މާލެ ފަޅު ބޭރުން ދެ ލޯންޗު ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އަނިޔާ ލިބުނީ 17 އަހަރުގެ އަންހެން ކުއްޖަކަށާއި، 28 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
މީގެ ތެރެއިން ބޮޑަށް އަނިޔާވެފައިވަނީ 50 އަހަރުގެ މީހާއަށެވެ. އޭނާއަށް ފަރުވާދެމުން ގެންދަނީ އޮބްޒަވޭޝަނުގައި ބާއްވައިގެންނެވެ. އަނެއް ތިން މީހުންނަށް ލިބިފައިވަނީ ކުދިކުދިން އަނިޔާތަކެވެ. އެމީހުންނަށްވެސ ވަނީ އައިޖީއެމްއެޗުގައި ފަރުވާދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 10:08 ގައެވެ. ލިބުމާއެކު ފުލުހުންވަނީ ޙަރަކާތްތެރިވާން ފަށައިފައެވެ. މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. ފުލުހުން ގެންދަނީ މައްސަލަ ތަޙުގީގު ކުރަމުންނެވެ. ދެ ލޯންޗުވެސް ދުއްވީ އިންޖީނުލީ ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮންނަ ދެމީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.