ލެބެނާނުގެ މުޒާހަރާތައް މެދުނުކެނޑި ކުރިއަށް ދާއިރު، ޚަރަދު ކުޑަކުރުމުގެ އާ ޕްލޭނެއް ހުށަހަޅަން ސަރުކާރުން ތައްޔާރުވެއްޖެ

ލެބެނާނުގެ ބޮޑުވަޒީރު ސަޢުދު އަލްޙަރީރީ

ފާއިތުވި ހަފުތާގައި ލެބެނާން (ލުބްނާން) ސަރުކާރުން މުވާސަލާތީ އާ ޓެކްސްތަކެއް ތައާރަފުކުރަން ނިންމުމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފެށިއެވެ.

ރައްޔިތު ބޮޑަށް ރުޅިއައީ ވަޓްސްއަޕް ފަދަ ހިލޭ ކޯލްކުރެވޭ ވަސީލަތަކުން ޓެކްސް ނަގަން ނިންމުމުންނެވެ. މިކަމުގެ ރުޅީގައި ފެށި މުޒާހަރާތައް އިގްތިސާދީ އިސްލާހުތައް ގެނައުމަށް ގޮވާލާ މުޒާހަރާތަކަކަށް ބަދަލުވެ މެދުނުކެނޑި ކުރިއަށް ދާއިރު ސަރުކާރަށް ވަނީ ލޮޅުން އަރާފައެވެ. ލެބަނާނުގެ ނަޞާރާއިންގެ ޕާޓީ، ލެބެނީޒް ފޯސަސްގެ ލީޑަރު ސަމީރު ޖަޢުޖަޢުވަނީ ސަރުކާރުގައި އޭނާގެ ޕާޓީގެ ފަރާތުން ތިއްބަވާ ހަތަރު ވަޒީރުން އިސްތިއުފާދެއްވާފައިވާކަން ހޮނިހިރު ދުވަހުއިއުލާންކުރައްވާފައެވެ.

ލެބަނާނު މީހުން މުޒާހަރާއަށް ނުކުމެ

ޚަބަރުތައް ބުނާގޮތުގައި ބޮޑުވަޒީރު ސަޢުދު އަލްޙަރީރީ ވަނީ އިއްޔެ 'ކުޑަ ކެބިނެޓް' ގެ ބައްދަލުވުމެއް ބާއްވަވައި، އަމަލް މޫވްމަންޓާއި، ޙިޒްބުﷲ އާއި، އެހެނިހެން ސިޔާސީ ފަރާތްތަކާއެކު އިގްތިސާދީ އިސްލާހުތަކުގެ އާ ޕްލޭނަކާ މެދު މަޝްވަރާކުރައްވާފައެވެ.

އިގްތިސާދީ އިސްލާހުތަކުގެ އާ ޕްލޭންގައިވާ ގޮތުން އަލަށް ނަގަން ނިންމި މުވާސަލާތީ ޓެކްސް ވަނީ މުޅިން އުވާލާފައެވެ. އޭގެ ބަދަލުގައި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކުރާ ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރަށް ސަރުކާރުން އުފައްދާފައިވާ ގިނަ ކޮމިޓީތަކެއް އުވާލުމާއި، އިންވެސްޓްމަންޓަށް ކުރާ ޚަރަދު ކުޑަކުރުން ހިމެނެއެވެ.

މި އިސްލާހީ ޕްލޭނުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރައީސާއި، ބޮޑުވަޒީރާއި، ވަޒީރުންނާއި، ގާނޫނުހަދާ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި، ކުރީގެ މެންބަރުންގެ މުސާރައިން %50 އުނިކޮށްލުމެވެ. އަދި ލެބްނާނުގެ ސެންޓްރަލް ބޭންކާއި، އެހެނިހެން ބޭންކުތަކުން ތިން ޓްރިލިއަން ލެބެނާން ލީރާ (3.3 ބިލިއަން އެމެރިކާ ޑޮލަރު) އިގްތިސާދުގެ ތެރެއަށް ނެރުމަށް ވަނީ ނިންމާފައެވެ.

މިއަދު އޮންނަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި މި އިސްލާހުތައް ފާސްކޮށް އާއްމުންނަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. އާއްމުން މި އިސްލާހުތައް ގަބޫލުނުކޮށްފިނަމަ، ބޮޑުވަޒީރު ޙަރީރީގެ ސަރުކާރު ދެމިއޮތުމާމެދު ސުވާލު އެފެދޭނެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.