މީހުން މަރަން ގޮވާލާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ: ރައީސް ނަޝީދު

އިސްލާމްދީނުގެ ނަމުގައި މީހުން މެރުމަށާއި އަނިޔާވެރިކަމަށް ގޮވާލާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރައްވާފައިވާ ޓުވީޓެއްގައެވެ.

އެމަނިކުފާނު ތުހުމަތު ކުރައްވާފައިވަނީ ދީނުގެ ނަމުގައި މުޅިރާއްޖެ ހަމަނުޖެހުމަކަށް ދާން ދޫކުރެވިފައިވާ ކަމަށެވެ. އެކަން އެގޮތަށްވުމަކީ ވަރަށްބޮޑު ގޯހެއް ކަމަށްވިދާޅުވެ އެމަނިކުފާނު ވަނީ ކަމާބެހޭ ފަރާތްތައް ސަމާލުކަމަށް އެކަން ގެންނަވާފައެވެ. "އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ މުޅިރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކުރުމަކީ ވަރަށްބޮޑު ގޯހެއް. މީހުން މަރާށާއި، އަނިޔާވެރިކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވުމުން ބައެއް މީހުން ބުނެފައިވަނީ ދީން ހިމާޔަތް ކުރުމުގެ ނަމުގައި މީހުންގެ ލޭ ހުއްދަކުރަން ގޮވާލައި މުޖުތަމަޢުގައި ފިނަ އުފެދޭ ގޮތަށް ވާހަކަ ދެކެވިގެން ނުވާނެ ކަމަށެވެ. "އަދި ލާދީނިއްޔަތު ކުރިއެރުވުމަށް އިސްލާމްދީނާ މާތް ނަބިއްޔާއަށް ފުރައްސާރަ ކޮށް މަލާމާތް ކުރެވިގެންނުވާނެ. އެއީ އަދި މާބޮޑު ގޯހެއް،" ކަމަށެވެ.

ރައީސް ނަޝީދު އެވިދާޅުވާފަދަ ކަމެއް ރާއްޖޭގައި ކުރަނީ ނުވަތަ ކުރަން އުޅޭނީ ކޮންބައެއްކަމެއް ވިދާޅުވެފައެއް ނުވެއެވެ. އެހެންމަވެސް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތު ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެ ޖަމިއްޔާ އުވާލައި އެކަންކުރި މީހުންނާމެދު ފިޔަވަޅު އެޅުމަށް ރާއްޖޭގެ ޢިލްމުވެރިންނާއި ބައެއް ޢާއްމުންދަނީ ސަރުކާރަށް ގޮވައިލަމުންނެވެ. އަދި ޖަމިއްޔާ އުވައިލުމުގެ ރަސްމީ މަސައްކަތް ރޭ ފަށައިފައިވާ ކަމަށް ސަލަފު ޖަމިއްޔާއިން ވަނީ އިޢުލާން ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.