މާސްޓަރ ކާޑުގެ ހުރިހާ ޕްރޮޑަކްޓްތަކެއް ބީއެމްއެލް އިން ތަޢާރަފް ކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއަށް މާސްޓަރކާޑް ތައާރަފް ކޮށްފިއެވެ. މާސްޓަރކާޑް ތައާރަފްކޮށްފައި މިވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުޢާމަލާތްކުރެވޭނެ މަގުފަހިކުރުމުގެ ގޮތުން ކަމަށް ބީއެމްއެލް އިން ވިދާވިއެވެ.

މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި، މާސްޓަރކާޑްގެ ހުރިހާ ޕްރޮޑަކްޓްތަކެއްވަނީ ތައާރަފް ކޮށްފައެވެ. މީގެ ތެރޭގައި މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑާއި ޕްރީމިއަމް މާސްޓަރކާޑް ވޯލްޑް ކްރެޑިޓް ކާޑު ހިމެނެއެވެ. އަލަށް މި ތައާރަފް ކުރެވުނު މާސްޓަރކާޑް އަދި މިހާރު ބޭނުންކުރެވޭ ހުރިހާ މާސްޓަރކާޑް ޕްރޮޑަކްޓްސްތަކަކީ ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ޕޭމަންޓް ހެދުމަށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭގޮތަށް ފަރުމާކޮށްފައިވާ ކާޑު ތަކެކެވެ. މާސްޓަރކާޑް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ ޢަލީ ހާޝިމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ދިވެހިރާއްޖޭގައި ޑިޖިޓަލް ބޭންކިންގ ގެ އެންމެ ކުރީގައި ބޭންކް އޮފް މޯލްޑިވްސް ފައިތިލަ ސާބިތުކޮށްފައިވާކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. ބީއެމްއެލް އާއި މާސްޓަރކާޑަކީވެސް ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި އެންމެ ޒަމާނީ އުފެއްދުންތަކާއި ޚިދުމަތްތަކަށް އިސްކަންދޭ ފަރާތްތަކަށްވުމުން، އަޅުގަނޑުމެންގެ މި ގުޅުމާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް އަންނާނެ. މި ތައާރަފް ކުރެވުނު އާ ޕްރޮޑަކްޓްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު މުޢާމަލާތްތައް ފުރިހަމަ ކުރެވިގެންދާނެ." ކަމަށެވެ.

ސްރީލަންކާ އަދި ރާއްޖެއަށް މާސްޓަރކާޑްއިން ކަނޑައަޅުއްވާފައިވާ ކަންޓްރީ މޭނޭޖަރ، ސަންތޯސް ކުމާރު ވިދާޅުވީ " ބޭންކް އޮފް މޯލްޑިވްސް އާއެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މާސްޓަރކާޑްގެ ހުރިހާ ޕްރޮޑަކްޓްތައް ގެނެސްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އެއްބަސްވުމާއެކު ސަރަހައްދީ ގޮތުން މާސްޓަރކާޑްގެ ޚިދުމަތްތައް ލިބޭ ގައުމުތައް އިތުރުވެ، ގިނަ ކަސްޓަމަރުންނަށް މި ހިދުމަތް ލިބި، ފަސޭހަ ކަމާއެކު ޕޭމަންޓް ހެދުމަށް މަގުފަހިވެގެންދާނެ." ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

  • ޚަބަރާއި ފޮޓޯ ބީއެމްއެލް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.