ބީލަމަށް ނުލައި، ސަރުކާރަށް ޕްރަޕޯރސަލް ހުށަހެޅުމުގެ، މަޝްރޫޢުގެ ދަށުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކުރައްވައިފައެވެ. މިމަޝްރޫޢަކީ ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އަތޮޅުގައި ހިންގާ މަޝަރޫޢަކަށްވާތީ އެއްބަސް ވުމުގައި ސޮއިކުރުމުގެ ކުރިން، ވޭތިވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި، ކަމާބެހޭ އިދާރާތަކާއެކު އިތުރަށް މަޝްވަރާ ކުރައްވައިފައި ވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢުގެ ޖުމުލަ އަގަކީ 37,585,957.00 ޔޫއެސް ޑޮލަރެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ޒިންމާ އުފުލަން ޖެހޭނީ ޑޮންގް ފެންގް އިލެކްޓްރިކް އިން ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފައިސާ ހަމަޖެހުމުން، އިތުރު އެއްބަސް ވުމެއްގައި ސޮއިކޮށް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މަޝްރުޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ޤަސްދު ކުރައްވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއްވިއެވެ.

37.5 މިލިއަން ޑޮލަރުގެ އައްޑޫ ކަރަންޓް މަޝްރޫޢު ނިމުމުން އައްޑުއަށް ދިމާ ކަރަންޓް މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށްވެސް އިކޮނިމިކް މިނިސްޓްރީން ހާމަކުރައްވައެވެ. ކަރަންޓް މަޝްރޫޢު ނިމުމުން އައްޑޫގައި ހިންގުމަށް ރާވާފައިވާ އިޤްތިޞާދީ މަސައްކަތަތައް ފެށުމަށް އިތުރު ހަލުއިކަމެއް ލިބިގެން ދާނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ހާމަ ކުރައްވައެވެ.

ބީލަމަށް ނުލައި، ސަރުކާރަށް ޕްރަޕޯރސަލް ހުށަހެޅުމުގެ، މަޝްރޫޢުގެ ދަށުން ކުންފުނިތަކާ މަޝްރޫޢުތައް ހަވާލު ކުރަނީ އެކުންފުނި ތަކުގެ މާލީ އަދި ފަންނީ ޤާބިލް ކަމަށް ބަލާ އެންމެ އެކަށީގެންވާ ކުންފުނިތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މި އުޞޫލުގެ ދަށުން އިއްޔެ ވަނީ ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ވެސް ބީލަމަށް ނުލައި 53 މިލިއަން ޑޮލަރަށް ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށް ދީފަ އެވެ. ބޭރުގެ ކުންފުންޏަކާ އެމަސައްކަތް ޙަވާލުކޮށްފައިވާއިރު އެމްޓީސީސީގައި އެވަރު ޤާބިލްކަން ހުރި މަހާޖައްރާފު ޑްރެޖަރެއް އޮވެ އެވެ. އެއީ މިދިޔަ ސަރުކާރުން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެންބަދެފައިވާ އުޅަނދެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.