ރަޖިސްޓްރީ ކުރުމަށް މިއަދު ވެސް ގިނަ ޢަދަދެއްގެ ބިދޭސީން ގަލޮޅު ދަނޑަށް ޖަމާވެއްޖެ

ރަޖިސްޓްރީ ކުރުމަށް މިއަދު ވެސް ގިނަ ޢަދަދެއްގެ ބިދޭސީން ގަލޮޅު ބޯޅަދަނޑަށް ޖަމާވެއްޖެއްޖެއެވެ. ގަލޮޅުދަނޑު ސަރަޙައްދުގައި އުޅޭ ބައެއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އިރާކޮޅުން ފެށިގެން ބިދޭސީން ވަނީ ގަލޮޅުދަނޑު ސަރަޙައްދަށް ޖަމާވެފައެވެ. އާފަތިސް ނޫހުން އެސަރަޙައްދަށް ދިޔައިރުވެސް ގިނަޢަދަދެއްގެ ބިދޭސީން ކިޔޫގައި ޖެހުމަށް ގަލޮޅު ސަހަރާކައިރިއަށް އެއްވެފައި ތިއްބެވެ.

ގިނަޢަދަދެއްގެ ބަޔަކު ގަލޮޅު ދަނޑަށް ވައްދައިފައިވާއިރު އަދި ވެސް ވަރަށް ގިނަ ޢަދަދެއްގެ މީހުން ގަލޮޅު ސަހަރާކައިރީގައި އެބަތިއްބެވެ. އެމީހުން ބުނީ މަޑުކޮށްގެން ތިބީ ފަހުން ވައްދާނެކަމަށް ބުނެފައި ވާތީކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އައިމިނަތު ނާދިޔާ ވިދާޅުވީ ރަޖިސްޓްރޭޝަން ކަންތައް ކުރިއަށްދާނީ މިއަދު ހެދުނު 9 ން ހަވީރު 5 ޖެހުމާހަމައަށެވެ. މިމަހު ފަސްވަނަ ދުވަހު ވެސް ބިދޭސީން ރަޖިސްޓްރީކުރުމަށް ގަލޮޅުދަނޑުގައި ހިންގި ހަރަކާތުގައި ގަލޮޅުދަނޑު ފުރެންދެން ބިދޭސީން ރަޖިސްޓާވާން ނަންބަރު ނަގައިގެން ތިއްބެވެ.

އިކޮނިމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރ ވިދާޅުވީ މިމަހު ފަސްވަނަ ދުވަހު ހިންގި ޙަރަކާތުގައި ވެސް 3200 މީހުންނަށް ރަޖިސްޓްރީ ވުމަށްޓަކައި އެޕޮއިންޓްމެންޓް ދޫކޮށްފައިވާ ކަމުގައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް ގަލޮޅުދަނޑުގައި ފުރުޞަތު ހުޅުވާލެއްވީ ރަޖިސްޓްރީ ވުމަށްދާ ބިދޭސީން، އިކޮނޮމިކް މިނިސްޓްރީގެ އޮފީސް ސަރަހައްދުގައި ކިޔޫގައި އެތައް އިރެއް ވަންދެން ތިބެން ޖެހޭ މައްސަލަ އަށް ހައްލެއް ހޯދައިދިނުމަށެވެ. މިމަހު 16 ވަނަ ދުވަހު ވެސް ގިނަ އަދަދެއްގެ ބިދޭސީން އިކޮނޮމިކް މިނިސްޓްރީ ދޮށުގައި ކިޔޫގައި ޖެހުނެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަނުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހު ފަހުކޮޅު އެވެ. އެ ފުރުސަތު ހުޅުވާލުމާ އެކު އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުން ކިޔޫ ނަންބަރު ދޫކުރުމުގެ އެތައް ގަޑިއިރެއް ކުރިން ބިދޭސީން ސަފު ހަދައިގެންތިއްބެންފެށިއެވެ.

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ރަޖީސްޓްރީވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އިކޮނޮމިކް މިނިސްޓްރީގެ އޮފީހަށް ގޮސް ރަޖިސްޓްރީވާން ޖެހެނީ މިވަގުތު ވަޒީފާ ނެތި ޤަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ. ޤަވާއިދުގެ ތެރެއަށް ބިދޭސީން ވަނުމަށް ފަހު، ވަޒީފާއެއް ހޯދަން ހަ މަސް ދުވަސް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

މިވަގުތު ރާއްޖޭގައި ޤަވައިދާޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު 63،000 އަރާކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.