ޖަޕާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ދައުވަތު ދެއްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގެން ދެއްވުން އެދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙު މިއަދު ދައުވަތު ދެއްވައިފިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ދައުވަތު ދެއްވީ ޖަޕާނުގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސްކޮޅުގައި ދެބޭފުޅުން ބޭއްވި ރަސްމީ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ބޮޑުވަޒީރު ޝިންޒޯ ވިދާޅުވީ ރައީސް ސޯލިޙު ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީތީވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިބައްދަލުވުމުގައި ރައީސް ވަނީ ބޮޑުވަޒީރު ޝިންޒޯގެ ޒަޢާމަތުގައި ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާ ފާގަތިކަމަށްވެސް އެދިވަޑައިގެންފައެވެ. ދެގައުމުގެ ގުޅުން ބަދަހި ކުރުމާބެހޭ ރަސްމީ މަޝްވަރާތައް ބޭއްވުނު މި ބައްދަލުވުމުގައި ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރާ ރައްޔިތުންނަށްވެސް ރައީސް ސޯލިޙު ޝުކުރުއަދާ ކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުންވެސް ޖަޕާނުގެ ބޮޑުވަޒީރާ މަޝްވަރާ ކުރައްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.