ބިދޭސީން ވަދެ މިއަދުވެސް ގަލޮޅު ދަނޑު ފުރާލައިފި، އަދިވެސް ކިޔޫގައި އެތައްސަތޭކަ މީހުން އެބަތިބި

ރަޖިސްޓްރީ ކުރުމަށް އެޕޮއިންޓްމަންޓް ހޯދުމަށް މިއަދު ވެސް އެތައްހާސް ބިދޭސީންނެއް ވަދެ ގަލޮޅު ބޯޅަ ދަނޑު ފުރާލައިފިއެވެ. އަދިވެސް ގަލޮޅުދަނޑުގެ އޮލިމްޕަހާ ދިމާ ގޭޓުން ފެށިގެން ގޮސް ގަލޮޅުސަހަރާ ކަންމައްޗާ ހިސާބަށް ގިނަ އަދަދެއްގެ ބިދޭސީން ކިޔޫ ޖެހިގެން އެބަތިއްބެވެ.

ޤަވައިދާޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހިންގާ ޙަރާކާތްތައް، ހިނގަމުންދާ ގޮތް ބަލާލަން އާފަތިސް ނޫހުން ގަލޮޅު ބޯޅަ ދަނޑަށް ވަންއިރު، މަޖީދީމަގު ސިޑިބަރި އާއި ހުޅަނގުފަރާތުން ބަނަފްސާ މަގަށްވާ ސިޑިބަރި ވަނީ ބިދޭސީން ވަދެ ފުރާލައިފައެވެ. ދަނޑުގައި ހުރި އިކޮނޮމިކް މިނިސްޓަރީ އިސް އޮފިޝަލަކު ވިދާޅުވީ އެދެސިޑިބަރީގައި ހަތަރު ހާހެއްހާ މީހުން ތިބޭނެކަމަށެވެ. އެޕޮއިންމަންޓް ދޫކުރުމަށް ސިޑިބަރިން މީހުން ފައިބާ ވަރަކަށް ކިޔޫގައި ތިބިމީހުން ގެންދަނީ ދަނޑަށް ވައްދަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން 54 މޭޒެއްގައި ތިބެގެން ގެންދަނީ ބިދޭސީންނަށް އެޕޮއިންޓްމަންޓަ ދޫކުރަމުންނެވެ. އެޕޮއިންޓް މެންޓް ހަމަޖައަސަމުންދަނީ ބިދޭސީންގެ ފޮޓޯ ނެގުމަށްފަހު އެމީހުންގެ މަޢުލޫމާތު އެއްކުރުމަށްފަހުއެވެ. މަޢުލޫމާތު އެއް ކުރުމަށްފަހު އެމީހުން ދަނޑުން ނުކުތުމުގެ ކުރިން އިނގިލީގައި މާކަރަކުން ފާހަގަ ޖަހައެވެ. މިއަދު ހެދުނު 9 ން ހަވީރު 5 ޖެހުމާހަމައަށް އެޕޮއިންޓްމެންޓް ދޫކުރަމުން ގެންދާނެއެވެ.

އެޕޮއިންޓްމަންޓް ދިނުމަށްފަހު އެމީހުން ރަޖިސްޓްރީ ކުރަން އިކޮނޮމިކް މިނިސްޓްރީއަށް ދާންޖެހޭ، ތާރީޚު މެސަޖަކުން އެމީހުންނަށް ފޮނުވަމުން ދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ގަލޮޅުދަނޑު ސަރަޙައްދުގައި އުޅޭ ބައެއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އިރާކޮޅުން ފެށިގެން ބިދޭސީން ވަނީ ގަލޮޅުދަނޑު ސަރަޙައްދަށް ޖަމާވެފައެވެ. މިމަހު ފަސްވަނަ ދުވަހު ވެސް ބިދޭސީން ރަޖިސްޓްރީކުރުމަށް ގަލޮޅުދަނޑުގައި ހިންގި ހަރަކާތުގައި ގަލޮޅުދަނޑު ފުރެންދެން ބިދޭސީން، ރަޖިސްޓާވުމަށް އެޕޮއިންޓްމަންޓް ހޯދުމަށް ވަދެތިއްބެވެ.

އިކޮނިމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރ ވިދާޅުވީ މިމަހު ފަސްވަނަ ދުވަހު ހިންގި ޙަރަކާތުގައި ވެސް 3200 މީހުންނަށް ރަޖިސްޓްރީ ވުމަށްޓަކައި އެޕޮއިންޓްމެންޓް ދޫކޮށްފައިވާ ކަމުގައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް ގަލޮޅުދަނޑުގައި ފުރުޞަތު ހުޅުވާލެއްވީ ރަޖިސްޓްރީ ވުމަށްދާ ބިދޭސީން، އިކޮނޮމިކް މިނިސްޓްރީގެ އޮފީސް ސަރަހައްދުގައި ކިޔޫގައި އެތައް އިރެއް ވަންދެން ތިބެން ޖެހޭ މައްސަލަ އަށް ހައްލެއް ހޯދައިދިނުމަށެވެ. މިމަހު 16 ވަނަ ދުވަހު ވެސް ގިނަ އަދަދެއްގެ ބިދޭސީން އިކޮނޮމިކް މިނިސްޓްރީ ދޮށުގައި ކިޔޫގައި ޖެހުނެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަނުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހު ފަހުކޮޅު އެވެ. އެ ފުރުސަތު ހުޅުވާލުމާ އެކު އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުން ކިޔޫ ނަންބަރު ދޫކުރުމުގެ އެތައް ގަޑިއިރެއް ކުރިން ބިދޭސީން ސަފު ހަދައިގެންތިއްބެންފެށިއެވެ.

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ރަޖީސްޓްރީވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އިކޮނޮމިކް މިނިސްޓްރީއަށް ގޮސް ރަޖިސްޓްރީވާން ޖެހެނީ މިވަގުތު ވަޒީފާ ނެތި ޤަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ. ޤަވާއިދުގެ ތެރެއަށް ބިދޭސީން ވަނުމަށް ފަހު، ވަޒީފާއެއް ހޯދަން ހަ މަސް ދުވަސް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

މިވަގުތު ރާއްޖޭގައި ޤަވައިދާޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު 63،000 އަރާކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.