ޗިލީގައި ކުއްލި ހާލަތު އިއުލާންކޮށްފި

ސެންޓިއާގޯގެ ސަބްސްޓޭޝަނެއްގައި ރޯކޮށްލާފައި

ޗިލީގައި އާއްމު ދަތުރުފަތުރުގެ ނިޒާމުގެ ޓިކެޓްގެ އަގު ބޮޑުކުރުމާ ދެކޮޅަށް ކުރާ މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވުމާ ގުޅިގެން އެ ގައުމުގެ ވެރިރަށް ސެންޓިއާގޯގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.

މިއަހަރުތެރޭގަ ދެވަނަ ފަހަރަށް ޓިކެޓު އަގުބޮޑުކުރުމުން އެކަމާ ދެކޮޅަށް ފާއިތުވި ހަފުތާތެރޭގައި ފުރަތަމަ އިހުތިޖާޖު ފެށި ކިޔަވާކުދިންނެވެ. އެމީހުން ވަނީ އިހުތިޖާޖުކުރުމުގެ ގޮތުން ސަބްވޭތަކުގައި ޓިކެޓް ޗެކްކުރާ މެޝިންތައް މަތިން ފުންމާލައިގެން ރޭލުތަކަށް އަރާފައެވެ. ކިޔަވާކުދިން ފެށި މި އިހުތިޖާޖު ވަނީ ފަހުން މުޒާހަރާތަކަކަށް ބަދަލުވެފައެވެ.

ބުރާސްފަތި ދުވަހުއްސުރެ މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ ސަބްވޭ ސްޓޭޝަންތަކާއި، ބޭންކުތަކާއި ބަސްތަކުގެ ބިއްލޫރިތައް ތަޅައި ރޯކޮށްފައެވެ. ރޭ ވަނީ ބާރަ ސަބްވޭ ސްޓޭޝަނަކާއި، އެތައް ބޭންކަކާއި، އެތައް ބަހެއްގެ އިތުރަށް، ގައުމުގައި ކަރަންޓުގެ ޚިދުމަތް ދޭ އެންމެ ބޮޑު ކުންފުނި އެނެލްގެ މައި މަރުކަޒުގައިވެސް ރޭ ވަނީ ރޯކޮށްލާފައެވެ.

ހަމަނުޖެހުމުން ކޮންޓްރޯލުކުރެއްވުމަށް ޗިލީގެ ރައީސު ސެބާސްޓިއަން ޕިޏޭރާ ވަނީ ރޭގެ ވަގުތެއްގައި ވެރިރަށް ސެންޓިއާގޯގައި ކުއްލި ހާލަތު އިއުލާންކުރައްވާފައެވެ. ކުއްލި ހަލާތުގެ ދަށުން ރައްޔިތުން ނުކުމެ އުޅުން ކޮންޓުރޯލުކޮށް، އެއްވެ އުޅުން މަނާކުރެވޭނެއެވެ. އަދި ދާޚިލީ އަމަންއަމާންކަން ބެލެހެއްޓުމުގެ ކަންތަކާ ފުލުހުންގެ ބަދަލުގައި ސިފައިން ހަވާލުވާނެއެވެ.

"ކުއްލި ހާލަތު އިއުލާންކުރަން އަހަރެން ނިންމައިފިން. އަދި އެކަމަށްޓަކައި، އަހަރެން ވަނީ ގައުމީ ދިފާއުގެ ވެރިއެއްގެ ގޮތުގައި މޭޖާ ޖެނެރަލް ހާވިޔާ އިޓުރިއާގާ ޑެލް ކާމްޕޯ އައްޔަންކޮށްފައި. އެއީ އަހަރުމެންގެ ކުއްލި ހަލާތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން. " ކުއްލި ހާލަތު އިއުލާންކުރައްވަމުން ރައީސު ޕިޏޭރާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ މުޒާހަރާތަކުގައި ސަބްވޭ ސްޓޭޝަންތަކަށް ގެއްލުންދީގެން 133 މީހަކު ހައްޔަރުކޮށްފައި ވެއެވެ. ސަބްސްޓޭޝަންތަކަށް ލިބުނު ގެއްލުން 500 މިލިއަން ޕެސޯ (7 ލައްކަ 3 ހާސް 500 އެމެރިކާ ޑޮރަލު) އަށް އަރާކަމަށް ވެއެވެ.

ސެންޓިއާގޯގެ ސަބްވޭއަކީ މުޅި ދެކުނު އެމެރިކާގެ އެންމެ ބޮޑު ބިމުއަޑީގެ ދަތުރުފަތުރުގެ ވިއުގައެވެ. ސެންޓިއާގޯ ސަބްވޭ ވިއުގައިގެ 164 ސްޓޭޝަނަށް ގެއްލުން ދީފައިވާ އިރު މުޅި ވިއުގަ އެކުގައި މިހާރު ވަނީ ބަންދުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.