އަމާޒަކީ ކޮންމެ މީހަކީ ވެސް ޤާބިލް މީހަކަށް ހެދުން: ނާއިބު ރައީސް

ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ދޫކޮށްނުލާ ކޮންމެ މީހަކީވެސް ޤާބިލުމީހަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޮކްޓޯބަރ 20 ވަނަ ދުވަހު ހަވީރު ބޭއްވި ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމް އިފްޠިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ގައުމެއް ކުރިއަރާދާނީ އެކި ދާއިރާތަކުން ޤާބިލު ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެންކަމުގައި ވިދާޅުވިއެވެ. އެގޮތުން ކޮންމެ ޤައުމަކުންވެސް އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މަސައްކަތްކުރަނީ މިސަބަބަށްޓަކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ތަރައްޤީގެ ގިނަގުނަ ކަންތައްތަކެއް ރާއްޖޭގައި ކުރަމުން އަންނައިރު ބޭރުމީހުންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްނުލައި ކަންކަން ރާވައި ހިންގަން މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ދިވެހިންނަކީ ހުނަރުވެރި، ފަސޭހައިން ކަންކަން ދަސްކުރާ ބައެއްކަމުގައެވެ. އެހެންކަމުން ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުންވެސް ދިވެހީންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި މަސައްކަތުގެ މާހައުލުގައި ކަމަށްކަމޭހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވުމަށް ދިވެހި ޒުވާނުންގެ ކިބައި އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަޒީފާގެ ވަގުތު ހެޔޮގޮތުގައި ބޭނުންކޮށް، މަސައްކަތަށް ކަމޭހިތައިގެން ހުނަރުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިސްނަގައިގެން ތަޢާރަފުކުރި މި ސްކީމަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ކުންފުނިތަކުގެ ވަޒީފާތަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެކިއެކި ދާއިރާތަކުން މަތީތަޢުލީމު ހާޞިލުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބިދޭ ސްކީމެކެވެ. މި ސްކީމުގެ ދަށުން ކުންފުނިތަކަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މަތީތަޢުލީމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ރާއްޖެއާ ރާއްޖެއިން ބޭރުން ފަހިކޮށްދޭނެއެވެ.

ޚަބަރާއި ފޮޓޯ: ރައީސް އޮފީސް-

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.